މަސްވެރިންނަށް މަހުން ލިބޭ އާމްދަނީގައި ހޫނުކަމެއް ހުންނަނީ ކިރާ މަހުގައި ފިނިކަމެއް ހުރެގެން ކަަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެންވިދާޅުވީ މިއަހަރަށް މަޖިލީސް ހުޅުވައިދެއްވައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
އެގޮތުން 118 ދޯންޏެއްގައި މަސްފިނިކުރާ ނިޒާމް ޤާއިމްކުރުމާއި މަސްވެރިކަން ހަރުދަނާ ކުރުމަށް އެހީވުމުގެ ގޮތުން މިއަހަރުތެރޭ މަސްވެރިކަމަށް އަމާޒުކޮށްގެން 59 މިލިއަން ރުފިޔާގެ ލުއި ލޯނު ދޫކުރަން ފެށުމަށް ހަމަޖެހިފައިވާ ކަމުގައި ރައީސް ވިދާޅުވިއެވެ.
މަސްވެރިކަމުން ސަރުކާރަށާއި ރައްޔިތުންނަށް ލިބޭ މަންފާ އިތުރުކުރުމުގެ ގޮތުން މިފްކޯ ވަކި ކުންފުންޏެއްގެ ގޮތުގައި ކަނޑައެޅި ދެމެހެއްޓެނިވި އުސޫލުތަކެއްގެ ދަށުން މަސްގަތުމުގެ ކަންކަން ކުރިއަށް ދާނެ ކަމަށެވެ. އަދި އެގޮތުންް ދުނިޔޭގެ ބާޒާރުގައި މަސް ގަންނަނަން ލިބޭ އަގަށް މަސްވެރިން އަތުން މިފްކޯ އަށް މަސް ގަތުމާއި ގަންނަ މަހުގެ އަގު ބޮޑުކުރާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.
ދަނޑުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް އެސްއެމްއީ ބޭންކް މެދުވެރިކޮށް ދަނޑުވެރިންނަށް މިހާތަނަށް 16.3 މިލިއަން ރުފިޔާގެ ލޯނު ދޫކުރެވިފައިވާ ކަމަށާއި ދަނޑުވެރިކަމުގެ ބާވަތް ތަކުގެ އިމްޕޯޓް ޑިއުޓީ މަތިކުރުމަށް ނިންމާފައިވާ ކަމުގައި ވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.
ދަނޑުވެރިކަމުގެ މުހިއްމުކަން ފާހަގަކުރައްވައި އިޤްތިސާދު ސިންދަފާތު ކުރުމުގެ ލިސްޓުގެ ކުރީގައި މިސަރުކާރުން ދަނޑުވެރިކަން ހިމަނާފައިވާ ކަމަށާއި ދަނޑުވެރިކަން ފުޅާކުރުމަށް ސަރުކާރުން ކުރެއްވި އަދި މިހާރު ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކޮންޓްރެކްޓް ފާމިންގެ ދަށުން އުފެއްދިި ކުންފުނި އެގްރޯނެޓާއި އެކު ރާއްޖޭގެ އެކި ކަންކޮޅުތަކުން 68 ރަށެއް ހިމެނިގެން 163 ދަނޑުވެރިންގެ އުފެއްދުންތަށް ބާޒާރަށް ނެރެވި އެދެވޭ ނަފާއެއް އެސިނާއަތުން ލިބިފައިވާ ކަމުގައެވެ.

