ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓެކްސް ރޭޓުތަކަށް ބަދަލުތަކެއް، ކުރިން ހުރި ގޮތް ބަލާލުން މުހިންމު!

ރައީސް ޑރ މުހައްމަދު މުއިއްޒު އަދި ފިނޭންސް މިނިސްޓަރު ޑރ މުހައްމަދު ޝަފީގު: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ރާއްޖޭގެ ޓެކްސް ރޭޓުތަކަށް ބަދަލު ގެނައުމަށް ކަނޑައަޅައިފިއެވެ. ޓެކްސް ރޭޓުތަކަށް ބަދަލުތައް ގެނައުމަށް ނިންމާފައިވަނީ ދިވެހިރާއްޖޭގެ މާލީ ހާލަތު ގޯސްވެފައިވާ ދަނޑިވަޅެއްގައި އެ ހާލަތުން އަރައިގަތުމުގެ ބޭނުމުގައެވެ.

އިދިކޮޅު ފަރާތްތަކުންދަނީ މިކަމާއި ގުޅިގެން ސަރުކާރަށް ފާޑުކިޔަމުންކަމަށްވާއިރު، ގެނައުމަށް ކަނޑައެޅިފައިވާ ބަދަލުތައް އަދި އެއްކޮށް ސާފުނުވާއިރު މިވަގުތު ރާއްޖޭގެ ޓެކްސް ރޭޓުތައް ހުރި ގޮތް ބަލާލުންވެސް މުހިންމެވެ.

އެއަރޕޯޓު ޑިވެލޮޕްމެންޓު ފީއެއްގެ ގޮތުގައި ސަރުކާރުންދަނީ އިކޮނޮމީ ކްލާހުން ދަތުރުކުރާ ދިވެހި ރައްޔިތުންގެ އަތުން 12 ޑޮލަރު ނަގަމުންކަމަށްވާއިރު އެހެން ގައުމުތަކުގެ ރައްޔިތުން އަތުން މި ފީގެ ގޮތުގައި 30 ޑޮލަރު ނަގާކަމަށް އެކި ފަރާތްތަކުން މައުލޫމާތު ޝާއިއުކޮށްފައިވެއެވެ. ބިޒްނަސް ކްލާސްގައި ދަތުރުކުރާ ދިވެހިންނާއި ބޭރު މީހުންގެ އަތުންވެސް 60 ޑޮލަރު ނަގާކަމަށް ބުނެފައިވާއިރު ފަސްޓް ކްލާސްގައި ދަތުރުކުރާ މީހުންގެ އަތުން އެއަރޕޯޓު ޑިވެލޮޕްމެންޓު ފީގެ ގޮތުގައި 90 ޑޮލަރު އަދި ޕްރައިވެޓު ޖެޓުތަކުގައި އަންނަ މީހުންގެ އަތުން 120 ޑޮލަރު ނަގައެވެ.

ޑިޕާޗާ ޓެކްސްއެއްވެސް ނަގާއިރު، މި ޓެކްސްގެ އަދަދުތައް ހުރީ އެއަރޕޯޓު ޑިވެލޮޕްމެންޓު ފީގެ ގޮތުގައި ނަގާ އަދަދުތަކާއި އެއް ވަރަށް އެއްްގޮތަކަށެވެ. ޑިޕާޗާ ޓެކްސް އަކީ 2022 ވަނަ އަހަރު ތައާރަފްކޮށް ނަގަމުންދާ ފީއެއްކަމަށްވާއިރު، އޭޑީއެފްއަކީ 2017 ވަނަ އަހަރުން ފެށިގެން ނަގަމުންދާ ފީއެއްކަން ފާހަގަކުރެވެއެވެ.

ޓުއަރިޒަމް ލޭންޑް ރެންޓް ރޭޓުތަކަށްވެސް ބަދަލުތައް ގެނައުމަށް ސަރުކާރުންވަނީ ކަނޑައަޅާފައެވެ. އެކި ފަރާތްތަކުން ދޭ މައުލޫމާތުތަކަށް ބަލާއިރު، މި އަދަދަކީ ބިމުގެ ބޮޑުކަމުގެ ނިސްބަތުންނާއި، އެތަނުގައި ކުރާ މައްސައްކަތުގެ ބާވަތުން ކަނޑައެޅޭ އެއްޗެކެވެ. އަދި ސަރަހައްދުގެ ގޮތުންނާއި ޖާގައިގެ ގޮތުންވެސް އަގަށް ބަދަލުތައް އަންނަކަމަށް ފާހަަގަކުރެއެވެ. ރާއްޖޭގެ ޓުއަރިޒަމް ގުޑްސް އެންޑް ސާވިސަސް ޓެކްސް، ޓީޖީއެސްޓީ ހުރީ 16 އިންސައްތައިގައެވެ.

އިމްޕޯޓު ޑިއުޓީއަށްވެސް ބަދަލުތައް ގެނައުމަށް ކަނޑައެޅިފައިވާއިރު، މި އަދަދުތައް މިހާރު ހުރީ އެކި ތަކެއްޗަށް އެކި ވަރުތަކުގައިކަން ފާހަގަކުރެވެއެވެ. އެހެންނަމަވެސް ރާއްޖޭގެ އެވަރެޖް އިމްޕޯޓު ޑިއުޓީ އަކީ 10.43 އިންސައްތާއި ގާތްކުރާ އަދަދެއްކަމަށާއި މުދަލުގެ ގޮތުން ކުޑަވުމާއި ބޮޑުވުން އެކަށީގެންވާކަމަށް ބައެއް މިފަދަ ކަންކަން ދިރާސާ ކުރާ ވެބްސައިޓުތަކުގެ މައުލޫމާތުގައިވެއެވެ.

ރާއްޖޭގެ ކޯޕަރޭޓް އިންކަމް ޓެކްސް ރޭޓު ހުރީ 15 އިންސައްތައިގައިކަމަށް ބައެއް ފަރާތްތަކުން ފާހަގަކުރާއިރު، މި ރޭޓަކީ ރާއްޖޭގައި ތިބެގެން ވިޔަފާރިކުރާ ކުންފުނިތަކާއި ބޭރުގައި ތިބެ ރާއްޖޭގައި ވިޔަފާރިކުރާ ކުންފުނިތަކަށްވެސް އޮންނަ ރޭޓުކަމަށް ބުނެފައިވެއެވެ.

ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމާއި ގުޅުން ހުރި މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި ނަގަން ފަށާފައިވާ ގްރީން ޓެކްސްގެ ރޭޓުތައް ހުރީ ރިސޯޓާއި ހޮޓެލް އަދި ލިވްއަބޯޑުތަކުގައި ހުންނަ ނަމަ މީހެއްގެ މައްޗަށް ދުވާލަކު ހަ ޑޮލަރުގައިކަމަށްވާއިރު، ގެސްޓް ހައުސްއެއްގައި ތިބޭ ނަމަ ނަގާނީ މީހެއްގެ އަތުން ދުވާލަކު 3 ޑޮލަރުކަން ފާހަގަކުރެވެއެވެ. ދިވެހިންނާއި ރާއްޖޭގައި މަސައްކަތްކުރާ ރެސިޑެންޓް ޕާމިޓް ހޯލްޑަރުންގެ އަތުން މި ޓެކްސް ނުނަގާކަމަށް ބުނެފައިވެއެވެ.

އަހަރެއްގެ މައްޗަށް 720،000 އާއި ހަމައަށް ލިބޭ ނަމަ ރާއްޖޭގައި އިންކަމް ޓެކްސް ނުނަގާކަމަށް ބައެއް ވެބްސައިޓުތަކުގައިވާއިރު، 720،001 ރުފިޔާ އާއި 1،200،000 އާއި ދެމެދުގެ އާމްދަނީއެއް ލިބޭނަމަ 5.5 އިންސައްތަ ދައްކަންޖެހޭނެކަމަށް ބުނެފައިވެއެވެ. 1،200،001 ރުފިޔާ އާއި 1،800،000 ރުފިޔާ ދެމެދުގެ އާމްދަނީއެއް ލިބޭ ނަމަ 8 އިންސައްތަ އިންކަމް ޓެކްސް ދައްކަން ޖެހޭއިރު 1،800،001 ރުފިޔާ އާއި 2،400،000 ދެމެދުގެ އާމްދަނީއެއް ލިބޭ ނަމަ 12 އިންސައްތަ ސަރުކާރަށް ދައްކަންޖެހެވެ. 2،400،000 ރުފިޔާއަށްވުރެ ގިނައިން ލިބޭ އާމްދަނީއިން 15 އިންސައްތަ ދައްކަން ކަނޑައެޅިފައިވެއެވެ. ރާއްޖޭގައި އާންމު ހިދުމަތްތަކުންނާއި މުދަލުން ނަގާ ޓެކްސް ހުރީ 8 އިންސައްތައިގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: