ރާއްޖޭގައި މީގެ ކުރިން އޮތް ސިޔާސީ ބަދަލުހިފުމުގެ ސަގާފަތާއި އަޅުވެތިކަމުން ގައުމު މިނިވަންކުރެވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ގައުމުގެ މިނިވަންކަމާއި ޑިމޮކްރަސީގެ ހާލަތާ ގުޅޭގޮތުން ދެއްވި މެސެޖެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި ގޮތުގައި މިހާރުގެ ސަރުކާރުން ވަނީ ޑިމޮކްރަސީގެ މިނިވަންކަން ރާއްޖޭގެ ތާރީޚުގައި ނުވާވަރަށް ފުޅާކޮށްދީފައެވެ. އަދި ސިޔާސީ ވާދަވެރިންނަށް ދުއްތުރާކުރުމުގެ ބަދަލުގައި، ހަމަހަމަ ފުރުސަތުތަކެއް ވަނީ ފަހިކޮށްދީފައެވެ.
ސިޔާސީ ލީޑަރުންނާއި ކުރީގެ ރައީސުން ޖަލަށްލުމުގެ ބަދަލުހިފުމުގެ ރޫހު ނައްތާލައި، ސިޔާސީ ހަރަކާތްތަކަށް ފުރިހަމަ މިނިވަންކަން ދީފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން، ޚިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން އެންމެ ފުޅާ ދާއިރާއެއްގައި ކަށަވަރުކޮށްދީފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ދާޚިލީ ގޮތުން ޤައުމުގައި މިނިވަންކަން އޮންނާނީ ޑިމޮކްރަސީގެ މިނިވަންކަން ފުރިހަމަ ގޮތުގައި ލިބިގެން ކަމަށެވެ. އެގޮތުން، ރާއްޖޭގެ ތާރީޚުގައިވެސް އަދުގެ ސަރުކާރުން ރާއްޖޭގައި ޑިމޮކްރަސީ މިނިވަންކޮށްދީފައިވާ ވަރަށް ދުވަހަކުވެސް ޑިމޮކްރަސީ މިނިވަންކަމާއެކު ތަންފީޒު ކުރެވިފައި ނުވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިނިވަންކަމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ”މިނިވަންކަން ބޭނުންކުރުމުގައި ޤާނޫނުއަސާސީއާއި އިސްލާމްދީނުގެ އިންތަކަށް ހުރިހާ ރައްޔިތުންވެސް އިޙްތިރާމްކުރަންޖެހޭނެ“ ކަމަށެވެ. މިއީ ގައުމުގެ ހަމަޖެހުމަށް ކޮންމެހެން މުހިންމު ކަމެއްކަމަށްވެސް ރައީސް ހަނދާންކޮށްދެއްވިއެވެ.

