ގއ. މާމެންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަޙްމަދު ޝުކޫރު މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ޝުކޫރުގެ މައްސަލަތަކެއް ބެލުމަށް ފަހު މަގާމުން ވަކިކުރުމަށް ވަނީ މަޖިލީހަށް ފޮނުވާފަ އެވެ. މިވަގުތު އޭނާ ހުރީ މަގާމުން ސަސްޕެންޑް ކޮށްފަ އެވެ.
މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން އިއްޔެ ނިންމީ ޝުކޫރުގެ މައްސަލާގައި ޖޭއެސްސީން ނިންމާފައިވާ ނިންމުމަކީ ގާނޫނުތަކާއި އިޖުރާއަތުތަކާ އެއް ގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ.
ޝުކޫރު އިސްމެޖިސްޓްރޭޓްގެ މަޤާމުން ވަކިކުރުމަށް ނިންމާފައިވަނީ ކޮމިޓީގައި ބައިވެރިވެ ވަޑައިގެންނެވި މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. ޝުކޫރު ވަކިކުރުމާއި ދެކޮޅަށް ވޯޓް ނުދެއްވަނީ ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ އެކަންޏެވެ.
އެ މައްސަލާގައި ދެން ގޮތެއް ނިންމާނީ މަޖިލީހުގެ ތަޅުމަށް ފޮނުވައިގެންނެވެ.

