މޯލްޑިވިސް ނެޝަނަލް ޑިފެންސް ފޯސްގެ ނައިޓް ފަޔަރިން ތަމްރީންތަކެއް މި ފެށޭ ޖޫން މަހުގެ ތިނަކުން ފެށިގެން ފަހެއްގެ ނިޔަލަށް ހުޅުމާލެ ބޭރުގައި ބޭއްވުމަށް ނިންމައިފިއެވެ.
އެކަމާއި ގުޅިގެން އެ ސަރަހައްދުން ކަނޑު ދަތުރުފަތުރު ކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށް ޓްރާންސްޕޯޓް އޮތޯރިޓީއިން ނެރުނު އިއުލާނެއްގައި ބުނީ އެ ނައިޓް ފަޔަރިންގ ތަމްރީންތައް ކުރިއަށްދާނީ ހެނދުނު 8:00 އިން ހަވީރު 5:00 އަށް ކަމަށެވެ. އެގޮތުން އެވަގުތުތަކުގައި އެ ސަރަހައްދުގެ ކައިރިން ކަނޑު ދަތުރުފަތުރު ކުރާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
އެ ތަމްރީނުގައި ހަތިޔާރުގެ ގޮތުގައި ބޭނުންކުރާނީ މެޝިން ގަންއެއް ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ. އަދި ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ދުރުމިނަކީ 5000 މީޓަރު ކަމަށާއި، ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ އުސްމިނަކީ 100 މީޓަރު ކަމަށްވެސް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ. އޭގެއިތުރުން ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ތިިރިމިނަކީ ސީ ލެވެލް ކަމަށާއި ވައިގެ ސަރަހައްދު ބޭނުންކުރާނެ މިސްރަބަކީ ހުޅުމާލެ 7 މޭލު ބޭރުން ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
އެމްއެންޑީއެފް އިން ވަނީ މީގެ ކުރިންވެސް ރާއްޖޭގެ އެކި ހިސާބުތަކުގައި ސިފައިންގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ތަފާތު އެކި ތަމްރީން ޕްރޮގްރާމުތައް ކުރިއަށް ގެންގޮސްފައެވެ.

