2025 ވަނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓުގައި ދިވެހިރާއްޖޭގެ ތައުލީމީ ދާއިރާ ކުރިއަރުވައި، ދަރިވަރުންނަށް އިތުރު ފުރުސަތުތައް ހޯދައިދިނުމަށް އިސްކަން ދީފައިވާނެކަމަށް ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން މޫސާ ޒަމީރު ފާހަގަކުރެއްވީ ވޭތުވެ ދިޔަ އަހަރުތަކުގައި އެއްވެސް ޕްލޭނެއް ނެތި ފައިސާ ޗާޕުކޮށް ދަރަނިތައް ނެގުމުގެ ސަބަބުން ގައުމުގެ ހާލަތު ގޮސްފައިވާ ހިސާބެވެ. ޒަމީރު ވިދާޅުވި ގޮތުގައި 2020 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށް ރައްޔިތުންގެ މަޖިލީހުގެ ރުހަމާއި އެކު 8.8 ބިލިއަން ރުފިޔާގެ ދަރަނި ނަގާފައި ވަނީ އެ ފައިސާ އަނބުރާ ދައްކާނެ ގޮތެއް ނުހޯދަ އެވެ.
ސަރުކާރުގެ ހަރަދުތައް އުފުލިގެން ދިޔައީ އާމްދަނީއާއި ނުބައްދަލު މިންވަރަށްކަން ފާހަގަކޮށް ޒަމީރު ވިދާޅުވީ، ދައުލަތުގެ އާމްދަނީގެ ގޮތުގައި ލިބޭ ކޮންމެ 100 ރުފިޔާއަކުން 23 ރުފިޔާ ދައްކަން ޖެހެނީ ދަރަންޏަށާއި، އިންޓްރެސްޓަށް ކަމަށެވެ.
މި ދަތިތަކުން އަރައިގަތުމަށް ސަރުކާރުން އެކުލަވާލާފައިވާ ރިފޯމް އެޖެންޑާގެ މަސައްކަތްތަކާއި އެކު ދެން ޒަމީރު ވިދާޅުވެދެއްވީ، ބަޖެޓުގައި ހުރި މުހިންމު ބައެއް ދާއިރާތަކަށެވެ. އެގޮތުން ބޯހިޔާވަހިކަމާއި، ސިއްހީ ހިދުމަތްތަކުގެ އިތުރުން ތައުލީމީ ދާއިރާ ޒަމީރު ފާހަގަކުރެއްވި އެވެ.
ޒަމީރު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި ތައުލީމަށް ހާއްސަ އިސްކަމެއް ދީފައިވާނެކަމަށެވެ. ހުޅުމާލޭގެ އާބާދީ އިތުރުވަމުން ދާތީ، ސްކޫލުގެ ދަރިވަރުންނަށް ޖާގަ ލިބުމުގައި ހުރި ދަތިތަކަށް ހައްލު ގެނައުމަށް ބަޖެޓުގައި ހިމަނާފައިވާނެކަމަށް ޒަމީރު ވިދާޅުވި އެވެ. އަދި އަރަބިއްޔާ ސްކޫލުގެ އައު އިމާރާތް ކުރިޔަށް ގެންދިއުމާއި، ރަށްތަކުގެ ސްކޫލު ދަރިވަރުންނަށް ތައުލީމީ ފުރުސަތުތައް ހޯދައިދިނުމުގެ ގޮތުން ބަޖެޓުގައި ޖާގަ ދީފައިވާނެކަމަށް ޒަމީރު ވިދާޅުވި އެވެ.
2025 ވަނަ އަހަރަށް ލަފާކުރާ ބަޖެޓަކީ ތައުލީމީ ދާއިރާއަށްވެސް ބޮޑު އިސްކަމެއް ދީފައިވާ ބަޖެޓެއް. އެގޮތުން، ހުޅުމާލޭގެ އާބާދީ އިތުރުވަމުން އައުމާ ގުޅިގެން ސްކޫލުތަކުގެ ދަރިވަރުންނަށް ޖާގަލިބުމުގެ ދަތިކަން ހައްލުކުރުމަށް މި ބަޖެޓުގައި ހިމަނާފައިވާނެ. ހަމައެހެންމެ އަރަބިއްޔާ ސުކޫލުގެ އައު އިމާރާތުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށާއި، ރަށްރަށުގެ ސްކޫލުތަކުގެ ދަރިވަރުންނަށް ފޯރުކޮށްދެމުންދާ ތައުލީމީ ފުރުސަތުތައް އިތުރުކުރުމަށްވެސް މި ބަޖެޓުން ޖާގަ ލިބިގެންދާނެ.
އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މީގެ ތެރެއިން ހަރަދުގެ ގޮތުގައި ހިނގާނެކަމަށް އަންދާޒާކޮށްފައި ވަނީ 49.2 ބިލިއަން ރުފިޔާ އަދި ރިކަރަންޓު ހަރަދުގެ ގޮތުގައި 35.9 ބިލިއަން ރުފިޔާއާއި، ކެޕިޓަލް ހަރަދުގެ ގޮތުގައި 13.3 ބިލިއަން ރުފިޔާ އެވެ.
ހަރަދުތަކުގެ އިތުރަށް ބަޖެޓުގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ދައުލަތުގެ ދަރަނި އަދާކުރުމަށް ބޭނުންވާ 3.9 ބިލިއަން ރުފިޔާއާއި، ސަރުކާރު ކުންފުނިތަކަށް ކެޕިޓަލް ދޫކުރުން އަދި އެހެނިހެން އިންވެސްޓްމަންޓުތައް ކުރުމަށް ހިނގާނެ 378 މިލިއަން ރުފިޔާ އެވެ.
މީގެއިތުރުން ސަރުކާރުން ލޯނު ދޫކުރުމަށް ކަނޑައަޅާފައިވާ 3.2 ބިލިއަން ރުފިޔާގެ އިތުރުން، ފަސް އިންސައްތަ އިންޓްރެސްޓު ރޭޓުގައި ގެދޮރުވެރިކަމަށް ލޯނު ދޫކުރުމަށް ވަނީ އެއް ބިލިއަން ރުފިޔާ ހިމަނާފަ އެވެ.

