މިދިޔަ އަހަރުގެ ފަހު ކުއާޓަރގައި އެމްޓީސީސީގެ އާމްދަނީ ވަރަށް ބޮޑަށް އިތުރުވެ ޓެކުހަށް ކެނޑުމަށްފަހު ފައިދާގެ ގޮތުގައި 62.82 މިލިއަން ރުފިޔާ ލިބިފައިވާކަން އެ ކުންފުނީގެ މާލީ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެމްޓީސީސީގެ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގެ މާލީ ރިޕޯޓުގައި ވާގޮތުން އެ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި ޖުމްލަ 724.45 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ ތިންވަނަ ކުއާޓަރުގައި ލިބުނު 501.20 މިލިއަން ރުފިޔާއާ އަޅާބަލއިރު ބޮޑު ކުރިއެރުމެކެވެ.
މީގެ އިތުރުން ހިންގުމުގެ ފައިދާގެ ގޮތުގައި 101.06 މިލިއަން ރުފިޔާ ލިބިފައިވާއިރު، ތިންވަނަ ކުއާޓަރުގައި ހިންގުމުގެ ފައިދާއަކީ 29.26 މިލިއަން ރުފިޔާއެވެ. އަދި ޓެކުހަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި 69.04 މިލިއަން ރުފިޔާ ލިބިފައިވާއިރު، މި ކުއާޓަރުގައި ހިއްސާއަކަށް ޖެހުނު މިންވަރު ވަނީ 1.66 ރުފިޔާއިން 7.82 ރުފިޔާއަށް އަރާފައެވެ.
ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ކުންފުންޏަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ކޮންސްޓްރަކްޝަން އަދި ޑްރެޖިންގް ދާއިރާއިންނެވެ. އެ ދާއިރާއިން 589.46 މިލިއަން ރުފިޔާ ލިބިފައިވާއިރު، ޓްރޭޑިންގް ދާއިރާއިން 92.08 މިލިއަން ރުފިޔާ އަދި ޓްރާންސްޕޯޓް ދާއިރާއިން 38.23 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
ހަތަރުވަނަ ކުއާޓަރުގައި އެމްޓީސީސީން ޖުމްލަ 479 މަޝްރޫޢެއްގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާއިރު، އޭގެ ތެރެއިން 301.69 މިލިއަން ރުފިޔާގެ ހަތް މަޝްރޫޢެއްގެ މަސައްކަތް ވަނީ މުޅިން ނިންމާލާފައެވެ.
މީގެ އިތުރުން 63 މަޝްރޫޢެއްގެ އަމަލީ މަސައްކަތް އަލަށް ފަށައި، 1.51 ބިލިއަން ރުފިޔާގެ އަގުހުރި 111 އައު މަޝްރޫޢެއްގައި ވަނީ ސޮއިކޮށްފައެވެ.

