އިންޑިއާއިން މުއްދަތު އިތުރުކޮށްދީފައިވާ 50 މިލިއަން ޑޮލަރުގެ ލޯނު ގްރާންޓަކަށް ބަދަލުކުރުމަށް މަސައްކަތްކުރައްވަމުންދާކަމަށް ފިނޭންސް މިނިސްޓަރު ޑރ މުހައްމަދު ޝަފީގު ވިދާޅުވެއްޖެއެވެ.
ދާދި ފަހުން ސަރުކާރުންވަނީ އިންޑިއާއިން ނަގާފައިވާ ލޯނެއް ދެއްކުމަށް އޮތް މުއްދަތު އިތުރުކޮށްފައިވާކަން ހާމަކޮށްފައެވެ. އިންޑިއާގެ ސަރުކާރުންވެސް ވަނީ އެކަން ކަށަވަރުކޮށްދީފައެވެ. މިކަމާއި ގުޅިގެން އިދިކޮޅު ފަރާތްތަކުންނާއި މާލީ މަސްރަހު ބަލައި ދިރާސާކުރާ ބައެއް ފަރާތްތަކުންވެސް ދަނީ ސުވާލުތަކެއް އުފައްދަމުންނެވެ.
އެހެންކަމުން ސަންގުއިންވަނީ ފިނޭންސް މިނިސްޓަރު ޑރ ޝަފީގުއާއި މިކަމާއި ސުވާލުކޮށްފައެވެ. ކުރިއަށް އޮތް ތާނގައި ދިވެހިރާއްޖޭގެ ލޯނުތައް ދެއްކޭނެކަމުގެ ޔަގީންކަމާއިމެދު ސުވާލުކުރުމުން މިނިސްޓަރ ވިދާޅުވީ، ރާއްޖެއިން ތިބީ ފައިނޭންސްއަށް ބޭނުންވެފައިކަމަށެވެ. އަދި ދަރަނި ދެއްކުމަށްޓަކައި މިހާރަށްވުރެ ގެއްލުންވަނިވި ގޮތެއްގެ މަތިން ފައިސާ ހޯދައިފި ހާލަތެއްގައި ހަރަދުތައް އިތުރުވެގެންދާނެކަމަށާއި އެހެންކަމުން އިންޑިއާގެ ލޯނުގެ މުއްދަތު އިތުރުކުރުމަށް ނިންމީ ރަނގަޅު ނިންމުމެއްކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ، ރިސްޓްރަކްޗާކުރުން އަދި ރީފައިނޭންސްކުރުމާއި ރީޝެޑިއުލް ކުރުން ފަދަ ބަސްތަކަކަކީ އެކި ހާލަތްތަކަށް ރިއާޔަތްކޮށް ބޭނުންކުރެވޭ ބަސްތަކެއްކަމަށެވެ. އެހެންކަމުން އެކި ގޮތުން ކުރެވޭ މުއާމަލާތުގެ ނަތީޖާ ތަފާތުވާނެކަމަށާއި ގާތް ގުޅުންތައް އޮންނަ ގައުމުތަކުގެ ދެމެދު ކުރެވޭ މުއާމަލާތްތައްވެސް ތަފާތުވާނެކަމަށެވެ. ހަމަ އެގޮތަށް މާލީ މުއައްސަސާތަކާއި ދެމެދު ކުރެވޭ މުއާމަލާތްތައްވެސް ތަފާތުވާނެކަމަށް ހިއްސާކުރެއްވިއެވެ.
މިނިސްޓަރ ޝަފީގު ވިދާޅުވީ، ރާއްޖޭގޭ ކަންކަން ހުރި ގޮތުން މާލީ މާހިރުންވެސް ބުރަވާނީ އެ ނިންމުމުމަކީ ރަނގަޅު ނިންމުމެއްކަމަށާއި ހިޔާލު ތަފާތުވުންތައް ހުރިނަމަވެސް ފިނޭންސްއިންވެސް ރޯލް އޯވާރ ކުރުމަށް ނިންމި ނިންމުން ރަނގަޅުކަމަށް ދެކޭކަމަށް ފާހަގަކުރެއްވިއެވެ.
މިނިސްޓަރ ވިދާޅުވީ، އެގޮތަށް ނިންމުމުގެ ބޭނުމަކީ މުސްތަގުބަލުގައި ގުޅުން ބަދަހިވެގެންދާއިރު ލުއި ފަސޭހަތަކެއް ހޯދުންކަމަށެވެ. އެގޮތުން ކުރިއަށް އޮތްތަނުގައި އެ 50 މިލިއަންގެ ލޯނު އަނބުރާ ދައްކަން ނުޖެހޭ ގޮތަށް ކަނޑައެޅިގެން ގޮސްފި ހާލަތެއްގައި ދިވެހިރާއްޖޭގެ ދަރަނީގެ ކަންކަން ދެމެހެއްޓިނިވި އުސޫލެއްގެ މަތިން ކަންކަން ބައްޓަންކުރުމަށް މަގުފަހިވެގެންދާނެކަމަށް ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ، ފިނޭންސްއިން ބޭނުންވަނީ ވީހާވެސް އަވަހަކަށް ކްރެޑިބަލް ޑެޓް ސަސްޓެއިން ކުރެވޭ ކަމުގެ ޕްރޮޕޯސަލްއެއް ތައްޔާރުކުރަންކަމަށާއި ޕްލޭނެއް އެކުލަވާލެވިފައިވާކަމަށް ހާމަކުރެއްވިއެވެ.
މިނިސްޓަރު ޝަފީގުވަނީ ދިވެހިރާއްޖެއިން ކޮންމެ އަހަރެއްގައި އެކުލަވާލާ ބަޖެޓަށް ފައިސާ ހޯދާ ގޮތާއި ގުޅޭގޮތުންވެސް މައުލޫމާތު ހިއްސާކުރައްވާފައެވެ. މިނިސްޓަރު ވިދާޅުވީ، ކޮންމެ އަހަރަކުވެސް ބަޖެޓެއް އެކުލަވާލާކަމަށާއި މި އަހަރު 49.8 ބިލިއަން ފާސްކޮށްފައިވާކަމަށް އިޝާރާތްކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ، އަހަރު ފެށިގެން އަންނަ އިރު އެ 49.8 ބިލިއަން ރުފިޔާ އަތުގައި ނުހުންނާނެކަމަށެވެ. އަދި ދުވަސްތައް ކުރިއަށް ދާ ވަރަކުން ކޮންމެ މަހަކު ހަރަދާއި އާމްދަނީއަށް ބަލައި ފައިސާ ހޯދަނީ ބޭނުންވާ މިންވަރަށްކަމަށެވެ.
ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސާއިދުވެސް ވަނީ މި ބައްދަލުވުމުގައި ސަންގުގެ ސުވާލާއި ގުޅޭ އިތުރު ތަފްސީލުތައް ހިއްސާކުރައްވާފައެވެ. އޭނާ ވިދާޅުވީ، 2019 ޑިސެމްބަރު މަހުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހުވަނީ އިންޑިއާއަށް ކުރެއްވި ދަތުރަށްފަހު 1.4 ބިލިއަން ޑޮލަރުގެ އެހީ އިންޑިއާއިން ރާއްޖެއަށް ހުޅުވާލިކަމަށެވެ. އަދި އެއަށްފަހު 150 މިލިއަން ޑޮލަރުގެ ޓީބިލު އިންވެސްޓުކުރެވިގެން އައިކަމަށާއި އެކަން ކުރީ 1 އަހަރުގެ މެޗޫރިޓީގައި 50 މިލިއަން ޑޮލަރުގެ 3 ބަޔަށް ބަހާލައިގެންކަމަށެވެ.
އެއަށް ފަހު ކުރީގެ ސަރުކާރުންވަނީ ކޮންމެ އަހަރަކުވެސް އެ ފައިސާ ދެއްކުމަށް ކަނޑައެޅިފައިވާ މުއްދަތު އިތުރުކޮށްފައިކަމަށާއި 2024ގެ ބަޖެޓު ފާސްކުރިއިރުވެސް ސަރުކާރުންވަނީ އެ ފައިސާ ދެއްކުން ފަސްކުރަންޖެހޭނެކަމަށް އަންދާޒާކޮށްފައިކަމަށް ހިއްސާކުރެއްވިއެވެ.
ސާއީދު ވިދާޅުވީ، އިގްތިސާދަށް ބާރޯސާ އޮތުމުންވެސް އިންވެސްޓަރަކު ރޯލް އޯވާރ ކޮށްފާނެކަމަށެވެ. އަދި އިންޑިއާގެ ސަރުކާރުންވަނީ ކުރިއަށް އޮތްތާނގައި އެ ފައިސާ އަނބުރާ ދައްކަން ނުޖެހޭ ގޮތަށް ކަނޑައެޅުމަށް އެ ގައުމުން ތައްޔާރުކަންވެސް ދިވެހި ސަރުކާރަށް އަންގާފައިކަމަށްވެސް މައުލޫމާތު ދެއްވިއެވެ.
އޭނާ ވިދާޅުވީ، އެތައް އަހަރެއްގެ މަތިން ލޯނު ދެއްކުން ފަސްކުރަމުން އައިސް ރައީސް ޑރ މުހައްމަދު މުއިއްޒުގެ ވެރިކަމުގައި މިނިސްޓަރ ޝަފީގްވަނީ އެ ފައިސާއިން 50 މިލިއަން މަދުކޮށްފައިކަމަށް ހިއްސާކުރެއްވިއެވެ. އަދި މޭ މަހުގެ ތެރޭގައި ދެއްކުމަށް ހުރި ފައިސާ ދެއްކުން ފަސްކުރީ ރާއްޖެއާއި އިންޑިއާގެ ސަރުކާރުގެ ދެމެދު ކުރެވުން މަޝްވަރާތަކުގެ ތެރެއިން އެ ގައުމަށްވެސް އެގޮތުގެ މަތިން އަމަލުކުރުން އެންމެ ރަނގަޅު ގޮތް ކަމަށް ފެނުމުންކަމަށާއި ވޯލްޑް ބެންކާއި އައިއެމްއެފް ފަދަ މާލީ މުއައްސަސާތަކުންވަނީ އެ ބަދަލަށް ވަރަށް ބޮޑަށް މަރުހަބާ ކިޔާފައިކަމަށްވެސް ވިދާޅުވިއެވެ.
ސާއީދު ވިދާޅުވީ، އެ މުއައްސަސާތަކުންވަނީ އެއީ ރާއްޖޭގެ މާލީ މަސައްކަތަކަށް އިންޑިއާގެ ސަރުކާރުން އިތުބާރު ކުރާކަން ފެނިގެންދާ ކަމެއްގެ ގޮތުގައި ބަލައިގަނެފައިކަމަށާއި މިހާރު ސަރުކާރުން ގެންދަނީ 50 މިލިއަން ޑޮލަރުގެ ލޯނު ގްރާންޓަކަށް ބަދަލުކުރުމަށް މަސައްކަތްކުރުމުންކަމަށްވެސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އެއީ ދިވެހި ރައްޔިތުންނަށް ލުއިތަކެއް ގެނެސްދެއްވުމުގެ ގޮތުން އިންޑިއާގެ ސަރުކާރުންވެސް ހުށައަޅާފައިވާ ކަމެއްކަމަށެވެ.

