އާބާދީ ކުޑަ ރަށްރަށުގެ ކައުންސިލްގެ އިދާރާތަކަށް ބޭނުންވާ މުވައްޒަފުން އެރަށަކުން ނުލިބޭ ހާލަތުގައި އެ އަތޮޅުގެ އެހެން ރަށެއްގައި ތިބެގެންވެސް ކައުންސިލުގެ ވަޒީފާ އަދާކުރެވޭ ގޮތަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)އިން އުސޫލެއް އެކުލަވައިލައިފިއެވެ.
ސީއެސްސީން ބުނެފައިވާ ގޮތުގައި މިދިޔަ ހަފްތާގައި ނެރުނު އެ އުސޫލަކީ ކައުންސިލްގެ އިދާރާތަކުގެ ތެރެއިން އެ އިދާރާއިން ދޭން ޖެހޭ އަސާސީ ހިދުމަތް ދިނުމަށް ބޭނުންވާ އެއްވެސް މުވައްޒަފެއް އެ އިދާރާ ގާއިމްކުރެވިފައިވާ ރަށަކުން ނުލިބޭ ހާލަތުގައި، މުވައްޒަފުން އެ އަތޮޅުގެ އެހެން ރަށްތަކުގައި ތިބެގެން މަސައްކަތް ކުރެވޭ ގޮތަށް ވަޒީފާ ހަމަޖެއްސުމުގައި އަމަލުކުރާނެ ގޮތް ބަޔާންކުރާ އުސޫލެވެ.
އެ އުސޫލުގައި ވަނީ، މުވައްޒަފުން ހޯދުމަށް ފުރުސަތު ހުޅުވާލެވޭ މަގާމަކީ ”މުވައްޒަފު ނަގަން ބޭނުންވާ ރަށު ކައުންސިލްގެ އިދާރާއަކަށް ފާސްކޮށްދީފައިވާ އިދާރީ އޮނިގަނޑު“ގައި ހިމެނޭ އަދި ވަޒީފާ ހަމަޖައްސާ ފަރާތަށް ހިނގާނެ ހަރަދަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާ މަގާމަކަށް ވާން ޖެހޭނެ ކަމަށެވެ. އަދި އެ އުސޫލުގެ ދަށުން މުވައްޒަފުން ހޯދުމަށް ފުރުސަތު ހުޅުވާލާނީ އެ އަތޮޅުގެ ހުރިހާ ރަށެއް ހިމެނޭ ގޮތަށް ކަމަށް ބަޔާންކޮށްފައިވެއެވެ.
ސީއެސްސީން ވަނީ، ވަޒީފާ ހަމަޖައްސާ މީހަކަށް އެ މީހަކު ދިރިއުޅޭ ރަށުގެ ކައުންސިލުގެ އިދާރާއަށް ހާޒިރުވެ، ވަޒީފާ އަދާކުރުމުގެ ފުރުސަތު ފަހިކޮށްދޭންވާނެ ކަމަށް ބުނެފައެވެ. އަދި މުވައްޒަފުން މަސައްކަތް ކުރުމަށް ބޭނުންވާ ވަސީލަތްތަކަށާއި މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް ހިނގާނެ ހަރަދު ހަމަޖައްސާނީ މުވައްޒަފުގެ ވަޒީފާ އޮތް ކައުންސިލްގެ އިދާރާއިންކަން އުސޫލުގައި ފާހަގަކޮށްފައިވެއެވެ.
އެ އުސޫލުގެ ދަށުން ނަގާ މުވައްޒަފުންނަށް މުސާރައާއި އިނާޔަތްތައް ދިނުމުގައި އަމަލުކުރަނީ ”ދައުލަތުގެ ޕޭ ފްރޭމްވޯކްގެ މިންގަނޑު“ގައިވާ ގޮތުގެ މަތީން ކަމަށް ވެސް ސީއެސްސީން ބުނެފައިވެއެވެ.
މީގެ އިތުރުން، ވަޒީފާ ހަމަޖައްސާ މުވައްޒަފުންނަށް ވަޒީފާ ދިނުމާއި ވަޒީފާއިން ވަކިކުރުމާއި ވަޒީފާގެ ކުރިއެރުން ދިނުމާއި އެ ނޫން ވެސް ވަޒީފާއާ ގުޅޭ އެންމެހާ ކަންތައްތަކުގައި އަމަލުކުރާނީ ސިވިލް ސާވިސްގެ ގާނޫނުގައި ދިވެހި ސިވިލް ސާވިސްގެ ގަވައިދާއި އެފަދަ ކަންކަމުގައި އަމަލުކުރުމަށް ސީއެސްސީން އެކުލަވާލައިފައިވާ އުސޫލުތަކާއި މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތީން ކަމަށް އުސޫލުގައިވެއެވެ.

