މޫސުން ގޯސްވުމުގެ ސަބަބުން މުދަލަށް ލިބިދާނެ ގެއްލުމުން ރައްކައުތެރިވުމަށް ފިޔަވަޅު އެޅުމަށް ނޭޝަނަލް ޑިޒާސްޓާރ މެނޭޖްމެންޓް އޮތޯރިޓީއިން އިލްތިމާސްކޮށްފިއެވެ.
މެޓް ސެންޓަރުން އާންމުކޮށްފައިވާ ބަޔާނެއްގައިވާގޮތުން ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ރާއްޖޭޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވެގެންދާނެކަމަށް ބެލެވެއެވެ. އެހެންކަމުން މޭ މަހުގެ 16 ވަނަ ދުވަސްވާ ބުރާސްފަތި ދުވަހުން ފެށިގެން ކުރިއަށް އޮތް ފަސް ދުވަހަށް ރާއްޖޭގެ ސަރަހައްދުގައި އާންމުކޮށް ވައި ބާރުވެ ކަނޑު ވަރަށް ގަދަވާނެކަމުގެ އިންޒާރު ދީފައިވާއިރު ވިއްސާރަކުރާނެކަމަށްވެސް ލަފާކޮށްފައިވެއެވެ.
މެޓް ސެންޓަރުން ބުނެފައިވާގޮތުން ގަޑިއަކު 15 މޭލާއި 25 މޭލާއި ދެމެދުގެ ބާރު މިނެއްގައި ވައިޖެހޭނެކަމަށް ބެލެވެއެވެ. އަދި ވިލާގަނޑުގައި ގަޑިޔަކު 45-50 މޭލުގެ ބާރުމިނަށް ވައިގަދަވެ ކަނޑުތައް ގަދަވެ ދިޔަވަރު ބޮޑުވާ ވަގުތުގައި ބައެއް ރަށްތަަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާކަމަށް ބުނެފައިވެއެވެ.
އެންޑީއެމްއޭއިންވަނީ މެޓް ސެންޓަރުގެ އިންޒާރުތަކަށް ހަވާލާދީ ރައްކައުތެރިވުމުގެ ގޮތުން އެޅިދާނެ ބައެއް ފިޔަވަޅުތައް ހިއްސާކޮށްފައެވެ. އެގޮތުން ވާރޭ ވެހި ފެންބޮޑުވެދާނެކަމަށް ތައްޔާރުވެތިބުމަށް އިލްތިމާސްކޮށްފައިވާއިރު، ގޭތެރެއަށް ފެން ނުވަންނާނެ އިންތިޒާމުތައް ކުރުމާއި ފެންބޮޑުވެއްޖެ ހާލަތެއްގައި ހަލާކުވާނެ މުދާ ރައްކައުތެރި ތަންތަނަށް ބަދަލުކުރުމަށްވެސް އިރުޝާދު ދީފައިވެއެވެ.
އެންޑީއެމްއޭއިން ބުނެފައިވާގޮތުން ގަދަވައިގެ ސަބަބުން ފުރާޅު އެއްލާލާނެކަމަށް ލަފާކުރެވޭ ހާލަތުގައި ވައު ފަދަ ތަކެތި ބޭނުންކޮށްގެން އެއްލާނުލާނެ ގޮތަކަށް ހައްޔަރުކުރުމަކީވެސް އެޅިދާނެ ފިޔަވަޅެއްކަމަށެވެ. އަދި އެފަދަ ގޮތަކަށް އެއްލާލާނެ އެހެނިހެން ތަކެތި ބަނުން ނުވަތަ ރައްކައުތެރިކުރުމަށްވެސް އެދިފައިވާއިރު ބޭނުން ނުކުރާ ކަރަންތު ތަކެތި ނިއްވާލުމަށްވެސް އިރުޝާދު ދީފައިވެއެވެ. ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރުކުރުމަށް އެންޑީއެމްއޭއިން އެދިފައިވާއިރު ދަތުރަށް ނުކުންނަ އިރު ސަލާމަތީ ކަންކަން ކަށަވަރުކުރުމަށްވެސް އިލްތިމާސްކޮށްފައިވެއެވެ.

