މަޖުލިސް ގޭ ދޮށަށް ވީހާވެސް ގިނަބަޔަކު އެއްވުމަށް ޑިމޮކްރޭޓު ޕާޓީން ގޮވާލައިފިއެވެ.
ޑިމޮކްރޭޓް ޕާޓީން އެދުނީ ނިޒާމީ ބަހުސް ކުރިއަށްދާތީ ވީހާވެސް ގިނަަބޭފުޅުންް މަޖުލިސް ގެލެރީ އަށް ވަޑައިގަތުމަށެވެ. ނިޒާމީ ވޯޓާ ގުޅޭ ގޮތުން މިއަދު މަޖުލީހުގައި ދަނީ ބަހުސް ކުރަމުންނެވެ.
ވޯޓާ ގުޅޭ ގޮތުން މިއަދު މަޖުލިހުގައި ބަހުސް ކުރަމުންދާއިރު، އެއީ 13 ސެޕްޓެމްބަރުގައި ހުށައަޅާފައިވާ ގަރާރެކެވެ.
އެގޮތުން ބަހުސް ކުރަމުންދަނީ ނިޒާމީ ވޯޓާއި ގުޅޭގޮތުން އެމްޑީޕީގެ މެޖޯރިޓީ ލީޑަރާއި، މަޝްވަރާ ކޮށްފައި ކަމަށް ރައީސް ނަޝީދު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
ނިޒާމް ބަދަލު ކުރުމުގެ ވޯޓެއް ނަގާފައިވަނީ 2007 ވަނަ އަހަރުގައެވެ. އެ އިންތިހާބުގައި ރައްޔިތުން ވޯޓް ދީފައިވަނީ ރިޔާސީ ނިޒާމަކަށެވެ.
2018 ވަނަ އަހަރުގެ އިންތިހާބަށްފަހު ރައީސް ނަޝީދާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިޙާ ދެމެދު މައްސަލަ އުފެދެން ދިމާވި މައިގަނޑު ސަބަބެއް ކަމަށްވެސް ފާހަގަވެފައިވަނީ ނިޒާމު ބަދަލުކުރުމުގެ މައްސަލައެވެ. ނަމަވެސް ރައީސް ސޯލިހުގެ ސަރުކާރުގައި އެކަން ކޮށްފައިވނުވާތީ އެކަމާއި ގުޅިގެން އުފެދުނު ހިންހަމަ ނުޖެހުނުގެ ސަބަބުން އެމްޑީޕީއާއި ވަކިވެ ރައިސް ނަޝީދުވަނީ ޑިމޮކްރޭޓްސް ނަމުގައި ޕާޓީއެއް އުފައްދާފައެވެ.
މީގެއިތުރުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ފުރަތަމަ ބުރުގައި ޑިމޮކްރޭޓްސް ޕާޓީން ނެރުނު ކެންޑިޑޭޓް އިލްޔާސް ލަބީބަށް ލިބިވަޑައިގެންނެވީ ހަތް އިންސައްތަ ވޯޓެވެ. އެގޮތުން ފުރަތަމަ ބުރުގައި އެޕާޓީން ދަތުރު ކޮށްފައިވަނީ ތިންވަނަ އަށެވެ. ތިންވަނަ އަށް އޮތް، ޕާޓީގެ ހައިސިއްޔަތުން އެޕާޓީދަނީ ކޯލިޝަން ހެދުމުގެ މަޝްވަރާތައް ކުރަމުންނެވެ.
ނަމަވެސް ޑިމޮކްރޭޓްސް ޕާޓީން އެދެނީ ކޯލިޝަން ހަދާނީ ނިޒާމް ބަދަލު ކުރުމަށް އެއްބަސްވާ ފަރާތަކާއި އެކުގައި ކަމަށެވެ. ޑިމޮކްރޭޓްސް ޕާޓީގެ ފަރާތުން ރައީސް ނަޝީދު ވަނީ ނިޒާމީ ވޯޓަކަށް ދިއުމަށް ޕީޕީއެމް އާއި އެކުވެސް މަޝްވަރާ ކޮށްފައެވެ. ނަމަވެސް އެކަަމަށް އެ ޕާޓީން އެއްބަސްވެފައި ނުވެއެވެ.
މި ކަމާއި ގުޅޭގޮތުން ރައީސް ސޯލިހު ވިދާޅިވީ އިންތިހާބުގެ ވަގުތު ކުޑަމުއްދަތަކަށް ވެފައިވާއިރު ނިޒާމީ ވޯޓަކަަށް ދިއުމަކީ އެހާ ޕްރެކްޓިކަލް ކަމެއްް ނޫން ކަމަށާއި، މި ކަމުގައި އިލެކްޝަން ކޮމިޝަނަށްވެސް އުނދަގޫތަކެއް ހުންނާނެ ކަމަށެވެ.

