ހއ އިހަވަންދިއްޕޮޅުގައި އެޅުމަށް ހަމަޖެހިފައިވާ ބަނދަރު ލ އަތޮޅަށް ބަދަލުނުކުރާކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ސައީދުވަނީ އިހަވަންދިއްޕޮޅުގައި ގާއިމުކުރުމަށް ކަނޑައެޅިފައިވާ ޓްރާސް ޝިޕްމެންޓު ބަނދަރާއި ގުޅޭގޮތުން ކުރެވުނު ސުވާލުތަކަށް ޖަވާބުދެއްވާފައެވެ. އެގޮތުން އިހަވަންދިއްޕޮޅުގައި ޓްރާސް ޝިޕްމެންޓު ބަނދަރެއް ގާއިމުކުރެވެންދެން އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުތަކަށް ހިދުމަތް ދިނުމަށް ނިމިދިޔަ ސަރުކާރުން އެ ސަރަހައްދުގައި ތެޔޮ ސްޓޯރެޖެއް ގާއިމުކޮށް ބަންކަރިންގެ ހިދުމަތްތައް ދިނުމަށް ގަތަރުގެ ކުންފުންޏަކާއި އެކު ސޮއިކޮށްފައިވާ މަޝްރޫޢުގެ މަސައްކަތްތަކާއި ބަނދަރުގެ މަސައްކަތްތައް ކުރިއަށް ގެންދިއުން ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ހުއްޓާލީތޯ ސުވާލުކުރުމުން މިނިސްޓަރުވަނީ ފާހަގަކުރެވިގެންދިޔަ އެއްވެސް މަސައްކަތެއް ހުއްޓާލާފައިނުވާކަން ހިއްސާކުރައްވާފައެވެ.
އެމަނިކުފާނު ވިދާޅުވީ، ބަންކަރިންގެ ހިދުމަތް ދިނުމަށްޓަކައި އިހަވަންދިއްޕުޅުގައި ވަސީލަތްތަކެއް ގާއިމުކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ އެސްޓީއޯ އަދި ގަތަރުގެ ކުންފުންޏަކާއި ދެމެދުކަމަށެވެ. އަދި އެއްވެސް މަސައްކަތެއް ހުއްޓާލާފައިނުވާކަމަށް ސައީދު ތަކުރާރުކުރެއްވިއެވެ. މިނިސްޓަރު ވިދާޅުވީ، ރައީސް މުއިއްޒުގެ ސަރުކާރުން އެކަމާއިމެދު އިތުރު ގޮތްތަކެއް މިހާ ހިސާބަށް ނިންމާފައިނުވާނެކަމަށާއި އެ އެމްއޯޔޫ މިވަގުތު އޮތީ އެކްޓިވްކޮށްކަމަށްވެސް ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވީ، މިވަގުތު ސަރުކާރުން ކުރަމުންދަނީ އެފަދަ އެތައް އެއްބަސްވުމެއް ރިވިއުކުރުމުގެ މަސައްކަތްތައްކަމަށާއި އެއްބަސްވުމަކީ ދެ ކުންފުންޏެއް ދެމެދު ސޮއިކުރެއްވިފައިވާ އެއްބަސްވުމެއްކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން އެ މަސައްކަތްތަކާއިމެދު ގޮތް ނިންމާނީ ކުންފުނިންކަމަށް އުންމީދުކުރައްވާކަމަށްވެސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ސަރުކާރުން އަމާޒުކުރަނީ ބަންކަރިންގެ ހިދުމަތްތަކާއި އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުތަކަށް ބޭނުންވާ އެހެނިހެން ހިދުމަތްތައްވެސް ގާއިމުކުރުމުގެ މަސައްކަތްތައް އިންވެސްޓުމެންޓެއްގެ ގޮތުގައި ކުރިއަށް ގެންދެވުންކަމަށެވެ. މިނިސްޓަރު ވިދާޅުވީ، އެއްބަސްވުމާއި ގުޅޭ އިތުރު މައުލޫމާތުތައް އެސްޓީއޯގެ އެމްޑީގެ ގާތުން ސާފުކުރެއްވިކަމަަށެވެ. އެމަނިކުފާނު ވިދާޅުވީ، އެމްއޯޔޫއެއްގައި ސޮއިކުރެވިފައިވަނީ އެ ސަރަހައްދުގައި ބަންކަރިންގެ ހިދުމަތްތައް ދިނުމަށް ގަތަރުގެ ކުންފުންޏަށް ޕާޓުނާޝިޕަކަށް ދެވިދާނެތޯ ބެލުމަށްކަމަށެވެ.
އިހަވަންދިއްޕޮޅުގައި އެޅުމަށް ކަނޑައެޅިފައިވާ ޕޯޓު ލ އަތޮޅު ގާދޫއަށް ބަދަލުކުރެވިފައިވާ ވާހަކައަށްވެސް މިނިސްޓަރު ޖަވާބުދެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، އިހަވަންދިއްޕޮޅުގައި އެޅުމަށް ނިންމާފައިވާ ޕޯޓެއް ރައީސް މުއިއްޒުގެ ސަރުކާރުން ލ އަތޮޅަށް ބަދަލުކޮށްފައިނުވާކަމަށެވެ. މިނިސްޓަރު ވިދާޅުވީ، ރައީސް މުއިއްޒުގެ ވައުދަކީ އިވަންދިއްޕޮޅާއިއެކު ލ އަތޮޅުގައިވެސް ބަނދަރެއް ގާއިމުކުރުންކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، އެ ވާހަކަތައް އެގޮތުގެ މަތިން ދެކެވެމުންދަނީ ދެ ސަރަހައްދުގައިވެސް ވަސީލަތްތައް ގާއިމުކުރުމުގެ ވިސްނުންތައް ހާމަކޮށްފައިވާކަމަށްވުމުންކަމަށާއި އެއީ އޮޅުމެއް ކަމަށް ގަބޫލުކުރެއްވޭކަމަށްވެސް ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ، އިހަވަންދިއްޕޮޅުގައި ކުރިއަށް ގެންދިއުމަށް ކަނޑައެޅިފައިވާ އެއްވެސް މަޝްރޫޢޫއެއް ލ އަތޮޅަށް ބަދަލުކޮށްފައިނުވާކަމަށެވެ.

