މާފަންނުގައި ހުންނަ ބޮޑުގޭގެ އުތުރު ފާރު ތަޅާލައި އެތަނުގައި ހެދި ޕާކިން ޒޯންގެ ފާރުތަކުގައި އަގަށް ކުރަހައި ދޭނެ ބަޔަކު ހޯދަން މާލޭ ސިޓީ ކައުންސިލުން އިއުލާން ކޮށްފިއެވެ.
މި މަސައްކަތް އަމިއްލަ ތަކެތީގައި އަގަށް ކޮށްދޭން ފަރާތެއް ހޯދުމަށް ސިޓީ ކައުންސިލުން ބީލަން ހުށަހެޅުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލާފައެވެ. މާލޭ ސިޓީ ކައުންސިލުން ވިދާޅުވީ ބީލަމުގައި ރަޖިސްޓްރީ ވެވޭނެ އެންމެ ފަހުގެ ތާރީހަކީ ޖޫން މަހުގެ 7 ވަނަދުވަހުގެ 14:00 ކަމަށެވެ. އަދި ބީލަން ހުޅުވުން އޮންނާނީ 17 ޖޫން 2021 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ބޮޑުތަކުރުފާނުމަގުގައި ހުންނަ، މާލޭ ސިޓީ ކައުންސިލްގެ އާންމު ހިދުމަތްތަކާބެހޭ ބައި، ތައިސޭ ކޮށީގައިކަމަށްވެސް މާލޭ ސިޓީ ކައުންސިލުން ވަނީ ހާމަކޮށްފައެވެ. އަދި މި މަސައްކަތާއި ގުޅޭ ގޮތުން އެއްވެސް ސުވާލެއް ވާނަމަ 10 ޖޫން 2021 ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ސިޓީ ކައުންސިލްގެ މެއިލަށް ފޮނުވުމަށްވެސް އެ ކައުންސިލުން ވަނީ އެދިވަޑައިގަންފައެވެ.
މާލޭ ސިޓީ ކައުންސިލުން އަލަށް ހެދުނު މި ޕާކިން ޒޯނުގައި ކުރަހަން ނިންމާފައިވަނީ ރާއްޖޭގެ ރީތި މަންޒަރުތަކާއި، އިސްލާމީ ޝިއާރުތައް ހިމެނޭ ކުރެހުންތެކެވެ.
ބޮޑުގޭގެ ފާރުތަކުގައި އަގަށް ކުރަހާދޭނެ ބަޔަކު ހޯދުމަށް އިއުލާންކޮށްފައި މިވަނީ އެތަނުގައި ހިލޭ ކުރަހާދޭނެ ބަޔަކު ހޯދުމަށް ކުރީގެ ހައުސިންގ މިނިސްޓަރ އަދި މިހާރުގެ މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ޓްވީޓާގައި ކުރި ޕޯސްޓަކަށް އެތައް ބައެއް ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮންނެވެ. މުއިއްޒު މި މަސައްކަތް ހިލޭ ކޮށްދޭން އެދުމުން ގިނަ އާރޓިސްޓުން ތަކެއްވަނީ މިކަމާ ހިތްހަމަ ނުޖެހުން ފާޅުކޮށް އެ މީހުންގެ މަސައްކަތްތައް ބަލައި ނުގަންނަކަމަށް ބުނެފައެވެ.

