ޖެނުއަރީ 28 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއިން ލިބިވަޑައިގެން ނާކާމިޔާބީ ގަބޫލު ކުރެއްވުމަށް ދެކޮޅު ހައްދަވާ، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ ބޭފުޅުން އުފެއްދެވި ދަ ޑިމޮކްރެޓްސް ޕާޓީއަކީ، ރާއްޖޭގައި ހިނގަމުންދާ ހުރިހާ ގޯސްކަމެއް ހައްލުކުރުމަށް ވުޖޫދަށް ގެނައި ޕާޓީއެކެވެ. ވެރިކަމުގައި މިހާރު އޮތް އެމްޑީޕީއަކީ ރާއްޖޭގެ ވެރިކަން ކުރުމަށް ގާބިލް ޕާޓީއަކަށްނުވާތީ، އެމްޑީޕީއިން ކުރަމުންދާ ގޯސް ކަންކަން ހައްލުކުރުމަށް ޑިމޮކްރެޓްސް އުފެއްދިއިރު، ސުވާލަކީ ޕާޓީ ދަނީ އުފެއްދި މަގްސަދާއި އެއްގޮތަށްތޯއެވެ.
މެއި 24 ގައި ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދިނުމާއިއެކު، ޕާޓީގެ މަސައްކަތްތަށް ހުރި ގޮތަށް ބަލާއިރު، އެންމެ ފުރަތަމަ މަސައްކަތްތަކެއް ކުރެއްވީ ޖުމްހޫރީ ޕާޓީއާއިއެކުއެވެ. ގުޅިފައިވާ މެނިފެސްޓޯއެއް އެކުލަވާލުމުގެ މަސައްކަތްތަކެއް ފަށާ، އެކަމާއި ގުޅޭ ގޮތުން މަޝްވަރާކުރުމަށް ސިލްސިލާ ބައްދަލުވުންތަކެއްވެސް ބޭއްވިއެވެ. ނޫސްވެރިންނާއި ބައްދަލުކޮށް، މަންޒަރު ރީތި ކުރުމަށްޓަކައި ވާހަކަތަކެއްވެސް ދެއްކެވިއެވެ. ޖުމްހޫރީ ޕާޓީއާއިއެކު އެއް ގަލަކަށް އަރާފާނެ ހީވި ހިސާބުން ދެން ފެނުނީ ނިޒާމީ ވޯޓު ނެގުން ޝަރުތެއްގެ ގޮތުގައި ހިމެނި މަންޒަރެވެ. ބަރުލަމާނީ ނިޒާމަކީ ރާއްޖޭގައި އޮންނަން ފެންނަ އެންމެ ރަނގަޅު ނިޒާމުކަމަށް ދެކޭތީ، އެ ނިޒާމަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ނަގަންޖެހޭ ފެންނަ ނުފެންނަ ވޯޓު ނެގުމަކީ ގައުމުގެ ހުރިހާ ކަމަކަށްވުރެ އިސްކަމެއްގެ ގޮތުގައި ޑިމޮކްރެޓްސްއިން ދެކެއެވެ. ރައީސް ނަޝީދު ވިދާޅުވީ ގައުމަކަށް ބޮން އަޅަ އަޅާ އޮތް ނަމަވެސް، އެއީ ވޯޓެއް ނެގުން ވިއްޔާ މުހިންމުކަމެއްކަމަށެވެ.
ނަމަވެސް ޖުމްހޫރީ ޕާޓީއިން އެ ހުށައެޅުން ބަލައި ނުގަތުމަށް ނިންމިއެވެ. ޕާޓީގެ ލީޑަރ ގާސިމް އިބްރާހީމް ވިދާޅުވީ ރައީސް ނަޝީދު މަސައްކަތް ކުރައްވަނީ އެމަނިކުފާނަކީ ރައީސް ނަޝީދު ވެރިކަމަށް އަންނަ މަގު ކޮށައިދޭ މީހަކަށް ހެދުމަކަށްކަމަށެވެ.
މިއަށްފަހު ދެން ޑިމޮކްރެޓްސްއިން ސިޔާސީ މަޝްވަރާތަކެއް ފެއްޓެވީ ޕީޕީއެމް/ޕީއެންސީއާއިއެކުއެވެ. ދެ ޕާޓީއަށް އެއްބަސް ނުވެވޭ ކަންތައްތަކެއް ހުރިކަމަށް ހުދު އެބޭފުޅުންވެސް ގަބޫލު ކުރެއްވިއެވެ. ނަމަވެސް އެކަން އާންމުންނަށް ނުވަތަ މީޑިއާތަކަށް ނުދެއްކެވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރިއެވެ. ދެ ޕާޓީއަށް އެއްބަސް ނުވެވޭ ކަންތައްތައް ގިނަވެ، އެކަންކަމާއި ގުޅޭ ގޮތުން ނޫސްވެރިންގެ ސުވާލުތައް އަމާޒުވާން ފެށުމުން ކުށްވެރިކުރީ ނޫސްވެރިންނާއި މީޑިިއާތަކެވެ.
ދެން ފެނިގެން ދިޔައީ މާ ތަފާތު މަންޒަރެކެވެ. އެމްއެންޕީ، ޑިމޮކްރެޓްސް އަދި ޖުމްހޫރީ ޕާޓީއިން މިއަހަރު ބޭއްވި ރިޔާސީ އިންތިހާބަށް ”ކޮމަން ކެންޑިޑޭޓަކު“ ނެރުމަށް އެއްބަސްވިއެވެ. އެހެން ނަމަވެސް އޭގެންވެސް ނިކުތް ނަތީޖާއެއް ނެތެވެ.
އެ ޖެހި ސަކަރާތްތައް ހުއްޓަވާލެއްވުމަށްފަހު، ސީރިއަސް މަސައްކަތްތަކެއް ފެއްޓެވީ އިންތިހާބަށް ވަގުތު ކުޑަތަންވުމުންނެވެ. ޕާޓީގެ ކެންޑިޑޭޓަކީ އިލްޔާސް ލަބީބްކަމަށް ކަނޑައަޅުއްވާ ރިޔާސީ ކެމްޕެއިން ފެއްޓެވިއެވެ. އެކި ރަށްތަކަށް ވަޑައިގެން ޕާޓީގެ ސިޔާސަތުތައް ވިއްކެވުމުގެ މަސައްކަތްވެސް ކުރެއްވިއެވެ. ނަމަވެސް ޑިމޮކްރެޓްސްއަށް ވެރިކަން ދޭން ޖެހޭ ސަބަބާއި، ގައުމުގައި ހުރި މައްސަލަތައް ހައްލުކުރުމަށް ޑިމޮކްރެޓްސްއިން ކުރާނެ މަސައްކަތްތައް ރައްޔިތުންނަށް ތަފްސީލު ކޮށްދެއްވުމަށްވުރެ ބޮޑަށް ކުރެއްވީ އެންޓި ކެމްޕެއިންއެވެ. އިންތިހާބު ކާމިޔާބުކޮށް ރާއްޖޭގެ ވެރިކަމަށް އައިސް ރައްޔިތުން އެދޭފަދަ ވެރިކަމެއް ކުރުމަށްވުރެ ބޮޑަށް މަސައްކަތް ކުރެއްވީ އިބޫ ނޫން ގޮތެއް، ނުވަތަ އެމްޑީޕީ ނޫން ގޮތެއް ހޯދުމަށެވެ. ވޯޓުތައް ބައިބައިކޮށް ދެވަނަ ބުރަކަށް ރިޔާސީ އިންތިހާބު ދިއުމަކީ މައިގަނޑު އަމާޒުކަމުގައިވެސް ހީވިއެވެ.
އެ ކުރި މަސައްކަތުން ރިޔާސީ އިންތިހާބުގައި ލިބުނު 7 އިންސައްތައާއިއެކު، ގިރުވާން ކޮޅަށް ޖަހާ، ލިބިފައި އޮތީ ވަރަށް ބޮޑު ބާރެއްކަމުގައި ދެކި ޖެހި ސަކަރާތުން ލިބުން ހަމަ އެއް މޮޅުވެސް ނެތެވެ. ދެވަނަ ބުރަށް ދަތުުރުކުރި އެމްޑީޕީ އަދި ޕީޕީއެމް އަށްވެސް ހުށައެޅީ އެއް ހުށައެޅުމެކެވެ. ތިމަންނާމެންނާއިއެކު ނޫނީ އިންތިހާބު ކާމިޔާބު ނުކުރެވޭނެކަމުގައި ދެކުނު ދެކުމަކީ، ދެކޮޅުންވެސް ގެއްލުންވީ މައިގަނޑު ސަބަބޭ ދެންނެވިދާނެއެވެ. ބަރުލަމާނީ ނިޒާމަށް ރާއްޖޭގެ ވެރިކަން ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ހުށައެޅި ހުށައެޅުމާއިއެކު ދެވޭނެ އެއްވެސް ކޮޅެއް ނެތި ހުރިހާ ދޮރެއް ބަންދުވީއެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވަކި ކޮޅަކަށް ނޭރުމަށް ނިންމި ނަމަވެސް އިންތިހާބު ނިމުމާއިއެކު ދެން ފެނުނީ ކާމިޔާބީ ލިބުން ޕީޕިއެމް/ޕީއެންސީގެ ހިޔަލުގެ ދަށަށް ވަންނަން މަސައްކަތް ކުރަން ފެށީ މަންޒަރެވެ. އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ހިންގުމުގައި އާއި، ސަރުކާރުގެ އެކި ވުޒާރާތަކުގައިވެސް ޑިމޮކްރެޓްސްގެ ބައިވެރިވުން އޮންނާނެކަމަށް ބުނިއެވެ. ނަމަވެސް މިއިން އެއްވެސް ވާހަކައަކަށް ޕީޕިއެމް/ޕީއެންސީއިން މާ ބޮޑު ސަމާލުކަމެއް ނުދެއެވެ.
ރައްޔިތުން ހައްގުތައް ކަށަވަރު ކޮށްދިނުމަށްވުރެ ޑިމޮކްރެޓްސްއިން ބޭނުންވަނީ ބާރުވެރިކަމޭ، ދެންނެވެނީ ކަން މިހެން ހުރުމުންނެވެ. ބޮޑު ވަޒީރަކަށްވުމަށް ޕާޓީގެ މެންބަރުން އެދެކޭ ހުވަފެނުގައި ކުލަ ޖެއްސުމަށް ހުރިހާ ކަމެއް ކުރަމުން ދިއުމަކީ ޕާޓީގެ ކުރި މަގާއިމެދު ސުވާލު އުފެދޭ މައިގަނޑު ސަބަބެވެ. އެމްޑީޕީގެ ވެރިކަން ބަދަލުވެ އެހެން ބަޔަކަށް ވެރިކަން ފުރޮޅިގެން ދާއިރުވެސް، ފެންނަމުންދަނީ ސިޔާސީ ވާދަވެރިކަމުގައި ނުވަތަ ހަސަދަވެރިކަމުގައި ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށާއި، އެމްޑީޕީގެ މެންބަރުންނަށް ފާޑު ވިދާޅުވާ މަންޒަރެވެ. ރައީސް ސާލިހަކީ ކުށްވެރިއަކަށް ދެއްކެވުމުގެ މަސައްކަތް ނޫން އިތުރު އެހެން މަސައްކަތެއް ގައުމުގެ މަސްލަހަތަށްޓަކައި ކުރެވެން ހަމަ ނެތީތޯއެވެ.
މުޅި ގައުމު ރިފޯމްކޮށް، އާ ހަރުފަދަ ގެންގޮސް ކުރިއަރުވަން ވަޑައިގެންނެވި ނަމަވެސް، ފެންނަމުންދަނީ ސިޔާސީ އެދުން ހާސިލްކުރުމަށް ޕާޓީތަކުގެ ފަހަތުން ދުވާ މަންޒަރެވެ.


One Response
މަނޖެއަށް ތި ވާހަކަ ލިޔުމުގެ ފުރުސަތު ފަހިކޮށްދޭން އަންނި ވީ ގުރުބާނީއަށް ޝުކުރުއަދާކޮށްފަ ދެން ތި ވާހަކަ ލިޔުނު ނަމަ ވ. ފުރިހަމަވީސް