ދުވަހަކަށްވުރެ ދުވަހެއް ބިލުތައް ދަނީ ބޮޑުވަމުންނެވެ. ތަކެތީގެ އަގު އުފުލެނީއެވެ. ދިރިއުޅުމުގެ ފެންވަރަށް ވެސް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހިއްޖެއެވެ. މީހުންގެ ވިސްނުމާ ފިކުރާ ޚިޔާލަށް ވެސް ބަދަލު އަތުވެއްޖެއެވެ. ’މޮޑަރން ލައިފްސްޓައިލް‘ އެއް އުޅުމަށް މަސައްކަތް ކުރާ މީހުންގެ އަދަދު ވެސް އިންތިހާއަށް އިތުރުވެއްޖެއެެވެ. ނަމަވެސް އިތުރު ނުވާ، ނުވަތަ ޒަމާނީ ދިރިއުޅުމެއް އުޅުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ކޮބައިކަން އެނގޭހެއްޔެވެ. ރަނގަޅެވެ. ފައިސާއެވެ. އިތުރު ނުވަނީ އާމްދަނީ ހޯދަން ކުރާ މަސައްކަތުން ލިބޭ މުސާރައެވެ. ނަމަވެސް މިއީ އެންމެންގެ ވާހަކައެއް ނޫނެވެ. މިއީ އެ ބުނާ އާދައިގެ ރައްޔިތުންގެ ވާހަކައެވެ. އަނގަޔާ އަތާ ދިމާނުވެ، ޚަރަދުތައް ދެކޮޅު ނުޖެހިގެން އުޅެންޖެހެނީ މިނިމަމް ވޭޖު ލިބޭ، އާދައިގެ އާންމު ރައްޔިތު މީހާއެވެ. ދިރިއުޅުމަށް ނޭދެވޭ އަސަރުތައް ކުރަމުން އަންނަނީ ގައުމު ހިންގުމުގައި މުހިންމު ދައުރެއް އަދާކުރާ ސިވިލް ސާވަންޓުންނަށެވެ.
ސިވިލް ސާވެންޓުންނަށް ލިބޭ މުސާރައަކީ އެންމެ އެކަށީގެންވާ ވަރުގެ މުސާރައެއް ނޫން ކަމަށް ބުނެ އެކި ފަހަރުމަތިން އެކި ވެރިކަންތަކުގައި އޭރަކު ހުންނަވާ ވެރިއަކަށް މުސާރަ ބޮޑުކޮށްދިނުމަށް އެދި ޕެޓިޝަންތައް ހުށަހަޅަނީ ހަމަ ހަގީގަތުގަައި ވެސް އެ ލިބޭ އެއްޗަކުން ދެކޮޅު ނުޖެހޭތީއެވެ. އަންމުންދާ ބަދަލާ އެއްވަރަށް މުސާރައަށް ހެޔޮ ބަދަލެއް ނާންނާތީ އެކަމުގެ ނޭދެވޭ އަސަރު ދިރިއުޅުމަށް ކުރާތީއެވެ. މިފަދަ ޕެޓިޝަނެއް ދާދިފަހުން ވެސް ހުށަހަޅާފައިވެއެވެ. 439 މީހުން ސޮއިކޮށް އެ ޕެޓިޝަން ރައީސަށް ހުށަހެޅީ ނިމުނު ޖޫން މަހުގެ 27 ވަނަ ދުވަހުއެވެ. ޕެޓިޝަންތަކުގެ ވާހަކަ މިއީ ދޭތެރެދޭތެރެއިން އިވޭ އަޑެކެވެ. ސިވިލް ސާވަންޓުންގެ މުސާރަ ބޮޑުކޮށްދިނުމަށް އެދި ރައީސަށް ޕެޓިޝަން ހުށަހަޅާ ވާހަކަ މިއީ ޔަގީނުން ވެސް އާ ވާހަކައެއް ނޫނެވެ. ދެން އުފެދޭ ސުވާލަކީ، ދުވަހަކުވެސް ގައުމުގެ މަތީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ނުވަތަ ބޮޑެތި މުސާރަ ލިބިލައްވާ ބޭފުޅުންގެ މުސާރަ ބޮޑު ކޮށްދިނުމަށް އެދި މިފަދަ ޕެޓިޝަނެއް ހުށަހެޅިފައިވޭތޯއެވެ. ޖަވާބު ވަރަށް ސާފެވެ.
ލިބޭ މުސާރައިގެ ވާހަކަ ދައްކާއިރު މިއަދު މި ގަައުމުގެ އެންމެ ބާރަށް، އެންމެ ފޯރިއާއެކު ދެކެވެމުންދާ ވާހަކައަކީ ގައުމުގެ އިގްތިސާދީ ހާލަތުގެ ވާހަކައެކެވެ. އެއްބަޔަކަު ގައުމު ބަނގުރޫޓުވެއްޖެ ކަމަށް ބުނާއިރު އަނެއް ބަޔަކު ބުނާގޮތުން ނަމަ ގައުމުގެ ހާލަތު ރަނގަޅެވެ. ވެރިންނަށް ކަންކަން މެނޭޖްކޮށް ހިންގަން ނޭންގެނީއެވެ. މިކަމުގައި ޚިޔާލުތަފާތުވުންތަކެއް ހުރި ނަމަވެސް އެންމެން ވެސް އެއްބަސްވާ އެއް ކަމެއް އެބައޮތެވެ. އިގްތިސާދު އަދި ވެސް އޮތީ ކޮވިޑާ، ޔޫކްރޭން ހަނގުރާމައާއެކު ވެއްޓުނު އަނދަވަޅުން މުޅިން އަރައިނުގަނެވިއެވެ. އެހެންކަމުން އިގްތިސާދީ ހާލަތު ރަނގަޅު ކުޑަކުރުމަށްޓަކައި ޚަރަދުތައް ކުޑަކުރަން ޖެހިފައިވާކަން މިއީ އެންމެން ވެސް ގަބޫލުކުރާ ހަގީގަތެކެވެ.
ޚަރަދު ކުޑަކުރުމުގެ ވާހަކަ ފާއިތުވި ދެ ހަފުތާގައި އެންމެ ބޮޑަށް ދެކެވުނު އެއްތަނަކަށް ރައްޔިތުންގެ މަޖިލިސް ވާނެއެވެ. ދައުލަތުގެ ޚަރަދުތައް ކުޑަކުރަން ގުރުބާނީތައް ވާން ތައްޔާރަށް ތިބި ކަމަށް މުޅި މަޖިލިސް ނިކަން އަޑަށް ބާރުލާފައި ބުންޏެވެ. ވަކިން ޚާއްސަކޮށް އެއް އިއްޒަތްތެރި މެންބަރަކު ވަނީ ދައުލަތުގެ ހަރަދު ކުޑަކުރަން ކޮންމެ ފަދަ ގުރުބާނީއެއް ވާން ވިޔަސް ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފައެވެ. އައިއެމްއެފްގެ ޕްރޮގްރާމަށް ނުދިއުމަށްޓަކައި މަޖިލިހުގެ މެންބަރުން ތިއްބެވީ ކޮންމެ ފިޔަވަޅެއް އަޅަން ވަރަށް ސާބިތުކަމާ އެކީ ތައްޔާރަށް ކަމަށް ވެސް ވިދާޅުވިއެވެ. އަދި ގައުމު ސަލާމަތް ކުރުމަށްޓަކައި ’ކޮންމެ ހިތި ބޭހެއް ބޯން މިތިބީ ތައްޔާރަށް‘ ކަމަށް އެ މެންބަރު ވިދާޅުވީ ވެސް ނުހަނު ޖޯޝުގައެވެ.
އެއީ މިދިޔަ ބުދަ ދުވަހެވެ. އަންގާރަށް ދުވަހަށް ޖެހިލާނަމެވެ. ހަމަ އެ އިއްޒަތްތެރި މެންބަރެވެ. މަޖިލީހުގައި އެދުވަހު އެންމެ ބޮޑަށް ދެކެވުނު އެއް ވާހަކައަކީ މެންބަރުންގެ މުސާރަ ކުޑަކުރާ ވާހަކައެވެ. އެކަމާ މެދު މެންބަރުންގެ މެދުގައި ޚިޔާލުތަފާތުވުންތަކެއް ހުއްޓެވެ. އެއްބައި މެންބަރުން މުސާރަ ކުޑަކުރުމާ އެއްބަސްވެލެއްވިއިރު އަނެއްބައި މެންބަރުން ވަނީ އެކަމާ ދެކޮޅަށް ވާހަކަދައްކަވާފައެވެ. އެއްކަލަ ހިތި ބޭސް ބޯން ތައްޔާރަށް ހުންނެވި މެންބަރު ވެސް ވިދާޅުވީ ލިބިލައްވާ މުސާރަ ކުޑަ ކަމަށެވެ. އަދި މެންބަރުންނަށް ލިބިވަޑައިގަންނަވާ އިންޝުއަރެންސާއި އިނާޔަތްތައް ކުޑަކުރަން ނުފެންނަ ކަމަށް ވިދާޅުވިއެވެ. މެންބަރު ވިދާޅުވީ މަޖިލިހުގެ މެންބަރުންނަކީ އެހެން އެއްވެސް ސިފައެއްގައި ހައްގު ގޮތުގައި އަތަށް ފައިސާއެއް ލިބޭ ބައެއް ނޫން ކަމަށެވެ. އަދި ދައުލަތުގެ އެހެން މުއައްސަސާތަކާއި ކުންފުނިތަކުގެ ވެރިންނަށް ލިބޭ ފަދައިން މަޖިލިހުގެ މެންބަރުންނަކީ އެހެނިހެން ގޮތްގޮތަށް ފައިސާ އަތުގައި ޖެހޭ ބައެއް ނޫން ކަމަށެެވެ. މި ދަންނަވަނީ ރާއްޖޭގެ ބޮޑު ކުންފުންޏެއްގެ ވެރިޔަކު މަޖިލިސް މެންބަރެއްގެ ގޮތުގައި ހުރެ ދެއްކެވި ވާހަކައެވެ. ވީއިރު އާދައިގެ ރައްޔިތުންގެ ހާލަތު އަދި ކިހާ އުނދަގޫވާނެ ތޯއެވެ.
ރައްޔިތުންގެ ހާލު އެއްފަރާތްކޮށް މަޖިލިސް މެންބަރުންގެ މުސާރަ ކުޑަކަމަށް ބުނާބުނުމަށް ނަޒަރެއް ދެމާތޯއެވެ. އެހެން ހުރިހާ މުއައްސަސާއަކާއި ވުޒާރާއަކާ ހިލާފަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރައަކީ އެ މެންބަރުން އަމިއްލަ އަށް ކަނޑައަޅާ މުސާރައެކެވެ. ކޮންމެ މެންބަރަކަށް މަހެއްގެ މައްޗަށް ޖުމްލަ 82,500 ލިބިވަޑައިގަންނަވައެވެ. އެއީ އަސާސީ މުސާރައިގެ ގޮތުގައި 42,500 ރުފިޔާ އާއި ލިވިން އެލަވަންސްގެ ގޮތުގައި 20,000 ރުފިޔާ އަދި ވަކި އަދަދަކަށް ކޮމިޓީތަކަށް ހާޒިރުވުމުން އިތުރަށް ލިބިވަޑައިގަންނަވާ 20,000 ރުފިޔާއެވެ. ގަބޫލުކުރަމެވެ. އެ ބޭފުޅުންގެ ޒިންމާ ވެސް ބޮޑުވާނެއެވެ. ބައެއް މެންބަރުން ކުރައްވާ މަސައްކަތް ވެސް ބުރަ ވާނެއެވެ. ނަމަވެސް އަނެއްބައި އިއްޒަތްތެރި މެންބަރުންނަކީ އެ މުސާރަ ނަންގަވައިގެން ފިނި ކޮޓަރިތަކުގައި ކަމެއް ނެތި ތިއްބަވާ ބޭފުޅުންނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ވީއިރު ހުރިހާ މެންބަރުންނަށް އެވަރުގެ ބޮޑު މުސާރައެއް ހައްގުތޯއެވެ. އެވަރު މަދުތޯ އެވެ. އެހެން ކަމަށް ވާނަމަ 12،000 ނުވަތަ 10،000 ލިބޭ އާންމު ރައްޔިތުންގެ ދިރިއުޅުން ހުންނާނެ ގޮތް ސިފަކުރައްވާށެވެ.
އަންގާރަ ދުވަހު އެމޭރުމުން ވާހަކަދެއްކެވުމަށްފަހު އެ ދުވަހު އޮތް ކޮމިޓީގައި ވެސް އެ މެންބަރު ވާހަކަދެއްކެވީ އަމިއްލަ މަސްލަހަތަށެވެ. އެގޮތުން އެ ދުވަހު ބޭއްވުނު މާލިއްޔަތު ކޮމިޓީގައި ވާހަކަދައްކަވަމުން މެންބަރު ވިދާޅުވީ ސަރުކާރުގެ މަސް ކުންފުނި, މިފްކޯއަށް ދެމުންދާ ސަބްސިޑީ އޭނާގެ ވިޔަފާރިތަކަށް ވެސް ލިބެން ޖެހޭނެ ކަމަށާއި އަދި މިފްކޯއިން ނުނަގާ ކުއްޔެއް އެހެން ވިޔަފާރިއަކުން ވެސް ނެގިގެން ނުވާނެ ކަމަށެވެ. އުފެދޭ ސުވާލަކީ ކުރިން އެ ވިދާޅުވާފަދައިން އިތުރު އެއްވެސް ގޮތަކަށް މެންބަރުންނަށް ހަމަ ފައިސާ ނުލިބެނީތޯއެވެ. އެހެން ކަމަށްވާނަމަ މެންބަރު އެ ދައްކަވަނީ ކޮން އަމިއްލަ ވިޔަފާރިއެއްގެ ވާހަކަތޯއެވެ.
އިއްޒަތްތެރި މެންބަރެވެ. ގައުމުގެ ހާލަތު ރައްޔިތުންނަށް އެނގެއެވެ. މެންބަރު ތިޔަ ދައްކަވާ ވާހަކައިގެ މާނަ ވެސް ރައްޔިތުންނަށް ދޭހަވެއެވެ. އެއް ދުވަހު ދެގޮތަށް ވާހަކަ ދެއްކެވީމާ އޭގެން ނަގަންވީ މާނަ ވެސް އެނގެއެވެ. ދޭހަވަނީ ކޮންކަމެއްކަން އެނގެއެވެ. ތިޔަ ވިދާޅުވާ ހިތިބޭސް މިހާރުވެސް ބޮމުންދަނީ އާންމު ރައްޔިތުންނެވެ. އާދައިގެ ވަޒީފާތަކުގައި އުޅޭ ދިވެހި ރައްޔިތު މީހާއެވެ. ތިޔަ ވިދާޅުވާ ބޭހެއް އިއްޒަތްތެރި މެންބަރު ބޯންޖެހިވަޑައިގަނެދާނެ ކަމަކަށް އަޅުގަނޑުގެ ޟަމީރު ގަބޫލެއް ނުކުރެއެވެ.

