މަނީ ލޯންޑްރިންގެ ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްމުން ގެންދަވާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު ފުލުހަށް ހާޒިރުކޮށްފައިވަނީ، އެމަނިކުފާނުގެ މައްޗަށް ދައުވާ ކޮށްދޭން އެދި ޕްރޮސިކިއުޓާ ޖެނެރަލް އޮފީހަށް (ޕީޖީ) ފޮނުވާފައިވާ މައްސަލައެއްގައިކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
މިވަގުތު ގޭބަންދުގައި ހުންނެވި ރައީސް ޔާމީން ފުލުހަށް ހާޒިރު ކުރުމާއި ގުޅޭގޮތުން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ޑރ. ޖަމީލް ވިދާޅުވީ އެމަނިކުފާނު މިއަދު ފުލުހަށް ހާޒިރު ކުރީ އާރަށާއި ގުޅޭ މައްސަލައެއްގައި ކަމަށެވެ. ޑރ. ޖަމީލް ވިދާޅުވީ މިއީ ތަހުގީގު ނިމިފައިވާ މައްސަލައެއް ކަމަށެވެ. އަދި މައްސަލައިގައި ހާޒިރުވެ ފުލުހަށް ބަޔާންދީ، ތަހުގީގުގެ ލިޔެކިއުންތަކުގައި ރައީސް ޔާމީން ސޮއިކުރައްވާފައިވާނެކަމަށް ޑރ. ޖަމީލް ވިދާޅުވި އެވެ.
ޑރ. ޖަމީލް ސިފަ ކުރެއްވީ، އެއީ ތަހުގީގު ނިމިފައި އޮތް މައްސަލައެއް ”އަލުން ބަލުން“ ހުޅުވުންގެ ގޮތުގަ އެވެ. އަދި އޭގެއިން ވެސް ރައީސް ޔާމީނަކީ މައުސޫމް ބޭފުޅެއްގެ ގޮތުގައި ތަކުރާރުކޮށް ބުނަމުންދާ ވާހަކަ ސާބިތުކޮށްދޭކަމަށް އޭނާ ވިދާޅުވި އެވެ. އާރަށުގެ ފައިލް އަލުން ހުޅުވަން ޖެހުނު ސަބަބާއި މެދު ސުވާލު ކުރުމުން، ބައެއް ކަންކަން ސާފު ކުރަން ބޭނުންވާ ވާހަކަ ފުލުހުން ދެންނެވިކަމަށް ޑރ. ޖަމީލް ފާހަގަ ކުރެއްވި އެވެ.
ރިސޯޓެއް ގޮތަށް ތަރައްގީ ކުރުމަށްޓަކައި ވ. އާރަށް ބޭރު ބަޔަކަށް ވިއްކައިގެން ލިބުނު އެއް މިލިއަން ޑޮލަރު ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރިކަމަށް ބުނާ މައްސަލައެއްގައި ޖިނާއީ ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވަނީ މިދިޔަ އޭޕްރިލް 30 ގަ އެވެ. ޔާމީންގެ މައްޗަށް މި މައްސަލާގައި ތަހުގީގު ހިންގާފައިވަނީ ރަށް ވިއްކާލައިގެން ލިބުނު އެއް މިލިއަން ޑޮލަރު ޔާމީންގެ އަމިއްލަފުޅު އެކައުންޓަކަށް ޖަމާކޮށްފައިވާކަން އެމްއެމްޕީއާރްސީގެ ތަހުގީގުގެ ތެރެއިން ހާމަވާތީ އެވެ.
ވ.އަތޮޅު ތިނަދޫ ކައިރީ އޮންނަ އާރަށަކީ ޕިކުނިކު ދިއުމަށް ބޭނުން ކުރަމުން އައި ފަޅުރަށެކެވެ. ޑީއާރްޕީގެ ކުރީގެ ލީޑަރު އަހުމަދު ތަސްމީން އަލީގެ ހިއްސާ އޮންނަ ކުންފުންޏަކަށް އެރަށް ދީފައި އޮއްވާ އޯގަސްޓު، 2015، ގައި އެކުންފުނި އަތުން އާރަށް އަތުލުމަށްފަހު ސެޕްޓެމްބަރު މަހު، އެ ރަށް ހަވާލުކޮށްފައި ވަނީ ވ.އަތޮޅުގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ ހިއްސާ އޮންނަ ކުންފުންޏަކަށެވެ.
ނައީމްއަކީ ރައީސް ޔާމީންގެ ގާތްގުޅުމެއް އޮންނަ މީހަކަށްވާއިރު، އޭނާ ވަނީ ހަމައެމަހު އެރަށް އެއް މިލިއަން ޑޮލަރަށް ބޭރުގެ ކުންފުންޏަކަށް ވިއްކާލާ ރައީސް ޔާމީންގެ އެކައުންޓަށް އޭގެ ބަދަލެއްގެ ގޮތުން އެއްމިލިއަން ޑޮލަރު ޖަމާކޮށްފަ ކަމަށް ވެއެވެ.

