ސްކޫލު ކުދިންގެ ޗުއްޓީ ދުވަސްވަރު އާއިލާއާއެކު ޗުުއްޓީ ހޭދަކުރާއިރު ދުޅަހެޔޮ ސިއްހަތަކަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
މިއަހަރުގެ ދިރާސީ އަހަރުގެ ފުރަތަމަ ޓާމުގެ ކިޔެވުން ނިންމައި، ރިޕޯޓް ފޮތް ދިނުމަށްފަހު ދަރިވަރުންގެ 12 ދުވަހުގެ ޗުއްޓީ ރަސްމީކޮށް ފެށިފައިވާއިރު ގިނަ އާއިލާތަކުން ޗުއްޓީ ހޭދަކުރަމުންދާ މިދަނޑިވަޅުގައި އެޗްޕީއޭއިން ވަނީ ޗުއްޓީ ހޭދަކުރަމުންދާއިރު ސިއްހަތަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. އެގޮތުން، އެޗްޕީއޭއިން ސޯޝަލް މީޑީއާގައި ކުރި ޕޯސްޓެއްގައިވަނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ޓަކައި މުހިންމު ފަސް އިލްތިމާސްއެއް ނެރެފިއެވެ.
އެޗްޕީއޭއިން ވަނީ ހަކުރު ގިނަ ބުއިންތަކާއި، ހަށިގަނޑަށް ގެއްލުންދޭ ޓްރާންސް ފެޓް އެކުލެވޭ ކާނާއާ ދުރުހެލިވުމަށް އިލްތިމާސްކޮށްފައެވެ. އެގޮތުން، ތެލުލާފައި ހުންނަ ކާނާއާއި ހަކުރު އެކުލެވޭ ކާނާ މަދުކުރުމަށް އެޗްޕީއޭއިން ވަނީ އިލްސިމާސްކޮށްފައެވެ. އަދި ކަރުހިއްކުން ފިލުވުމަށް ފޮނި ބުއިންތަކުގެ ބަދަލުގައި ފެން ބޭނުންކުރުމަށާއި، ކޮންމެ ދުވަހެއްގެ ކެއުމުގައި ތަރުކާރީއާއި މޭވާ ހިމެނުމަށް އެޗްޕީއޭއިން ވަނީ ބާރުއަޅާފައެވެ.
މީގެ އިތުރުން، ދުންފަތުގެ ދުމުން ކުދިން ރައްކާތެރިކުރުމަކީ ބެލެނިވެރިންގެ ބޮޑު ޒިންމާއެއްކަމަށާއި، ގޭތެރެއާއި ކުދިން އުޅޭ މާހައުލުތަކަކީ ދުމުން ސާފު ތަންތަނަށް ހެދުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ. އަދި ސްކްރީން ވަގުތު މަދުކޮށް، ކަސްރަތާއި ހަރަކާތްތެރިވެ އުޅުމަށް އިސްކަންދިނުމަކީ ކުދިންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް އެޗްޕީއޭއިން ފާހަގަކޮށްފައިވެއެވެ. މިގޮތުން ކޮންމެ ދުވަހަކުވެސް އާއިލާއާއެކު ދަރިވަރުން ކޮންމެ ދުވަހަކު ހިނގާލައި ހަރަކާތްތެރިވުމަށް އެޗްޕީއޭއިން އިލްސިމާސްކޮށްފައިވެއެވެ.
ރާއްޖޭގައި މަރުވާ މީހުންގެ ބޮޑު އިންސައްތައަކީ ގައިންގަޔަށް ނާރާ ބަލިތަކަށް ނިސްބަތްވާ މީހުން ކަމަށްވާތީ، މުސްތަގުބަލުގެ ޖީލު މިފަދަ ބަލިތަކުން ސަލާމަތްކުރުމަށް ޓަކައި ކުޑައިރުއްސުރެ ދުޅަހެޔޮ އާދަތަކަށް އަހުލުވެރިކުރުވުން މުހިންމެވެ. އެޗްޕީއޭގެ އަމާޒަކީ މިފަދަ ރަނގަޅު އާދަތަކަކީ އާއިލާތަކުން ދާއިމީކޮށް ހިފަހައްޓާނެ ކަންތައްތަކަކަށް ވެގެންދިއުމެވެ.
ދިރާސީ އަހަރުގެ ފުރަތަމަ ޓާމުގެ ކިޔެވުން ނިންމައި، ރިޕޯޓް ފޮތް ދިނުމަށްފަހު ދަރިވަރުންގެ 12 ދުވަހުގެ ޗުއްޓީ ރަސްމީކޮށް ފެށިފައި ވަނީ ޖުލައި 16 ގައެވެ. މި ޗުއްޓީއަށްފަހު ދެވަނަ ޓާމުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 2 ވަނަ ދުވަހުއެވެ.

