ތަރައްގީގެ މަޝްރޫއެއް ނުހިންގާ އެންމެ ރަށެއް ވެސް ރާއްޖޭގައި ނެތް ކަމަށާއި ތަރައްގީގެ ރަހަ ނުލިބޭ އެންމެ ރައްޔިތެއް ވެސް ގައުމުގައި ނުހުންނާނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
ކ. މާފުށްޓަށް ބިމަކާއި ޕިކްނިކް އައިލެންޑެއް އިތުރުކޮށް ރަށުގެ ކައުންސިލާއި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އާޒިމް ވިދާޅުވީ ކ އަތޮޅުގެ ރައްޔިތުންގެ ރިހުމަށް ސަރުކާރުން ފަރުވާ ކޮށްދީފައިވާ އިރު، އެމްޓީސީސީ އިން ވަނީ ޕްލޭނިންގ މިނިސްޓްރީ އިން އެކުންފުންޏާއި ހަވާލުކުރި މަސައްކަތް ކުރުމުގައި ކާމިޔާބުވެފައި ކަމުގައެވެ.
އެގޮތުން ކުންފުނީގެ މަސައްކަތް ބައްޓަން ކުރެވިފައި ސަރުކާެރުން މަސައްކަތް ކޮށްފައިވާ ގޮތަށް މަސައްކަތް ކުރުމުގެ އިތުރުން ރައްޔިތުންގެ ބޭނުންތައް އަޑުއަހައި ރައްޔިތުން އެދޭ ފަދަ ގޮތަކަށް ކަމަށް އާޒިމް ވިދާޅުވިއެވެ. އާޒިމް ވިދާޅުވީ މި ރަށްރަށުގެ ރައްޔިތުންގެ ހިތުގެ ރިހުމާއި އެދޭ އެދުން ސަރުކާރަށް އަބަދުވެސް ވެސް އެނގިވަޑައިގަންނަވާ ކަމަށާއި އެކަމަކު މިއަދާ ހަމަޔަށް ހުވަފެންތަކާއި އުއްމީދުތައް އޮތީ ދެފެން ދޭތެރޭގައި ކަމަށެވެ.
އެހެންނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ކ އަތޮޅުގެ ރައްޔިތުން އެދޭ ފަދަ ގޮތަކަށް އަތޮޅުގައި ތަރައްގީގެ މަޝްރޫއުތައް ހިންގައި ރައްޔިތުންގެ ރިހުންތަކެއް ފިލުވައިދިނީ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
“ އަތޮޅުގެ ރައްޔިތުންގެ އެތައް ރިހުންތަކެއް ސަރުކާރުން ފިލުވައިދީފި“ އާދަމް އާޒިމް
ގުރައިދޫ ގެ ރައްޔިތުންވެސް، އަދި މާފުށީގެ ރައްޔިތުންވެސް ތިބީ ބިން ހިއްކަން އެދިއެދި ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި ހުރާގެ ރައްޔިތުންވެސް މިފަދައިން އެދިއެދި ތިބި ނަމަވެސް، 5 އަހަރުން ރައީސަކު ބަދަލުވަމުން ދިޔަ އިރުވެސް ރައްޔިތުންނަށް މިކަން ކޮށްދެވިފައި ނެތެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިވަނީ ރައްޔިތުންނަށް ހިދުމަތްކޮސްދިނުމުގައި ކާމިޔާބުވެފައިކަމަށް އާޒިމް ވިދާޅުވިއެވެ.
ސަރުކާރުން ހަވާލުކޮށްގެން ކުންފުނިން ކ. އަތޮޅުގައި ހިންގާ އިތުރު ޕްރޮޖެކްޓް ތަކުގެ ތެރޭގައި ދޫނިދޫގެ ބިން ހިއްކުމާއި ބަނދަރު ތަރައްގީކުރުމުގެ އިތުރުން ހިންމަފުށްޓާއި ގިރިފުށީގެ ބަނދަރު ތަރައްގީ ކުރުން ހިމެނެއެވެ. އަދި މާފުށީ ޖަލުގެ މަސައްކަތާއި ކުޑަގިރި ޕިކްނިކް އައިލެންޑްގެ މަސައްކަތް ވެސް ހިމެނެއެވެ.
ރައްޔިތުން އެދޭ އިތުރު ކަންކަން ވެސް ކޮށްދެމުން އަންނަ ކަމަށާއި އޭގެ ތެރޭގައި ގުރައިދޫ ނެރު ފުންކުރުމާއި ބައެއް ރަށްރަށުގެ މަގު އެއްވަރުކުރުމުގެ މަސައްކަތް ކުރަމުންއަންނަ ކަމަށް އާޒިމް ވިދާޅުވިއެވެ. މާފުށީ ބީޗް ބޮޑު ކޮށްދިނުމާއި އަންހެނުން މޫދަށް އެރޭނެ ސަރަހައްދެއް ހެދުމާއި މަގުތައް އެއްވަރުކޮށްދީ ނަލަކޮށްދިނުން ވެސް ކުރިއަށް އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
މި ރަސްމިޔާތުގައި ވާހަކަދައްކަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެމްޓީސީސީއަށް ތައުރީފުކޮށްފައެވެ. އެގޮތުން ކުންފުނީގެ މަސައްކަތުގެ ސްޕީޑު ބަރާބަރުކަމަށާއި މިފަދައިން މަސައްކަތް ކުރެވޭނަމަ ސަރުކާރުގެ ވައުދުތައް ފުއްދޭނެކަމަށެވެ.

