މަދަނީ ކުދި މައްސަލަތައް ބަލަން ހާއްސަ ކޯޓެއް ގާއިމްކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، މަދަނީ މައްސަލަތައް ބަލާ ސިވިލް ކޯޓުގައި މައްސަލަތައް ގިނަވެ، ލަސްތަކަކާ ކުރިމަތިލާން ޖެހޭ ކަމަށެވެ.
އެހެންކަމުން، އެކަން ހައްލުކުރަން ކުދި މައްސަލަތައް ބެލުމަށް ހާއްސަ ކޯޓެއް ގާއިމްކުރަން ނިންމާފައިވާ ކަމަށާއި އެ ބަދަލާއެކު އާންމުންނާއި ކުދި ވިޔަފަރިތަކާއި ބޮޑެތި ވިޔަފާރިތަކަށް ވެސް މަދަނީ މައްސަލަތައް ހިންގުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
”އޭރުން ކުދިކުދި މައްސަލަތައް، މިސާލަކަށް އެއް ލައްކަ ރުފިޔާއަށް ވުރެ ކުދި މައްސަލަަތައް ފަސޭހައިން ހުށަހެޅި، އަވަހަށް ނިންމާލެވޭނެ. އަވަސް ނިޔާ ކޯޓު ނިޒާމެއް ގާތްގަނޑަކަށް،“ ރައީސް
އޭގެ އިތުރުން، ބޮޑެތި ވިޔަފާރިތަކާއި ބޮޑެތި މާލީ މުއާމަލާތްތަކާ ގުޅޭ މައްސަލަތައް އަވަސްކުރަން ވެސް ބަދަލުތަކެއް ގެންނަން ނިންމާފައިވާކަން ރައީސް މުއިއްޒު އިއުލާނުކުރެއްވިއެވެ. އެގޮތުން އެފަދަ މައްސަލަތައް ބަލަން ހާއްސަ ކޮމާޝަލް ޑިވިޝަނެއް ސިވިލް ކޯޓުގައި ގާއިމުކުރަން ނުވަތަ ވަކިން މާކެންޓައިލް ކޯޓެއް ގާއިމުކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
”މިހާރު އެބަހުރި ކޯޓުތަކުގައި ވިޔަފާރިއާ ގުޅޭ އާންމު ރައްޔިތުންގެ ބައިވަރު މައްސަލަތައް. މިލިއަންސް އޮފް މިލިއަންސް އޮފް ރުފިޔާގެ މައްސަލަތައް، ލަސްކަމާ އެކީގައި ހިނގަނީ. އެހެން ނަމަވެސް އެއީ އަވަސް ކުރެވިދާނެ ކަންކަން،“ ރައީސް
އެ ކޯޓު ގާއިމުކުރުމަށާއި މަދަނީ އިޖުރާއަތުގެ ނިޒާމަށް ބަދަލު ގެންނަން ކޯޓުތަކާ ބެހޭ ގާނޫނާއި މަދަނީ އިޖުރާއަތުގެ ގާނޫނަށް ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ދައުރުގެ ތެރޭގައި އިސްލާހު ހުށަހަޅުއްވާނެ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރާއްޖޭގައި އެންމެ ގިނަ މައްސަލަތައް ބަލަމުންދާ ކޯޓު ކަމަށްވާ ސިވިލް ކޯޓަށް މިިދިޔަ އަހަރު އެކަނި ވެސް އަލަށް 5680 މައްސަލަ ހުށަހެޅިއެވެ. އޭގެ ކުރީ އަހަރުތަކުުގައި ހުށަހަޅައި ނުނިމި ހުރި މައްސަލަތައް ހިމެނޭ ގޮތަށް މިދިޔަ އަހަރު އެ ކޯޓުން 6718 މައްސަލައެއް ނިންމާފައިވެއެވެ.

