ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަންނަ އަހަރު ވެގެންދާނީ ގެދޮރުވެރިކަމުގެ ރަން ޒަމާނެއްގެ ފެށުމަށް: ޒަމީރު

ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު އަންނަ އަހަރަށް ލާފާ ކުރާ ދައުލަތުގެ ބަޖެޓު ހުށަހަޅުއްވަނީ/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

2025 ވަނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓަކީ ގެދޮރުވެރިކަމުގެ ރަން ޒަމާނެއްގެ ފެށުންކަމަށަށް ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ލަފާކޮށް 56.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅުއްވައި ޒަމީރު ވަނީ ރާއްޖޭގެ މާލީ ހާލަތު ދަށް ހިސާބަކަށް ވެއްޓިގެން ދިޔައީ ކުރީ ސަރުކާރުން ގެންގުޅެފައިވާ ދޯހަޅި ސިޔާސަތުތަކެއްގެ ސަބަބުންކަމަށް ވިދާޅުވެފަ އެވެ. އަދި އެ ހާލަތުން އަރައިގަތުމަށް ސަރުކާރުގެ އިގްތިސާދީ އެޖެންޑާގެ ތެރެއިން ކުރެވޭ މަސައްކަތާއި އެކު، ހުށަހަޅާ ކަންކަމަކީ އުންމީދީ ވާހަކަތަކެއް ހުރި ބަޖެޓެއްކަމަށް ޒަމީރު ވިދާޅުވި އެވެ،

އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު ހުށަހަޅުއްވަމުން ޒަމީރު ވިދާޅުވީ، ދިވެހި ރައްޔިތުންނަށް ދިމާވެފައިވާ އިޖްތިމާއީ މައްސަލަތަކުގެ ތެރެއިން އެންމެ އަވަސް ހައްލެއް ގެންނަން ޖެހިފައި ވަނީ ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމުގެ ކަންބޮޑުވުންތަކަށް ކަމަށެވެ.

ދިވެހިންގެ އާބާދީގެ ބޮޑު ބަޔަކީ ގެދޮރުވެރި ބަޔަކަށް ހެދުމަކީ ރައީސް ރައީސްގެ އެއް ތައްސަވުރުކަމަަށާއި، 2025 ވަނަ އަހަރުގެ ބަޖެޓު އެކުލަވާލުމުގައި އެންމެ ބޮޑު އިސްކަމެއް ދީފައި ވަނީ ވެސް ރައީސުލްޖުމްހޫރިއްޔާގެ އެ ސިޔާސަތު ތަންފީޒު ކުރެވޭނެ ގޮތެއްގެ މަތީންކަމަށް ޒަމީރު ވިދާޅުވި އެވެ.

2025 ވަނަ އަހަރަށް ފާސްކުރަން އަޅުގަނޑު ތިޔަ އިއްޒަތްތެރި މަޖިލީހަށް ހުށަހަޅާ މި ބަޖެޓަކީ ދިވެހިރާއްޖޭގެ ތާރީހުގައި އެއް އަހަރުދުވަހުގެ ތެރޭގައި ގެދޮރުވެރިކަމަށް ހާއްސަކޮށްގެން ސަރުކާރަކުން އެންމެ ބޮޑު ހޭދައެއް ކުރުމަށް ހުށަހަޅާފައިވާ ބަޖެޓު. ގެދުރޮވެރިކަމާ ބެހޭ މި ދެ ސިޔާސަތުގެ ސަބަބުން، މާތްﷲ ގެ ވާގިފުޅާއިއެކު 2025 ވަނަ އަހަރު ވެގެންދާނީ ގެދޮރުވެރިކަމުގެ ރަން ޒަމާނެއްގެ ފެށުމަށް. ވީމާ، 2025 ވަނަ އަހަރުގެ ބަޖެޓަކީ ހަގީގީ މާނައިގައިވެސް ގެދޮރުވެރިކަމުގެ ބަޖެޓެއް.

ޒަމީރު ވިދާޅުވީ ފަސް އިންސައްތަ އިންޓްރެސްޓުގައި ގެދޮރުވެރިކަމުގގެ ލޯނުތައް ދޫކުރުމަށް އެއް ބިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވާނެ ކަމަށެވެ. އަދި އެ ފައިސާ ބޭނުންކޮށްގެން ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް މަދުވެގެން ދެ ބިލިއަން ރުފިޔާ ހައުސިން ލޯނުގެ ގޮތުގައި ދެވިގެން ދާނެކަމަށް ވިދާޅުވި އެވެ.

މީގެއިތުރުން 1.8 ބިލިއަން ރުފިޔާގެ ޖާގަ ގެދޮރުވެރިކަމުގެ އައު ޕީއެސްއައިޕީ މަޝްރޫއުތައް ހިންގުމަށް ކަނޑައަޅާފައިވާނެކަން މިނިސްޓަރ ފާހަގަކުރެއްވި އެވެ. މިއާއި އެކު އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ދައުލަތުގެ ބަޖެޓު ވެގެން ދާނީ ޒަމީރު ވިދާޅުވި ގޮތުގައި ދިވެހިރާއްޖޭގެ ތާރީހުގައި ވެސް އެއް އަހަރުގެ ތެރޭގައި ގެދޮރުވެރިކަމަށް ހާއްސަކޮށްގެން ސަރުކާރުން އެންމެ ބޮޑު ހޭދައެއް ކުރުމަށް ނިންމާފައިވާ ބަޖެޓުކަމަށް ޒަމީރު ވިދާޅުވި އެވެ.

ޒަމީރު ވިދަޅުވީ މިއީ ގެދޮރުވެރިކަމުގެ ރަން ޒަމާނެއްގެ ފެށުންކަމަށާއި، މިއީ ހަގީގީ މާނައިގައި ގެދޮރުވެރިކަމަށް ވަކި އިންސައްތައެއް ހާއްސަކުރެވޭ ބަޖެޓެއް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: