ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަދި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ޗައިނާގެ ފޫޖިއާން ޕްރޮވިންސްގެ ޝިއަމެން ފްރީޓްރޭޑް ޒޯނަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ މި ޒިޔާރަތުގައި ޝިއަމެން ފްރީޓްރޭޑް ޒޯނުގެ ފަރާތުން ވަނީ އެތަނާބެހޭ ތަޢާރަފެއް ހިމެނޭ ވީޑިއޯއެއް ހުށަހަޅައިދެއްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ މިތަނުގެ މުހިންމު ތަންތަން ބައްލަވާލައްވައި އެތަންތަނާ ބެހޭގޮތުން މަޢުލޫމާތު އޮޅުންފިލުއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިހާރު ގެންދަވަނީ ޗައިނާއަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވަމުންނެވެ. މި ދަތުރުފުޅުގައި އެ ދެކަނބަލުންގެ އަރިހުގައި ދިވެހި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ފުރަމާނަ ދަތުރުފުޅުގައި ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ރަސްމީ ވާހަކަފުޅުތައް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. އަދި ދެ ޤައުމުގެ ދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ މުހިންމު އެއްބަސްވުން ބަދަލުކުރުމަށްވެސް ހަމަޖެހިފައިވެއެވެ. އެގޮތުން ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމާއި، ފަންނީ ދާއިރާތަކުން މީހުން ބިނާކުރުމާއި، އިޖުތިމާއީ، އިޤުތިޞާދީ އަދި ޓެކްނޮލޮޖީގެ އިތުރުންވެސް އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުން ހިމެނެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ފޫޖޯގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންވެސްޓް މޯލްޑިވްސް ފޯރަމްގައި ބައިވެރިވެވަޑައިގެން، ޗައިނާގެ ބައެއް ވިޔަފާރިވެރިންނާ ބައްދަލުކުރައްވައި، ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އިޖުތިމާއީ އަދި އިޤުތިޞާދީ ގުޅުން ބަދަހި ކުރެވިދާނެ ދާއިރާތަކާ ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށްވެސް ހަމަޖެހިފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި މި ދަތުރުފުޅުގައި ދިވެހި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

