ގދ. ތިނަދޫގައި މީހުން އަލުން އާބާދުވިތާ މިއަދަށް 60 އަހަރު ފުރުނު މުނާސަބަތު ފާހަގަކުރަން ތިނަދޫ ސިޓީގައި މާލޭގައި ނަގާފައިވާ ގައުމީ ދިދައާ އެއްވަރުގެ ބޮޑު ދިދައެއް މިއަދު ހެނދުނު ނަގައިފިއެވެ.
ދެކުނުގެ ތިން އަތޮޅުން އުފެއްދި ”ސުވަދީބު ހަރަކާތް“ ކޮންޓްރޯލްކުރަން ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ އޯޑަރަށް ތިނަދޫއިން މީހުން ބާލުވައި ރަށް ފަޅުކުރީ ފެބްރުއަރީ 4، 1962 ގައެވެ. ނަމަވެސް، މީހުން ދިރިއުޅޭ ރަށެއްގެ ގޮތުގައި ތިނަދޫ އަލުން ހަމަޖައްސައި މީހުން ބަދަލުވާން ފެށީ އޭގެ ހަތަރު އަހަރު ފަހުން، އޮގަސްޓު 22، 1966 ގައެވެ.
އެ ދުވަހަށް 60 އަަހަރު ފުރުން ”އާބާދީ 60″ގެ ނަމުގައި މިއަދު ފާހަގަކުރަމުންދާއިރު، ދުވަހުގެ ހަރަކާތްތައް ފަށާފައިވަނީ މިއަދު ހެނދުނު 6:00ގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތާއެކުއެވެ. އެ ރަސްމިއްޔާތުގައި މާލޭގެ ޖުމްހޫރީ މައިދާނުގައި ނަގާފައިވާ ދިދައާ އެއްވަރުގެ ގައުމީ ދިދައެއް ތިނަދޫގައި ވެސް ވަނީ ނަގައިފައެވެ. އެ ދިދަ ނެގީ ދިވެހި ފުލުހުންނެވެ.
އެ ރަސްމިއްޔާތުގައި ކުރީގެ ރައީސުން މުހައްމަދު ނަޝީދާއި އަބްދުﷲ ޔާމީން ބައިވެރިިވެވަޑައިގެންނެވިއެވެ. އޭގެ އިތުރުން، މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މިރޭ 8:30 ގައި ތިނަދޫ ސިޓީ ސްޓޭޑިއަމްގައި ބާއްވާ ދުވަހުގެ ރަސްމީ ޖަލްސާގައި އެ ދެ ބޭފުޅުން ވެސް ވާހަކަ ދައްކަވާ ގޮތަށް އޮތީ ހަމަޖެހިފައެވެ.
މީގެ 10 އަހަރު ކުރިން ތިނަދޫގައި މީހުން އަލުން އާބާދުވިތާ 50 އަހަރު ފުރުން ފާހަގަކުރަން 2016 ވަނަ އަހަރު ބޭއްވި ރަސްމިއްޔާތަށް، އޭރުގެ ރައީސް ޔާމީން ވަޑައިގެންނެވިކަން ފާހަގަކުރެވެއެވެ.
ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ ވިދާޅުވެފައިވަނީ ”އާބާދީ 60“ ފާހަގަކުރަން ގިނަ ހަރަކާތްތަކެއް ބާއްވަން ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތުން އެ ހަރާތްތައް މިހާރު ފެށިފައިވާއިރު، އެކި ރޭސްތަކާއި، ސާގާފީ ހަރަކާތްތަކާއި ކެއުންތައް ވެސް ހިމެނެއެވެ. ނަމަވެސް، އިއްޔެ މޫސުން ގޯސްވުމުގެ ސަބަބުންް ބައެއް ހަރަކާތްތައް ވަނީ ފަސްކޮށްފައެވެ.
ތިނަދޫގައި މީހުން އަލުން އާބާދުވިތާ 60 އަހަރު ފުރުން ފާހަގަކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން އިއްޔެ ވަނީ އެ ރަށް ކައިރީގައި އޮންނަ ކަފެނާއަށް ފަތާފާއި ދިޔުމުގެ ހަރަކާތެއް ބާއްވައިފައެވެ. މިއީ، އެ ރަށުން މީހުން ބޭލުމުން އެ ރަށުގެ ބައެއް ރައްޔިތުން ފަތާފައި ކަފެނާއަށް ދިޔަ ގޮތް ރަމްޒުކޮށްދިން ހަރަކާތަކެވެ.
ތިނަދޫން މީހުން ބޭލި ހާދިސާގައި އެތައް ބައެއްގެ ފުރާނަ ގެއްލި، ސަލާމަތްވި މީހުންގެ މުޅި ދިރިއުޅުން ފުނޑުފުނޑުވި ހާދިސާ، މިދިޔަ ސަރުކާރުގައި އުފެއްދި އިންތިގާލީ އިންސާފުގެ އޮފީހުން ވެސް ބެލިއެވެ. ނަމަވެސް، އެ މައްސަލައިގައި ވަކި ގޮތެއް ނިމިފައި ނުވެއެވެ.

