ވޭތުވެދިޔަ ހަފްތާއަކީ ކޮވިޑުގެ ބަލިމަޑުކަމާއި ދުނިޔެ ކުރިމަތިލަމުން އައި މި 3 އަހަރުގެ ތެރޭގައިވެސް މުޅި ދުނިޔެއިންވެސް އެންމެ ގިނަ ޕޮޒިޓިވް ކޭސް ފެނިފައިވާ ހަފްތާއެވެ. އަނެއްކާވެސް މިއޮތީ ކޮވިޑް 19 އަށް ޕޮޒިޓިވް ވާ ކޭސްތައް އިތުރުވާން ފަށާފައެވެ. ގްރޭޓަރ މާލެ އޭރިއާއިން ވެސް ބަލި ފެންނަ މިންވަރު އިތުރު ވެފައިވާ އިރު އޮތޮޅު ތެރެއިން ވެސް ވަނީ ގިނަ އަދަދެއްގެ ކޭސްތަކެއް ފެނިފައެވެ. އޮޕަރޭޝަނަލް ރިސޯޓުތަކުގައިވެސް ކޭސްތައް ފެނިފައިވާ ކަމަށް ރިޕޯޓު ކުރެވިފައިވާ އިރު، ރިޕޯޓު ކުރެވިފައިވަނީ ގިނަ އަދަދެއްގެ ކޭސްތަކެއް ކަމަށް ފާހަގަކުރެވެއެވެ.
މިކަމާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އިން ދަނީ ގިނަ ބަޔާންތަކެއް ނެރެ، ފިޔަވަޅުތަކަށް އަމަލުކުރުމަށް ގޮވާލަމުންނެވެ. އާއްމުން ތަންތަނަށް އެއްވުން ހުއްޓާލުމަށާއި، ގައިދުރުކަން އިސްކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އުޅޭ މީހުން މާސްކް އެޅުން މަޖުބޫރު ކުރުމާއި އެކު މި އުސޫލު ހަރުކަށިގޮތަކަށް ތަންފީޒުކުރުމަށް ވެސް ކަމާއި ބެހޭ އިދާރާތަކުން ދަނީ ގޮވާލަމުންނެވެ.
އިދާރާއިން ނެރުނު ބަޔާން ތަކާއި އެކު މާލޭގެ ރަސްފަންނު ސަރަހައްދުގައި އަމިއްލަ ފަރާތްތަކުން ހިންގަމުން އައި ނައިޓް މާކެޓު ކުރިޔަށް ގެންދިއުން ވަނީ މިހަފްތާގެ ތެރޭގައި ހުއްޓުވާފައެވެ. އެއަށްފަހު ސިޓީ ކައުންސިލުން ވަނީ އެޗްޕީއޭގެ ހާއްސަ ހުއްދައެއްގެ ދަށުން ނައިޓު މާކެޓު ކުރިއަށް ގެންދެވޭނެ ކަމަށް އިއުލާންކޮށްފައެވެ. އެހެންނަމަވެސް އަނެއްކާވެސް ހަމަ އެޗްޕީއޭ އިން ވަނީ ނައިޓް މާކެޓު ނުބޭއްވޭނެކަމަށް ބުނެ، މާކެޓު ހުއްޓުވާފައެވެ.
މާލޭގެ ބްރިޖު ކައިރީ ނައިޓު މާކެޓެއް ބޭއްވުމަށް ފަހު، ހުޅުމާލޭގެ ދެ ސަރަހައްދެއްގައި ދެ ނައިޓް މާކެޓެއް މިދިޔަ ޑިސެމްބަރު މަހު ވަނީ ކުރިއަށް ގެންގޮސްފައެވެ. މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ބާއްވަމުން މިއަންނަ ނައިޓް މާކެޓްތަކަށް އެތައް ހާސް ބަޔަކު އަންނަނީ ޒިޔާރަތްކުރަމުންނެވެ.
ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ނައިޓް މާކެޓު ހުއްޓާލުމަށް އެންގިތާ، މާ ގިނަ އިރެއް ނުވެ އާއްމުންގެ އެދުމުގެ މަތީންކަމަށް ބުނެ ހުއްދަ ދީފައިވަނީ ބުރާސްފަތި ދުވަހުގެ ވަގުތެއްގައެވެ. އެ ނިންމުމަށް އެޗްޕީއޭއަށް ފާޑުކިއުންތައް އަމާޒުވަމުން ދަނިކޮށް، މާލޭގެ ހާލަތު ގޯސްވާތީ މަގުމަތީ ބާޒާރު ހުއްޓާލުމަށް އެންގުމާއި އެކު މި ނިންމުމުގެ ސަބަބުން އަނބުރާ ނުލިބޭނެ ވަރުގެ ބޮޑެތި ހަރަދުތަކެއް ކުރިކަަމަށް ބުނެ އަލުން އެ ހުއްދަ ދިނީއެވެ.
އެކަމަކު ރޭ އެޗްޕީއޭއިން ބުނީ ނައިޓް މާކެޓު ހިންގަމުން ދަނީ އުސޫލުތަކާއި އެއްގޮތަށްތޯ ބެލުމަށް ކުރިޔަށް ގެންދިޔަ އިންސްޕެކްޝަނުގައި މީހުން މާސްކު ނާޅާކަމާއި އެއްވެސް ގައިދުރުކަމެއް ނެތްކަން ފާހަގަ ކުރެވި ބާޒާރު ކުރިޔަށް ނުގެންދަން މާލޭ ސިޓީ ކައުންސިލަށް އަންގާފައިވާ ކަމަށެވެ.
އެހެންނަމަވެސް އެޗްޕީއޭއިން އަންގާ މިފަދަ އެންގުންތަަކަށް އެޗްޕީއޭއަށްވެސް ގިނަ ފަހަރު އަމަލުނުކުރެވޭކަން ހާމަވެއެވެ. އަވަސް އަވަހަށް އުސޫލުތައް ބަދަލުކުރުމާއި ބަކި ބައެއްގެ މަންފާއަށްޓަކައި ދޯހަޅި އުސޫލުތައް އާންމުކުރުމަކީ މިފާއިތުވި ދެއަހަރުތެރޭ އެޗްޕީއޭގެ ފަރާތުން ދިވެހިންނަށް ފެނިފައިވާ ކަންކަމެވެ. ކޮވިޑްގެ ކުރީކޮޅު އެޗްޕީއޭއަށް ކުރަމުން އައި އިތުބާރު މިއަދު އެޗްޕީއޭއަށް ނެތީވެސް އެސަބަބަށްޓަކައެވެ.
ނައިޓް މާކެޓް ހުއްޓުވާފައިވީ ނަމަވެސް މާލޭގެ ސަރަހައްދުތަކުގައި މުނިފޫހިފިލުވުމުގެ ގޮތުން އެކި ހަރަކާތްތައް ދަނީ ކުރިއަށް ގެންދަމުންނެވެ. ނައިޓު މާކެޓު ނުބޭއްވުމަށާއި އާއްމުން އެއްވެ އުޅޭ ފަދަ ހަރަކާތްތައް ނުބޭއްވުމަށް ނިންމާފައިވަނިކޮށް ރޭގެ ވަގުތެއްގައި ސޯޝަލް ސެންޓަރުގައި ދިން ޝޯއެއް ބަލަންވެސް ގިނަ ބަޔަކު ދިޔައެވެ.
މި ހަރަކާތަކީ ކޮން ހުއްދައެއްގެ ދަށުން ކުރިއަށް ގެންގޮސްފައިވާ ހަރަކާތެއްތޯ ސުވާލު ކުރުމުން ސިޓީ ކައުންސިލުން މި ވަނީ ސޯޝަލް ސެންޓަރުގައި އެއްވެސް ހަރަކާތެއް ކުރިއަށް ގެންގޮސްފައިވާ ކަން ނޭނގޭ ކަމަށް ބުނެފައެވެ. އަދި ސޯޝަލް ސެންޓަރަކީ ޔޫތު މިނިސްޓްރީ ގެ ތަނެއް ކަމަށާއި، ކައުންސިލުގެ އިހުތިސޯސު ގެ ތެރޭގައި ހިމެނިފައިނުވާ ތަނަކަށް ވުމުން، އެކަމުގެ ތަފްސީލް ދެވޭނީ ޔޫތު މިނިސްޓްރީއަށްކަމަށް ސިޓީ ކައުންސިލްގެ މީޑިޔާ އޮފިޝަލް ވިދާޅުވިއެވެ. މިކަމާއި ގުޅިގެން ޔޫތު މިނިސްޓްރީގެ މީޑީއާ އޮފިޝަލަށް ގުޅި ނަމަވެސް، މިހާތަނަށް އަދި މިނިސްޓްރީއިން ޖަވާބެއް ދީފައެއް ނުވެއެވެ.
ދުނިޔޭގައި ހަލުއި ކަމާއިއެކު ފެތުރެމުންދާ ކޮވިޑުގެ އައު ވޭރިއެންޓް ކަމަށްވާ އޮމިކްރޯން ފެތުރެމުންދާތީ ރާއްޖެއިން ވެސް ވަނީ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކަސް ބޫސްޓަރ ޑޯޒް ޖެހުމުގެ މަސައްކަތް ފަށާފައިވާ އިރު، މާފުށި ފަދަ ރަށްތަކުގައިވެސް މާސްކް އެޅުމުގެ ގަވާއިދު ވަނީ ތަންފީޒުކުރަން ފަށާފައެވެ.
ނައިޓް މާކެޓް ފަދަ ހަރަކާތްތައް ބޭއްވުމަށް ހާއްސަ ހުއްދަ ދެމުންދާ އިރު، މިސްކިތުގައި ވަކި ގަވާއިދަކަށް އަމަލުކުރުމަށް ވެސް އެޗްޕީއޭ އިން ވަނީ އިލްތިމާޒްކޮށްފައެވެ. ގައި ދުރުކަން އިސްކުރުމާއި އެކު ގެއިން ވުޟޫ ކޮށްގެން ދިޔުމަށް ވަނީ އިރުޝާދު ދެވިފައެވެ. އަދި ނަމާދު ކޮށް ނިމުމާއި އެކު ގެއަށް ދިއުމަށާއި މިސްކިތުން ދިމާވި ނަމަވެސް އެކަކު އަނެކަކާއި ވާހަކަ ދައްކައި ނެހެދުމަށް ވެސް މި އިދާރާއިން ވަނީ އަންގާފައެވެ. އަދި އަމިއްލަ މުސައްލައެއް ގެންދިއުން ފަދަ އުސޫލުތަކަށް އަމަލުކުރުމަށް އާއްމުންނަށް އެޗްޕީއޭއިން ދަނީ އިރުޝާދު ދެމުންނެވެ.
Practice safe behaviors when going to the mosque for prayers. pic.twitter.com/jrxD4o39dZ
— Health Protection Agency (@HPA_MV) January 7, 2022
އާންމުންގެ ފާޑުކިޔުންތައް ކޮންމެ ފަހަރަކުވެސް އެޗްޕީއޭއަށް އަމާޒުވަނީ މިފަދަ ކަންކަމުގެ ސަބަބުންނެވެ. ބޮޑެތި އެއްވުންތައް ބޭއްވުމާއި މީހުން އެއްފަހަރާ އެއްވުން ފަދަ ކަންކަން އަދިވެސް މަނާ ނުކުރެވޭއިރު، މިސްކިތުގެ ތެރޭގައި ގިނަ ވަގުތު ހޭދަނުކުރުމަށް އަނެއްކާވެސް ގޮވާލުމަކީ އާންމުންނަށް ބަލައިގަނެވޭ ކަމެއްނޫނެވެ. މީގެ ކުރިންވެސް ޖަމާއަތުގައި ނަމާދު ކުރުން ހުއްޓުވައި މިސްކިތްތައް ބަންދުކުރުމުން ތަފަތު ފާޑުކިޔުންތައް ސަރުކާރަށްވެސް އެޗްޕީއޭއަށްވެސް އަމާޒުވިއެވެ.
ކުރިއަށް އޮތް 3 ހަފްތާގެ ތެރޭގައި ކޮވިޑުގެ ކޭސްތައް ގިނަވާނެ ކަމަށް ޓެގް ޓީމުން ލަފާ ދީފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. އަދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވެސް ކޮވިޑު ކޭސްތައް އިތުރުވަމުންދާކަން އަންނަނީ ފާހަގަކުރަމުންނެވެ. އެޗްޕީއޭގެ ވަކި ހާއްސަ ހުއްދައެއްގެ ދަށުން ބައެއް ހަރަކާތްތައް ހިންގުމަށް ހުއްދަ ދެވިގެންދާއިރު، އެއިދާރާއިން ދަނީ އާއްމުން އެއްވެ އުޅުމާއި ގައިދުރުކަން އިސްކުރުމަށް ގޮވާލަމުންނެވެ. އާއްމު ސާފުތާހިރުކަމަށް އިސްކަން ދިނުމަށް ސަމާލުވުމަށް އުސޫލު ކަނޑައަޅަމުން ދާއިރު މިއުސޫލުތަކަށް ތަބާވާ ރައްޔިތުންވެސް ނުވަތަ އިދާރާތްތައް ވެސް މަދެވެ.
ރިސޯޓުތަކުގެ އިތުރުން އަތޮޅު ތެރޭގައި ކޮވިޑު ކޭސްތައް ފެންނަމުންދާ މިންވަރު ގިނައެވެ. މިވަތުގުވެސް ރާއްޖޭގެ 6 ރަށެއް އޮތީ މޮނީޓަރިންގ އިއުލާންކުރެވިފައެވެ. އެޗްޕީއޭ އިން އެންމެ ފަހުން ނެރުނު ތަފާސްހިސާބުން ދައްކާ ގޮތުގައި ރާއްޖޭގައި މިވަގުތު ކޮވިޑުގެ 3،086 އެކްޓިވް ކޭސް އެބައޮތެވެ. މި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ހުކުރު ދުވަހު މުޅިން އަލަށް 281 މީހުންނަށް ވަނީ ބަލި ޖެހިފައެވެ. މީގެ ތެރެއިން 100 މީހުންނަކީ މާލެ ސަރަހައްދުން ބައްޔަށް ޕޮޒިޓިވްވި މީހުންނެވެ. އަތޮޅުތަކުން 88 މީހުން ޕޮޒިޓިވްވިއިރު ރިސޯޓްތަކުން 89 މީހުން ވަނީ ޕޮޒިޓިވެވަފައެވެ.

