އިއްޔެ ބޭއްވި ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިހާބުގައި ޕާޓީގެ ރައީސްގެ މަގާމު ކާމިޔާބު ކުރެއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފްކަމަށް އިއުލާނުކޮށްފި އެވެ.
ވަގުތީ ނަތީޖާ އާންމު ކުރުން ލަސްވެ، ސުވާލުތައް އުފެދިފައި ވަނިކޮށް މީޑިއާތަކުގެ ހާޒިރުގައި ޑިމޮކްރެޓްސްއިން ވަނީ އިންތިހާބުގެ ތަފްސީލުތައް އާންމުކޮށްފަ އެވެ.
އިންތިހާބުގައި ހަސަން އާއި ވާދަކުރެއްވީ އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު އެވެ.
ޕާޓީގެ ރަސްމީ ނަތީޖާތައް އިއުލާނު ނުކުރަނީސް، ހަސަން އިންތިހާބު ކާމިޔާބު ކުރެވިއްޖެކަމަށް ޓުވީޓު ކުރި މައްސަލަ ވެސް ގޯސްވި އެވެ. އޭގެ ފަހުން އަމްރު ވެސް އެފަދަ މޭރުމަކުން ޓުވީޓު ކުރެއްވި އެވެ.
ނަތީޖާ އިއުލާނު ކުރުމަށް މިރޭ ބޭއްވި ބައްދަލުވުމުގައި، މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެފައި ވަނީ މާލެއާއި ރަށްތަކުގައި ބޭއްވި އިންތިހާބުގައި ތިންހާހަށް ވުރެ ގިނަ މީހުން ވޯޓުލާފައިވާ ކަމަށެވެ.
އެގޮތުން ޕާޓީގެ ރައީސްގެ މަގާމު 1،804 ވޯޓާއި އެކު ހަސަން ލަތީފް ކާމިޔާބު ކުރެއްވިއިރު، އަމްރުއަށް ލިބިވަޑައިގަތީ 1،300 ވޯޓެވެ.

