ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅާއި އަމާޒުގެ ސަބަބުން ދިވެހިރާއްޖެ ތަރައްޤީގެ އައު ހަރުފަތަކަށް އަރައިގަނެ، ފުދުންތެރި ޤައުމަކަށް ވެގެންދާނެކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން، ވަޒީރު ސަޢީދު ވަނީ ސަރުކާރުން އަޅަމުންދާ އިޞްލާޙީ ފިޔަވަޅުތަކުގެ ސަބަބުން އަންނަމުންދާ އެދެވޭ ބަދަލުތަކަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، ދައުލަތަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ތިބި ފަރާތްތަކުގެ މައްސަލައަކީ އާ ކަމެއް ނޫންކަމަށާއި، އެއީ ކުރީގެ ސަރުކާރުތަކުން ވާރުތަވެފައިވާ މައްސަލައެއްކަން ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް، މިހާރުގެ ސަރުކާރުން މި މައްސަލަ ޙައްލުކޮށް، ދައުލަތަށް ލިބެންޖެހޭ އާމްދަނީ ހޯދުމަށް މަސައްކަތްކުރާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.
ވަޒީރު ސަޢީދު އިތުރަށް ވިދާޅުވީ، ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން ވިޔަފާރިކުރާ ފަރާތްތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާ ދެއްކުމަކީ ލާޒިމު ކަމެއްކަމަށެވެ. އަދި ރައީސް މުޢިއްޒު މިހާރު އަޅުއްވަމުންދާ ބައެއް ފިޔަވަޅުތަކަކީ ކުރީގެ އެއްވެސް ރައީސަކަށް އެޅުއްވުމަށް ކެރިވަޑައިނުގެންނެވި ފިޔަވަޅުތަކެއްކަންވެސް ފާހަގަކުރެއްވިއެވެ.
އިތުރު އިޞްލާޙީ ފިޔަވަޅުތަކުގެ ތެރޭގައި، ޓެކްސް އިތުރުކުރުމާއި، ޗައިނާއާއެކު ވެވޭ ފްރީ ޓްރޭޑް އެއްބަސްވުން ޖެނުއަރީ މަހުން ފެށިގެން ތަންފީޒުކުރަން ފެށުން ހިމެނޭކަމަށް ވަޒީރު ވޒީރު ވިދާޅުވިއެވެ. މީގެ ސަބަބުން ވިޔަފާރިތަކަށް ލުއިފަސޭހަކަން ލިބިގެންދާނެކަމަށާއި، ނަމަވެސް ރާއްޖޭގައި ވިޔަފާރިކުރާ ފަރާތްތަކުން ޓެކްސް ދެއްކުމަކީ އަދިވެސް މުހިންމު ކަމެއްކަން ފާހަގަކުރެއްވިއެވެ.
ސަޢީދު އިތުރަށް ވިދާޅުވީ، ރާއްޖޭގައި ތަރައްޤީކުރަމުންދާ ގިނަ ރިސޯޓުތަކުގެ މަސައްކަތް ނުނިމި ހުއްޓިފައިވާކަމަށާއި، މި މައްސަލަ ޙައްލުކުރުމަށް ކުރީގެ ސަރުކާރުތަކުން އެކަށީގެންވާ މަސައްކަތެއް ކުރެވިފައިނުވާކަމަށެވެ. އެހެންނަމަވެސް، ރައީސް މުޢިއްޒުގެ ސަރުކާރުން ޑިވެލޮޕްމަންޓް ބޭންކެއް ޤާއިމުކުރުމުގެ ސިޔާސަތު ތަންފީޒުކޮށްފައިވާކަން ފާހަގަކުރެއްވިއެވެ.

