އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަކީ ބޮޑު ނޮހޮރޮއްޕާނެއް ކަމުގައި ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
ދުވަސްތަކަށް ފަހު އަނެއްކާ ވެސް އިންޑިއާ އައުޓްގެ ހަރަކާތްތައް ފަށައި، އދ. މަހިބަދޫއަށް މިއަދު ވަޑައިގެން ރައީސް ޔާމީން ވިދާޅުވީ އިންޑިއާއިން އަބަދުވެސް ދިވެހިރާއްޖެއަށް ދަހިވެތިވާކަމަށެވެ. އޭގެ އެންމެ ބޮޑު ސަބަބެއްގެ ގޮތުގައި އެމަނިކުފާނު ވިދާޅުވީ ދުނިޔޭގެ ފެންވަރުގެ އެކި އަސްކަރީ ވަދާވެރިކަމާއި އެކު، އެ މީހުންގެ ކެޕޭސިޓީ ބޮޑު ކުރުމަށް އެންމެ ބޭނުންތެރި ގޮތަކަށް ބަނދަރުތައް އެޅެން އޮތީ ރާއްޖެ ފަދަ ފަޅުތައް ގިނަ ވުމެވެ.
ދިވެހި ސަރުކާރުން އެކަން އިންޑިއާއަށް ފަހިކޮށް ދިނުން އެއީ ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކޮށް ރައީސް ޔާމީން ވިދާޅުވީ އިންޑިއާ އާއި އެކު ވެފައިވާ ސިއްރު އެއްބަސްވުންތައް ހާމަ ނުކުރަނީ ވެސް އޭގައި ގޯހެއް އެކުލެވޭތީ ކަމަށެވެ.
އިންޑިއާއިން ރާއްޖެއަށް އެތައް ގޮތަކުން ބާރުފޯރުވަމުން ދާކަމަށާއި، މިއަދު އެ ގައުމުގެ އުޅަނދުތައް ރާއްޖެ އެތެރެވެ ބޭރު ވާއިރު ވެސް ސަރުކާރަށް ރޭކާވެސް ނުލާކަމަށާއި އެއީ ހުއްދަ ނަގަން ނުޖެހޭތީކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ރައީސް ޔާމީން ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުން އުނދަގޫ ކަމަކަށް ވެފައިވާ ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ އިންޑިއާ އިން ރާއްޖެ އަށް ހަންފަތުރައި އަޅުވެތިކުރުމުގެ މަސައްކަތަކީ ކެނޑިނޭޅި އަބަދުވެސް ކުރަމުން އަންނަ ކަމެއްކަމަށެެވެ. ހަމައެއާއެކު އިންޑިއާ އާއި ރާއްޖެއާއި ގުޅުންތަކެއް ގާއިމްކުރެވިފައިވަނީ ރާއްޖޭގެ ހާރިޖީ ސިޔާސަތު މޮޅުކަމަކުން ނޫން ކަމުގައިވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
ވެރިކަމުގައި ހުންނަވަނިކޮށް، ސުޕްރީމް ކޯޓުން ނެރުނު ފެބްރުއަރީ އެކެއްގެ އަމުރުގެ ފަހަތުގައި ވަނީ އިންޑިއާކަމަށް ތުހުމަތު ކުރައްވައި ރައީސް ޔާމީން ވިދާޅުވީ އެކަމަށް އޭރުގެ އިދިކޮޅަށް އެހީވި މީހާ އަދިވެސް ހުރީ ރާއްޖޭގައި ހުންނަ އިންޑިއާގެ އެމްބަސީގައި ކަމަށެވެ.
”އެ ހުކުމް ނެރުނީ އިންޑިއާގެ މާލޭގައި ހުންނަ އެމްބަސީން. އަދިވެސް، މިއަދުވެސް އިންޑިއާ އެބްމަސީގައި އޭރު މިކަން ކުރި އިސްމީހާ މިހާރުވެސް އެބަހުރި. އެހެންވެގެން މި ބުނަނީ އިންޑިއާ އަކީ ނުހޮރުއްޕާނެކޭ“ ރައީސް ޔާމީން
ނަމަވެސް އިންޑިއާ އާއި ގުޅުން ގާއިމްކޮށްފައިވަނީ އެކަމުގައި މަޖުބޫރު ކަމެއް ހިމެނިގެން އެކަން ލާޒިމްވެގެން ކަމަށް ރައީސް ޔާމީން ތުހުމަތު ކުރައްވާފައިވެއެވެ. މީގެ އިތުރުން އިންޑިއާ އާއި ރާއްޖޭގެ ގުޅުމާއި ގުޅޭގޮތުން ތަފާތު ވާހަކައެއް އޮތްނަމަ އެވާހަކަ ކުރީގައި ރައީސް ކަންކުރެއްވި ބޭފުޅުން ރައްޔިތުންނަށް އޮޅުންފިލުވައި ދިނުމަށްް ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން މިގޮތަށް އިޝާރާތް ކުރައްވާފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންޑިއާ އައުޓް ހަރަކާތާއި ބެހޭ ގޮތުން ޕީޕީއެމާއި ރައީސް ޔާމީން ހިންގަވަމުންގެންދާ ހަރަކާތަކީ ރައްޔިތުންގެ ތާއީދު ނެތް އަދި އެކަމުގެ ސަބަބުން ދިވެހިންނަށް ގެއްލުންތަކެއް ލިބިދޭނެ ހަރަކާތެއް ކަމުގައި ވިދާޅުވެފައިވަނިކޮށްކަން ފާހަގަ ކޮށްލެވެއެވެ. މީގެ އިތުރުން ރައީސް ނަޝީދުވަނީ އިންޑިއާ އައުޓް ހަރަކާތުގައި ބައިވެރިނުވުމަށް ޕީޕީއެމްގެ މެމްބަރުންގެ ކިބައިން އެދިވަޑައިގެންފައެވެ.
ނޮވެމްބަރު 3 ވަނަ ދުވަހުގެ އުދުވާނީ ހަމަލާއާއި ގުޅިގެން ރާއްޖެއިން އެދިގެން އިންޑިއާ ސިފައިން ރާއްޖެއިން އެދިގެން އެހީ ވުމަށް އައިނަމަވެސް އިންޑިއާ ސިފައިންނަން ނޭނގި ލަންކާއިން ރާއްޖެއަށް ހަމަލާ ދިން މީހުން ހަތިޔާރު ހިފައިގެން އައިއިރު އިންޑިއާ މިލިޓަރީ އަށާއި އިންޑިއާ ނޭވީ އަށް ނޭނގި ރާއްޖެ އެތެރެ ނުވެވޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި ލަންކާއިން ހަތިޔާރު ހިފައިގެން އަައި ބޯޓު ރާއްޖެ އައުމާގުޅިގެެން އިންޑިއާ ސިފައިންގެ އެހީ އަށް އެދުމާއެކު އިންޑިއާގެ އެއަރފޯސް ރާއްޖެ އައިސްފައިވަނީ ނުހަނު އަވަަހަށް ކަމުގައި ވިދާޅުވަމުން ރައީސް ޔާމީން ވިދާޅުވީ އެއީ އިއްތިފާގެއް ނޫން ކަމަށެވެ.

