ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަސްމާލެ މަޝްރޫއާއެކު ނ. އަތޮޅުގައި ހިންގާ ޓައުންޝިޕް މަޝްރޫއު ވެސް ހުއްޓެންޖެހޭ: ޑރ. ޝަމްހީދު

ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ އަހުމަދު ޝަމްހީދު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރަސްމާލެ މަޝްރޫގެ އިތުރުން ނ. އަތޮޅުގައިވެސް މި ސަރުކާރުން ހިންގަމުންދާ މަޝްރޫއު ވެސް ހުއްޓާލަންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.

ޝަމްހީދު މިހެން ވިދާޅުވީ، ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ސަރުކާރުން ރަސްމާލެ މަޝްރޫއާއި ގުޅޭގޮތުން ވެފައިވާ އެންމެހާ އެއްބަސްވުންތަކުގެ މައުލޫމާތު ހާމަކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ހުށައެޅުއްވި ގަރާރުގެ ބަހުސްގައެވެ.

ޝަމްހީދު ވިދާޅުވީ، ނ. އަތޮޅުގައިވެސް މި ސަރުކާރުން އެފަދަ މަޝްރޫއެއް ބޭރުގެ އިންވެސްޓަރުންތަކަކާ ހަވާލުކޮށްގެން ކުރިއަށް ގެންދާއިރު އެއީ ރައްޔިތުންނަށް އެނގެންޖެހޭކަމެއް ކަމަށާއި އެ މަޝްރޫއުވެސް ވަގުތުން ހުއްޓެންޖެހޭ ކަމަށެވެ. އަދި ނ. އަތޮޅުގައި ހިންގާ މަޝްރޫއަކީ ރިސޯޓެއް ތަރައްގީކުރަން ހަވާލުކުރި ބިމެއް ނަމަވެސް އެތަނުގައި ޓައުންޝިޕެއް ހަދަން ބަދަލުކުރީ މި ސަރުކާރުން ކަމަށާއި އެއީ ވަރަށް ބޮޑު ގޯހެއްކަމަށާއި އެކަން ވަގުތުން ހުއްޓަންޖެހޭކަމަށް މެމްބަރު ވިދާޅުވިއެވެ.

”ދިވެހި ރައްޔިތުންނަށް އެނގެން އެބަޖެހޭ މިހާރުވެސް މިފަދަ މަޝްރޫއެއް ނ. އަތޮޅުގައިވެސް އެބަ ހިނގާކަން. އެ މަޝްރޫއު ވެސް މިއާއެކު އެބަ ހުއްޓެންޖެހޭ. އެއީ ރިސޯޓެއް ހަދަން ދިން ތަނެއް. އަނބުރާ އެތަން އެބަޖެހޭ ރިސޯޓަކަށް ބަދަލުކުރަން. އެތަން ޓައުންޝިޕަކަށް ހެދީ މި ސަރުކާރުން،“ ޝަމްހީދު

މެމްބަރުނީ ”ހެންލީ އެންޑް ޕާޓްނާސްއިން ކުރިއަށް ގެންދާ ”ޕާލް ރެޒިޑެންސީ“ ޕްރޮގްރާމުގެ ތެރެއިން ދިވެހިރާއްޖޭގައި ދިރިއުޅޭނެ ބިދޭސީން އެ ކުންފުނިން ހޯދާނެކަމަށާއި އަދި އެމީހުން ދިރިއުޅޭނެ ޓައުންތަކެއް ގާއިމުކުރާނެ ކަމަށެވެ. އަދި މިއީ ވަގުތުން ހުއްޓުވަންޖެހޭ މަޝްރޫއުއެއް ކަމަށް ވިދާޅުވެފައެވެ.

ޝަމްހީދު ވަނީ ދިވެހި ރައްޔިތުންގެ ފައިސާއިން ނ. އަތޮޅުގައި ބިމެއް ހިއްކައިގެން ބޭރުގެ ބަޔަކަށް ދޭން ނިންމާއިރު ތާރީހަށް ބަލާލިކަމުގައި ވިޔަސް މިހާތަނަށްވެސް ދިވެހި ރައްޔިތުންގެ ފައިސާއިން ހިއްކި ބިމެއް ބޭރުގެ ބަޔަކަށް ދީފައިނުވާނެ ކަމަށެވެ. އަދި އެއްބަސްވުމުގައި ރައްޔިތުންގެ ފައިސާއިން ހިއްކި ބިމުގެ އަގު އަނބުރާ ލިބޭނެކަމަށް ބަޔާންކޮށްފައިނުވާކަމަށް މެމްބަރު ވިދާޅުވިއެވެ.

”500 މިލިއަން ޑޮލަރު ރައްޔިތުންގެ ފައިސާއިން ހަރަދުކޮށްގެން ހިއްކާއިރު ދިވެހި ތާރީހަށް ބެލިއަސް މިހާތަނަށް ބޭރުގެ ބަޔަކަށްވެސް ދިވެއްސަކަށްވެސް ނޯންނާނެ ބިމެއް ދީފަކަ ހިލެއެއް،“ ޝަމްހީދު

މެމްބަރު ވަނީ އެއްބަސްވުމުގައި އެއްވެސް ވަރަކަށް ރައްޔިތުންގެ ފައިސާއިންއިން ހިއްކި ތަނެއްގެ ފައިސާ އަނބުރާ ލިބެންޖެހޭނެކަމަށް ބަޔާންކޮށްފައިނުވާއިރު އެ ފައިސާ އަނބުރާ ރައްޔިތުންނަށް ލިބޭނެކަން ކަށަވަރު ނުވާހާ ހިނދަކު އޭނާ އެ މަޝްރޫއަށް ތާއިދުނުކުރައްވާނެކަމަށް ވިދާޅުވިއެވެ. އަދި އެއްބަސްވުމުގައި އޮތި ”ޔޯލަޔޯލަ“ ވާހަކަ ކަމަށާއި އެ ޕްރޮޖެކްޓަށްވެސް އޭނާ އެއްވެސް ވަރަކަށް ތާއީދެއް ނުކުރާކަމަށް ވިދާޅުވިއެވެ.

ރައްޔިތުންވެސް އެކަމާއި ދެކޮޅުވާންޖެހޭކަމަށް މެމްބަރު ވަނީ ވިދާޅުވެފައެވެ. ރަސްމާލެ މަޝްރޫއުއެކޭ އެއްގޮތަށް ނ. އަތޮޅުގައި ކުރިއަށް ގެންދިއުމަށް ސަރުކާރުން ނިންމާފައިވާ މަޝްރޫއުއަކީވެސް ބިދޭސީންނަށް ފައިދާވާނެގޮތަށް ބިދޭސީންނަށް ތައްޔާރުކުރާ ތަންތަންކަމަށް މެމްބަރު ވިދާޅުވިއެވެ.

މީގެ އިތުރުން، މި ސަރުކާރުން އޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ހަވާލުކޮށްގެން ރަސްމާލޭގައި ހިންގަން ނިންމާފައިވާ ބިޔަ ބޮޑު މަޝްރޫއުއާ ދެކޮޅަށް ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރުންވެސް އުޅުއްވާކަން ފާހަގަކުރައްވައި މެމްބަރު ވިދާޅުވީ، ރަސްމާލެ މަޝްރޫއުއަށް އެ ޕާޓީން ދެކޮޅު ހަދަނީ ރައްޔިތުންވެސް އެކަމާއި ދެކޮޅު ހަދާތީ ކަމަށެވެ. އެގޮތުން މިހާތަނަށް އެ މަޝްރޫއަށް ތާއީދުކުރާ އެއްވެސް ދިވެހި ރައްޔިތަކާއި ދިމާވެފައިނުވާކަމަށް އޭނާ ވިދާޅުވިއެވެ.

ރަސްމާލެ މަޝްރޫއުއާ ރައްޔިތުން ދެކޮޅު ހަދާ މައިގަނޑު ސަބަބަކީ އެއްވެސް ވަރަކަށް ދިވެހި ފަސްގަނޑުގައި ބޭރުގެ އެއްވެސް ބަޔަކު އައިސް ދާއިމަށް ދިރިއުޅެން ރައްޔިތުން ބޭނުންނުވާތީކަމުގައި މެމްބަރު ފާހަގަކުރެއްވިއެވެ. އެގޮތުން ދިވެހި ފަސްގަނޑުން ބައިބައިކޮށް ފޮތޮފޮތިކޮށް ދާއިމަށް ބޭރުގެ ބަޔަކަށް ދިނުމަށް ރައްޔިތުން އެއްވެސް ވަރަކަށް ގަބޫލެއް ނޫންކަމަށް މެމްބަރު ތަކުރާރުކުރެއްވިއެވެ.

”ދިވެހީން ނޭދޭ އެއްވެސް ވަރަކަށް ދިވެހި ފަސްގަނޑުގައި ބޭރުގެ އެއްވެސް ބަޔަކު އައިސް ދާއިމަށް ދިރިއުޅެން. އެއީ ދިވެހިން ނޭދޭކަމެއް. ދިވެހި ފަސްގަނޑުން ބައިބައިކޮށް ފޮތޮފޮތިކޮށް ދާއިމަށް ބޭރުގެ ބަޔަކަށް ދިނުމަށް ރައްޔިތުން ނޭދޭ. މިއީ މިމަޝްރޫއަށް ރައްޔިތުން ދެކޮޅު ހަދާކަމަކީ. މިއާއެކު ރައްޔިތުންނަށް އެބަ އިނގެންޖެހޭ ނ. އަތޮޅުގައިވެސް މިފަދަ މަޝްރޫއެއް އެބަ ހިނގާކަން. އެކަންވެސް އެބަ ހުއްޓެންޖެހޭ“ ޝަމްހީދު

ރާއްޖޭގެ ރިއަލް އެސްޓޭޓް ޕްރޮޕަޓީތައް ގަނެގެން ރާއްޖެއިން ރެޒިޑެންސީ ލިބޭގޮތަށް ސަރުކާރުން ތައާރަފުކުރި ”ޕާލް ރެޒިޑެންސީ“ ވިސާ ޕްރޮގްރާމަކީ ގައުމީ ސަލާމަތަށާއި ދައުލަތުގެ ސިޔާދަތަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް ބުނެ، އެ މަސައްކަތް ވަގުތުން ހުއްޓާލުމަށް ގޮވާލައި މީގެ ކުރިން މެމްބަރު ޝަމްހީދު ވަނީ ރައްޔިތުންގެ މަޖިލީހަށް ގަރާރެއްވެސް ހުށަހަޅާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: