ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށް ކޯރަމް ހަމަނުވާ މައްސަލައިގައި މަޖިލީހުގެ މެޖޯރިޓީ އޮތް، ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއާއި މަޝްވަރާކުރުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިންމަވައިފިއެވެ.
މިއަދުގެ މަޖިލިސް ފެއްޓެވުމަށްފަހު ރިޔާސަތުގައި އިންނެވި ރައީސް ނަޝީދު ވިދާޅުވީ މަޖިލީސް ކުރިއަށް ގެންދިއުމަށް ބޭނުންވާ ކޯރަމް ހަމަވުމަށް ދެ މެންބަރުން މަދުވާކަމަށެވެ.
މިއީ ރިޔާސީ އިންތިހާބުގެ ފަހު ހަފްތާކަމަށް ފާހަގަކޮށް ރައީސް ނަޝީދު ވިދާޅުވީ ޕާޓީތަކުން ކުރާ ކެމްޕެއިންތަކުގައި މެންބަރުން ބައިވެރިވުން ދެކެނީ މަޖިލީހުގެ މަސައްކަތެއްގެ ގޮތުގައެވެ. އެހެން ނަމަވެސް ކަންބޮޑުވަނީ ކުޑަ ދަށުގައި ތިއްބެވުމަށްފަހު އެތެރެއަށް ވަދެވަޑައިގެނުގަންނަވާތީކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
މަސައްކަތުގައި އުޅުއްވީމައި އެ ކުރެއްވެނީ ހަމަ މި މަޖިލީހުގެ މަސައްކަތް.
ރައީސް ނަޝީދު ވިދާޅުވިއެވެ.
ކޯރަމް ހަމަކުރުމަށް ވަގުތުދެއްވުމަށްފަހު ރައީސް ނަޝީދު ވިދާޅުވީ ކޯރަމް ހަމަނުވެއްޖެނަމަ ތަޅުމުގައި ކުރައްވާ މަސައްކަތް ދޫކޮށްލައްވަންޖެހޭނެކަމަށެވެ.
މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ މި މަހުގެ 20 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ހިމެނިވަޑައިގަންނަވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންނާއި، ވަކި ޕާޓިއަކަށް ނިސްބަތްނުވާ މެންބަރުން ތަމްސީލުކުރައްވާ ގޮތް ފާސްކޮށްފައިވާކަމަށެވެ.
ދާއިމީ ކޮމިޓީތަކަށް މެންބަރުން އިންތިހާބުކުރުމަށްޓަކައި ކޮމެޓީތަކުގައި ތަމްސީލު ކުރައްވާނެ މެންބަރުންގެ ނަންތައް ފޮނުވުމަށް ޕާލިމަޓް ގުރޫޕުތަކުގެ ލީޑަރުންގެ އަރިހުގައި އެދިވަޑައިގެންފައިވާކަމަށާއި، މިހާތަނަށް ނަން ފޮނުވާފައިވަނީ ޕީޕީއެމްއާއި ޕީއެންސީ އަދި ދަ ޑިމޮކްރެޓްސްއިންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެމްޑީޕީއިން އަދި ފޮނުވާފައިނުވާކަމަށާއި، ދެން ހުރި އެހެން ޕާޓީތަކަށް މާ ބޮޑު ބަދަލެއް އައިސްފައިނުވާކަމަށް ވިދާޅުވިއެވެ.
މިއަދުގެ ވޯޓު ގަނޑީގައި ކޮމެޓީތައް ހަމަޖެއްސުމަށް ނިންމާފައިވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ނަމަވެސް ކޯރަމް ހަމަނުވާތީ ޖަލްސާ ކުރިއަކަށް ނުގެންދެވުނެވެ. ޖަލްސާ ނިންމަވާލައްވަމުން ރައީސް ނަޝީދު ވިދާޅުވީ ދެން އޮންނަ މަޖިލީހުގެ ޖަލްސާގެ ކުރިން ކޯރަމް ހަމަނުވާ މައްސަލައިގައި އެމްޑީޕީއާއި މަޝްވަރާ ކުރައްވާނެކަމަށެވެ.

