ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަމައެކަނި ބްރިޖު ޓްރެފިކް ވިޔަސް ބެލެހެއްޓެން ވާނެއެއްނުން؟!

މާލޭގެ މަގުމަތީ ފުލުހުން ހަރަކާތްތެރި ވަނީ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސަރަހައްދުގައި އަބަދުވެސް އުޅެނީ ނުރައްކާތެރި އެކްސިޑެންޓެއްވެގެންނެވެ. ވަކި ބައެއް އިސްތިސްނާ ނުވާ ގޮތަށް މަދަ މީސްކޮޅެއް ފިޔަވާ އެންމެންވެސް މާލެ ސަރަހައްދުގައި ދުއްވާ އުޅެނީ ނުގަވައިދުންނެވެ. ގިނަ މީހުންނަކީ އެންމެ ކުޑަމިނުން ކަނޑައެޅިފައިވާ ސްޕީޑު ލިމިޓަށްވުރެ މަތިން އުޅަނދުތައް ދުއްވާނެ މީހުންނެވެ. ސައިކަލެއް ކާރެއް ތަފާތެއް ނެތެވެ. ޔުނިފޯރމު ބޭލުމަށްފަހު ގަވައިދަށް ހުރުމަތްތެރިނުކޮށް ނުހިތާ ފުލުހުންވެސް އުޅޭނެވެ.

އެހެންކަމުން މާލެ ސަރަހައްދު އެއްކޮށް ޓްރެފިކް މައްސަލަ ހައްލުކުރެވިގެންދާ ދިގު މުއްދަތެއްގެ މަތިން ކުރެވޭ ގިނަ މަސައްކަތްތަކެއްގެ ތެރެއިންކަމަށް ވާއިރު، އެފަދަ ކަންކަމުގައި ސަރުކާރުން ފަށާ ދިރާސާތައް ނިމޭތަން އަންނާނެ ދުވަހެއްގެ އިންތިޒާރުގައި ތިބެ ދައުރު ނިމިގެންދެއެވެ. އެހެންކަމުން މިއީ ކައިރި މުސްތަގުބަލެއްގައި ހާސިލުކުރެވޭނެ ކަމެއް ނޫންކަމަށް ފެނިގެންދާނަމަވެސް، ހުޅުމާލެއާއި މާލެ ގުޅުވާލާފައިވާ ސިނަމާލެ ބުރިޖު ސަރަހައްދަކީ ވަކި ވާހަކައެކެވެ. ޔަގީނުންވެސް ހަމައެކަނި ބުރިޖު މަތީގެ ޓްރެފިކް އެކަނި ބެލެހެއްޓެން ވާނެއެވެ. މާލެ އެތެރެއާއި ހުޅުމާލެ އެތެރޭގައި ކޮންޓްރޯލް ނުކުރެވޭކަން މިއޮށް ކުޑަ ތާނގައި ކާރު ފުރޮޅާލާ ވަރަށް ދުއްވާލުމަށް މީހުންނަށް ހިތްވަރު ލިބިފައިވާކަމުން ފެނިގެންދެއެވެ.

އެހެން ނަމަވެސް ބުރިޖުމަތިންނާއި އެ މަގުން އެތައް ބަޔަކު ކޮންމެ ދުވަހަކު އެތައް ފަހަރެއްގެ މަތިން އާންމު ދިރިއުޅުމާއި އިގްތިސާދީ މަސައްކަތްތައް ކުރުން ފަދަ ބޭނުންތަކުގައި ދުއްވާއިރު، ރާއްޖޭގައި ބިނާކުރެވިފައިވާ ފުރަތަމަ މިފަދަ ވަސީލަތުގެ ބޭނުން އެފަރާތްތަކަށް ރައްކައުތެރިކަމާއިއެކު ހިފިގެންދާކަން ކަށަވަރުކުރަންޖެހެއެވެ މިހާރު ކަން އޮތް ގޮތުން ކޮންމެ ފުރުސަތަކީވެސް ފުރާނަ އަތަށް ލައިގެން އަރާ ފަހަރެކެވެ. ގަދަ އަވީގައި އެއް ބަޔަކު މަޖާ ނެގުމުގައި އުޅުނު ނަމަވެސް އަނެއް ބަޔަކު އުޅެނީ އިގްތިސާދު ކުރުމާއި މުޖުމުތަމައު ކުރިއެރުވުމާއި އާއިލީ މަސައްކަތްތައް ކުރުމުގައިއެވެ. އެއީ އެކަކުގެ ކުޅިމަޖަލަށް ހުރަސްތަކެއް އެޅިގެންވާނެ ކަންކަމެއް ނޫނެވެ. ކުޅިމަޖަލަށް ބޭނުންވާ ޓްރެކު އަޅައިދޭންވީއެވެ. ބުރިޖުމަތީ މި ސަކަރާތް ހުއްޓުވަންޖެހެއެވެ.

މިއީ ކުޑަކުޑަ ބަދަލުތަކެއް ގެނެސްގެން ރައްޔިތުންނަށް ކަށަވަރުކޮށްދެވިދާނެ މުހިންމު ހައްގެކެވެ. މި އެދެމުންދަނީ ހާއްސަ ކަމެއް ކޮށްދިނުމަކަށް ނޫނެވެ. މި ގޮވާލެވެނީ ގާނޫނުތަކާއި ގަވައިދުތައް ތަންފީޒުކޮށް ނުގަވައިދުން އުޅޭ ފަރާތްތަކުގެ ސަބަބުން ގަވައިދުން އުޅޭ މީހާއަށް، ކުރިމަތިވާން ނުޖެހޭ ނުރައްކާތަކެއް ކުރިމަތިވަމުންދިއުން ހުއްޓުމަކަށް ގެނައުމަށެވެ. ހަމަ އެކަނި ބުރިޖުމަތީގެ ޓްރެފިކް ވިޔަސް ބެލެހެއްޓެންވާނެ ނޫންތޯއެވެ.

އެއް ބަޔަކު ފެމެލީ ކޯޓާއި ދިމާލަށް އޮތް މަގަށް އެޅުމަށްޓަކައި މަޑުކޮށްގެން ތިބޭއިރު ސީދަލަށް އޮންނަ މަގުން ދުއްވާފައި ދިއުމަށް ފެހި ސިގްނަލް ދިއްލިފައި އޮންނަކަމަށްވުމުން މިހާރު ދުއްވާ ސްޕީޑުތަކުގައި ކޮންޓްރޯލުން ކަޓައިގެން ވަރަށް ހިތާމަވެރި ހާދިސާއެއް ކުރިމަތިވުމުގެ ފުރުސަތު އޮވެއެވެ. ބައެއް ފަހަރު ބުރިޖުން ފޭބުމަށްޓަކައި ލައިޓަށް މަޑުކޮށްގެން އިންނަ އިރު ބޮޑެތި ޕިކަޕު ފަދަ އުޅަނދު ފަހެއްކަ އިންޗިވެސް ނީންނާނެ ހާ ގާތުން އިންތިހާ ބާރު ދުވެލިތަކުގައި ދުއްވާފައި ދެއެވެ. ބުރިޖު މަތީގައި އެ ދުއްވާ ދުވެލިތަކުގައި ކުޑަކޮށް ޖެހުނަސް ނަތީޖާ ވަރަށް ބޮޑުވާނެކަން ބުރިޖުމަތިން ދުއްވާފައި ހުރި ކޮންމެ މީހަކަށްވެސް އެނގޭނެއެވެ. އެހެންކަމުން  މިފަދަ ހިތާމަތަކެއް ކުރިމަތި ވުމުގެ ކުރިން އަވަސް ހައްލެ ގެނެވެން ހުރި ކަންކަމުގައި ލަސްތަކެއް ކުރުމުގެ ބޭނުމެއް ނެތެވެ.

އެ ސަރަހައްދު ކޮންޓްރޯލް ކޮށްލަން ޖެހޭނީ އެއަރޕޯޓަށް ދިއުމަށްޓަކައި އޮންނަ މަގަށް ވަދެގެންދާއިރު އެ އޮންނަ ފަދަ ކޮންޓްރޯލްޑް އޭރިއާއެއް ގާއިމުކޮށްލާށެވެ. އަދި ދަނޑިގަނޑެއް ހުރަސްކޮށްފައި ނެތަސް ފުލުހުން ތިބެ، ބުރިޖަށް އަރަން އަންނަ އިރު ”އިރާފަ“ އަންނަ ކާރާއި ޕިކަޕު އަދި ސަރުކާރު އުޅަނދެއް ވިޔަސް ސައިކަލެއް ވިޔަސް ހުއްޓުވައި ފިޔަވަޅު އަޅަންވީއެވެ. މިކަމުގައި ނަސޭހަތްތެރިވެ ދޫކޮށްލަންޖެހޭވަރަށް ބުއްދި ހަމަނުޖެހޭ އެކަކު އަތުގައިވެސް ލައިސެންސްއެއް ނޯންނާނެއެވެ. ބާރު ސްޕީޑުގައި ހިނގާ އެކްސިޑެންޓެއްގައި މީހަކު މަރުވެދާނެކަން ނުވަތަ ބޮޑު ގެއްލުމެއް ލިބިދާނެކަން އެނގޭނެ ބަޔަކު އެފަދަ އަމަލެއް ހިންގުމުން ތަކުރާރުކުރާކަމަށް ފުރުސަތު ތަކެއް ދޭކަށެއް ނުޖެހެވެ.

މިހާރުވެސް މާލެއިން ހުޅުމާލެ އަށް އަރާ ސަރަހައްދު ހުންނަ ގޮތުން އެތަނަށް އަރާ ފައިބާ މީހުން ކޮންޓްރޯލް ކުރެވޭނެވެ. އިތުރު މާ ގިނަ ވަސީލަތްތަކެއްވެސް ބޭނުމެއް ނުވެއެވެ. ބުރިޖަށް އަރަން އަންނަ އިރު ނުރައްކާތެރި ދުއްވުމެއްގައި އައިސްފި ހާލަތެއްގައި ހުއްޓުވައި ފިޔަވަޅު އެޅުމުން އެ ނުރައްކަލުން ބުރިިޖު މަތިން ދަތުރުކުރާ ގަވައިދުން ދުއްވާ މީހުން ރައްކައުތެރިކުރެވޭނެއިރު، ނަންބަރު ބޯޑަށް ދަންދެން އޮޓޯއިން ރެކޯޑުކޮށްލެވޭ ނިޒާމަކާއިއެކު އެތަނުގައި ކެމެރާތައް ހަރުކޮށްފައިވެއެވެ. ފެށިގެން ގޮސް ހުޅުމާލެ އެރެންދެންވެސް ބުރިޖު ސަރަހައްދަކީ މޮނީޓާރކުރެވޭނެ ތަނެކެވެ. އެހެންކަމުން ހުޅުމާލެ ފަޅީގައިވެސް ހަމަަ ކޮންޓްރޯލްޑް ސަރަހައްދެއް ގާއިމުކުރުމުން ދެ ދޭތެރޭގައި އެހެން ބަޔަކަށް ނުރައްކާވާ ފާޑަށް ދުއްވައިފި ހާލަތެއްގައި ހުއްޓުވަންވީއެވެ. ހުޅުމާލެއިން މާލެއަށް ދަތުރުކުރާ އިރުވެސް އެއްފަދައިން އަމަލުކުރުމުން ހުންނާނީ ރަނގަޅަށެވެ.  މާލެ އާއި ހުޅުމާލެ އާއި އެތެރޭގައި ޓްރެފިކް ނުބެލެހެއްޓޭނެމަވަެސް އެންމެ ކުޑަމިނުން ހަމައެކަނި ބުރިޖު މަތީގައި ޓްރެފިކް ބެލެހެއްޓެންވާނެއެވެ.

ޓޯލް ގޭޓަކާއި ކޮންޓްރޯލްޑް އޭރިއާއެއް ހެދިޔަސް އަރާ ފައިބަން ރައްޔިތުން އަތުން ފީތަކެއް ނަގާކަށް ވަކާލާތެއް ނުކުރަމެވެ. މިފަދަ ތަންތަން ހިލެހޭ އެހީގެ ދަށުން މަރާމާރު ކުރެވޭކަމަށްވުމުން އެހިސާބުންވާނީ ސަރުކާރުން ވިޔަފާރި ކުރާކަމަށެވެ.. މިހާރުވެސް އަމަލުކުރާ އުސޫލުން ގަވައިދުން ދުއްވާފައިދާ ނަމަ އަޅާލާނުލާ ތިއްބަސް ރައްޔިތުންނަށްވެސް މައްސަލައެއް ނޯންނާނެއެވެ. އެހެންކަމުން ޖުމުލަ ގޮތަކަށް މާ ބޮޑު މަސައްކަތްތަކެއް ކުރާކަށްވެސް ނުޖެހެއެވެ. މިހާރުވެސް ފިނި ކޮޓަރިއެއް ޖަހައިގެން ތިބެ ކުރާ މަސައްކަތްތައް ހަމައެކަނި ހަރުދަނާކޮށްލަންވީއެވެ

ރައްޔިތުންވެސް މިފަދަ ކަންކަމުގައި ކޮންމެވެސް ވަރެއްގެ ހޭވެރިކަމެއް ބަހައްޓަން އެބަޖެހެއެވެ. ގިނަ މީހުން މިހާރު ދުއްވަމުންދަނީ ތިމާ އަދި އެހެން މީހެއްގެ ފުރާނައަށް ގެއްލުމެއް ވިޔަސް ހެޔޮކަމަށް ފެނިގެންދާ ފަދަ ގޮތަކަށެވެ. މިއަދު ތުއްތު ކުދިން ގޮވައިންވެސް އެތައް ބަޔަކު ބުރިޖުމަތިން ދަތުރުކުރަމުންދާއިރު، މިއިން ކުއްޖެގެ ފުރާނަ ނަގާލުމުގެ ޒިންމާ އެޅެން އެކަކުވެސް ބޭނުން ނުވާނެކަން ޔަގީނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: