ދިވެހިރާއްޖެއާ ތައިލެންޑުގެ ގުޅުން މިހާރަށްވުރެ ވަރުގަދަކޮށް ބަދަހިކުރަން މަސައްކަތް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އުމުރުން އެންމެ 30 އަހަރުގައި ތައިލެންޑުގެ ބޮޑުވަޒީރު ކަމަށް އިންތިޚާބު ކުރެވުނު ޕެޓޮންގްޓާން ޝިނާވަތުރާ މަރުހަބާ ދަންނަވައި އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ އެ ގައުމުގެ އެންމެ ޒުވާން ބޮޑުވަޒީރަށް މަރުހަބާ ވިދާޅުވާ ކަމަށެވެ.
އެކަމަނާއާ އެކަމަނާގެ ޓީމުގެ ލީޑާޝިޕްގެ އެހީގައި އެގައުމު އިތުރަށް ކުރިއަރައިގެން ދާނެ ކަން ޔަގީން ކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
އޭގެ އިތުރުން ރައީސް ވިދާޅުވީ އެ ގައުމު އިތުރަށް ތަރައްގީވެ ކުރިއަރައިގެން ދިއުމާއެކު އެ ގައުމާ ރާއްޖެއާ ދެމެދު އޮންނަ ގުޅުން އިތުރަށް ވަރުގަދަވެ، ބަދަހިވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ޕެޓޮންގްޓާންއަކީ ފާއިތުވި ދެ ގަރުނުގެ ތެރޭގައި ބޮޑުވަޒީރުކަން ކުރެއްވި ޝިނާވަތްރާ ދަރިކޮޅުގެ ހަތަރުވަނަ މެންބަރެވެ. އޭނާގެ ބައްޕަ ތަކްސިންއާއި ދައްތަ ޔިންގްލަކް ހިމެނޭ ގޮތަށް ތިން މީހުން ވެރިކަމުން ދުރުކޮށްފައިވަނީ އަސްކަރީ ބަޣާވާތްތަކުން ނުވަތަ ދުސްތޫރީ ކޯޓުތަކުގެ ހުކުމްތަކުންނެވެ.

