ސަރުކާރުގެ އެންމެ އިސް ސިޔާސަތަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އަނިޔާ ކުރުން ކަމަށް ޕީޕީއެމް ގެ ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް ވިދާޅުވެއްޖެެވެ.
ސަލީމް މިހެން ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ، ރާއްޖޭގައި ދިރިއުޅޭ އަދި ރާއްޖެއަށް ޒިޔާރަތްކުރާ އެންމެންގެ އިންސާނީ ޙައްޤުތައް، ތަފާތުކުރުމެއްނެތި ފުރިހަމައަށް ރައްކާތެރިކޮށްދިނުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވުމާ ގުޅިގެންނެވެ.
އެގޮތުން ސަލީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރުގެ އެންމެ އިސް ސިޔާސަތަކީ ރައީސް ޔާމީންގެ އިންސާނީ ހައްޤުތަކަށް އަރައިގަތުމާއި އެމަނިކުފާނަށް އަނިޔާ ކުރުން ކަމަށެވެ.
Sarukaaruge emme is siyaasathakee Raees yaameen ge insaanee hahgu thakah arai gathumaa emanikufaanah aniyaa kurun pic.twitter.com/Pca1vnnrkp
— Ahmed Saleem (@redwave_saleem) December 10, 2020
ސަލީމް މިހެން ވިދާޅުވިއިރު އެމްއެމްޕީއާރުސީ ޚިޔާނާތުގައި އިސްކޮށް އުޅުއްވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ޢަބްދުﷲ ޒިޔަތު ދައުލަތަކާއެކު ހެދި އެއްބަސްވުމުގެ ދަށުން ވަނީ އަދަބު ލުއިވެފައެވެ.
އެގޮތުން އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާ ސާބިތުވެ އޭނާގެ މައްޗަށް 20 އަހަރުގެ ޖަލު ހުކުމެއް އިއްވި ނަމަވެސް އޭނާ ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ ގޭގައެވެ.
އަދި ޅ. މާބިންހުރާގެ ދޫކޮށްގެން ދައުލަތަށް ލިބުނު ފައިސާއަށް ހިޔާނާތްތެރިވި މައްސަލައިގައި ޒިޔަތަށް 8 އަހަރުގެ ޖަލު ހުކުމެއް ކުރިން އިއްވާފައިވާއިރު ދާދިފަހުން އޭނާގެ މައްޗަށް ވަނީ 11 އަހަރުގެ ޖަލު ހުކުމެއް ވެސް އިއްވާފައެވެ.
އެމްއެމްޕީއާރްސީގެ މައްސަލައިގައި ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ ޔާމީން އެކަންޏެވެ. އެގޮތުން ޔާމީން ގެންދަވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

