މާލޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ފެށި ޚާއްސަ އޮޕްރޭޝަންގެ ތެރެއިން އެންމެ ދެ ގަޑިއިރުގެ ތެރޭގައި މާލޭގެ 582 ތަނެއް ބަލައި ފާސްކޮށް، 1،025 ބިދޭސީންނާ ސުވާލުކޮށްފިއެވެ.
އިމިގްރޭޝަނުން އެކްސްގަ ކުރި ޕޯސްޓެއްގައި ބުނީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން ބަލައި ފާސްކުރުމަށް އިއްޔެ ހަވީރު 16:00 އިން 18:00 އަށް ހިންގުނު ހާއްސަ ހަރަކާތުގައި މާލޭގެ އެކި ސަރަހައްދުތަކުން ޖުމްލަ 582 ތަނެއް ބަލައި ފާސްކޮށް، 1,025 ބިދޭސީންނާ ސުވާލުކޮށްފައިވާ ކަމަށެވެ.
އެ އިދާރާއިން ބުނީ މި ހާއްސަ ހަރަކާތުގައި ވިސާ ފުރިހަމަ ނޫން 273 ބިދޭސީންނަށް ނޯޓިސް ދީފައިވާ ކަމަށެވެ. އަދި ގަވާއިދާ ހިލާފަށް އެމީހުން ލައްވާ މަސައްކަތްކުރުވާ 120 ދިވެހިންނަށް ލިޔުމުން ނަސޭހަތް ދީފައިވާ ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ. އޭގެ އިތުރުން މި އިންސްޕެކްޝަންގައި، ބިދޭސީންގެ ތެރެއިން ފިލައިގެން އުޅޭކަމަށް ރިޕޯޓުކޮށްފައިވާ 10 މީހަކު ހޯދާ، އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެވިފައިވާ ކަން ވެސް ހާމަކޮށްފައިވެއެވެ.
211 އިމިގްރޭޝަން އޮފިސަރުންނާއެކު ވެރިރަށް މާލޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ ބޮޑު އޮޕަރޭޝަނެއް ފަށާފައިވާއިރު މި އޮޕަރޭޝަން ކުރިއަށްދަނީ 52 ގްރޫޕަކަށް ބަހާލައިގެން ކަމަށްވެސް އިމިގްރޭޝަނުން މައުލޫމާތުދެއެވެ. އިމިގްރޭޝަނުން ކުރިއަށްގެންދާ މި ހަރަކާތުގައި މާލެ ސަރަހައްދުގެ 26 ޒޯނެއް ބަލައި ފާސްކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ހަރަކާތުގެ މަޤްސަދަކީ މާލެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރަމުން އަންނަ ބިދޭސީން ދެނެގަނެ، އެފަރާތްތަކަށް އިމިގްރޭޝަނަށް ހާޒިރުވުމަށް އަންގައި، އަދި ގަވާއިދާ ހިލާފަށް ބިދޭސީން ލައްވައި މަސައްކަތްކުރުވާ ދިވެހިންނަށް ލިޔުމުން ނަސޭހަތްދިނުން ކަމަށް އިމިގްރޭޝަނުން މައުލޫމާތުދެއެވެ. އެގޮތުން މި ހަރަކާތުން ހޯދޭ މަޢުލޫމާތުގެ އެހީގައި މި މައްސަލައާ ގުޅިގެން މިވަގުތު މާލެ ސަރަހައްދުގެ ހާލަތު ދެނެގަނެވިގެންދާނެ ކަމަށް އިމިގްރޭޝަނުން ދެކެއެވެ.
ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ އޮޕަރޭޝަން އިތުރަށް ފުޅާކުރަން ސަރުކާރުން ނިންމީ މިމަހުގެ 23ވަނަ ދުވަހުއެވެ. ސަރުކާރުގެ މި ނިންމުން ހާމަކުރައްވާ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ލަފާފުޅު ދެއްވާފައިވަނީ މި ބޮޑު މައްސަލަގައި ސަރުކާރާއި ދައުލަތުގެ އެއްވުޒާރާއާ އަނެއް ވުޒާރާ ގުޅިގެން ރައްޔިތުން އެދޭ އަވަސް ހައްލެއް ހޯއްދަވައިދެއްވުން ކަމަށެވެ.
އޮޕަރޭޝަން އިތުރަށް ފުޅާކޮށް، އެޗްޕީއޭ އާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އަދި އިޤްތިޞާދީ ތަރައްޤީއާ ބެހޭ ވުޒާރާ ޓާސްކްފޯހުގައި ހިމެނުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ. މިކަމާގުޅިގެން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާން ވިދާޅުވީ ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަންގެ ދަށުން ހިންގާ ރެއިޑްތަކުގައި މީގެފަހުން އެޗްޕީއޭ އާއި އެމްއެފްޑީއޭ އަދި އިޤްތިޞާދީ ތަރައްޤީއާއިބެހޭ ވުޒާރާގެ އޮފިޝަލުން ބައިވެރިވެވަޑައިގެން، އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާނެ ކަމަށެވެ.
ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް މުހިންމު ފިޔަވަޅުތަކެއް އެޅުއްވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވީ މިއަހަރުގެ ޖުލައި މަހުގައެވެ. މިއާއެކު ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާ އާއި މޯލްޑިވްސް އިމިގްރޭޝަން ގުޅިގެން ވަނީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ ބޮޑު އޮޕަރޭޝަނެއް ފަށާފައެވެ. އެ އޮޕަރޭޝަންތަކުގައި ބިދޭސީން ޤަވާއިދާ ޚިލާފަށް ވިޔަފާރި ކުރާތަންތަނާއި ރަށްކާތެރިކަމުގެ މިންގަނޑަށް ނުފެތޭ ގޮތަށް ކާބޯތަކެތި އުފައްދާތަންތަން ރެއިޑްކޮށް ޤަވާޢިދާ ޚިލާފަށް އުޅޭ ގިނަ ބިދޭސީންތައް ދެނެގަނެ އިމިގްރޭޝަންގެ ބެލުމުގެދަށަށް ގެންގޮސް އެމީހުން ޑީޕޯޓްކުރުމުގެ މަސައްކަތްދަނީ ކުރަމުންނެވެ.

