ކަރަންޓު ބިލު ބޮޑުވެ މާލޭގައި ދިރިއުޅޭ ފަރާތްތަކުން އުފުލަންޖެހޭ ތަކުލީފަކީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކަންކުރިގޮތުން ވާގޮތެއްކަމަށް އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އަލީ އާޒިމް ވިދާޅުވުމުން ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ރައްދު ދެއްވައިފިއެވެ.
ކަރަންޓު ބިލު ބޮޑުވެފައިވާތީ މާލޭ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކުރި ޓްވީޓަށް ރައްދު ދެއްވައި އަލި އާޒިމް ވިދާޅުވެފައިވަނީ މިއަދުގެ ހާލަތު މިގޮތަށް ދިމާވެފައިވަނީ ޑރ. މުއިއްޒު ހިމެނުނު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ކެބިނެޓުން ދެކޮޅު ނުޖެހޭ އިގްތިސާދީ ގިނަ ނިންމުންތަކެއް ނިންމުމުންކަމަށެވެ.
އާޒިމްއަށް ރައްދު ދެއްވައި ޝިޔާމް ވިދާޅުވީ ހުރިހާ ބާރަކާ އެކީ ވެރިކަމަށް އައިސް ތިން އަހަރުވުމުން ރައްޔިތުންނަށް ކުރީ ސަރުކާރޭ ކިޔައިގެން ދައްކާ ވާހަކަތައް ވާނީ ޖޯކަކަށް ކަމަށެވެ.
”ކަންފަތްޕުޅަށް އަޑު ގެންދަން ކޮންމެ ފަހަރަކު ރައްޔިތުން މި ޖެހެނީ އޮބި އަޅަން. ދައުރު ނިމުމުގެ ކުރިން ރައްޔިތަކަށް ހިދުމަތެއް ކޮށްދިނުން މާ އައުލާކަން ބޮޑު“ ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމަށް ރައްދު ދެއްވަމުން އާޒިމް ވިދާޅުވީ ތިޖޫރިހުރިތާ އޮތީ ހުސްވަޅުގަނޑެއް ކަމަށާއި އެވަޅުގަނޑު ތެރޭހުރި ކަރުދާހުގަ ހުރީ އަހަރަކު 1 ބިލިއަން ރުފިޔާ ބޭރުގެ އެކިއެކި ފަރާތްތަކަށްދޭން ކަމަށެވެ. އަދި ބޮޑު ބަލިމަޑު ކަމެއްގައިވެސް ރައްޔިތުންނަށް އެކިއެކި ކަންކަން ކޮށްދެމުން މިކުރާކަމަކީ ނުއަގުގަޔާ ނުކަސިޔާރުކޮށް ނަގާފައި ހުރި ދަރަނި އަދާކުރުން ކަމަށް އާޒިމް ވިދާޅުވިއެވެ.

