ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ބޯޑު މެމްބަރުކަމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ދަރިކަލުން އިބްރާހިމް ސިޔާދު ގާސިމް ހަމަޖައްސައިިފި އެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ސިޔާދު އެ މަގާމަށް ހަމަޖެއްސީ ނަން އެގްޒެކެޓިވް މެންބަރެއްގެ ގޮތުގަ އެވެ.
ސިޔާދަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމްގެ ވިޔަފާރި ކުންފުނިކަމަށްވާ ވިލާ ގްރޫޕުގެ ސީއީއޯ އެވެ. އަދި ސިޔާދަކީ ގާސިމްގެ ގިނަ ވިޔަފާރިތައް ބެލެހެއްޓުމުގެ މަސައްކަތުގައި އެންމެ އިސްކޮށް ހުންނަ އެކަކެވެ. އޭގެ ތެރޭގައި ވީޓީވީ ހިންގާ ކުންފުނި، އައިލެންޑް ބްރޯޑްކާސްޓިން ކޮމްޕެނީ (ވީމީޑީއާ) އާއި އެއާލައިން އިންޑަސްޓްރީ އަދި ވިލާ ގޭސް ހިމެނެ އެވެ.
2018 ވަނަ އަހަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލައްގައްޔޫމްގެ ވެރިކަމުގައި ފެބްރުއަރީ އެކެއްގެ އަމުރު ނެރެން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ރިޝްވަތު ދޭން ފައިސާ ހަމަޖެއްސި ކަމުގެ ތުހުމަތަށް ސިޔާދު ފަސް މަސް ވަންދެން ބަންދުގައި ބެހެއްޓި އެވެ.
ސިޔާދުގެ އިތުރުން އެމްއޭސީއެލް ގެ ބޯޑުގައި ތިއްބެވީ 5 ބޭފުޅުންނެވެ. އެއީ ބޯޑުގެ ޗެއާމަން މުހައްމަދު އުމަރު މަނިކު އާއި ޑރ. އިބްރާހީމް މަހުފޫޒާއި، އިބްރާހީމް ނޫރުއްދީނުގެ އިތުރުން އަހުމަދު އައިމަން މޫސާ އަދި އައިޝަތު އަރުޝާއެވެ.
އެމްއޭސީއެލްގެ ބޯޑަށް ސިޔާދު އައްޔަން ކުރެވުނީ މިދިޔަ ހަފްތާ ތެރޭގައެވެ.

