ކިއޫގައި ތިބި ހުރިހާ ދޯންޏެއްގެ ހުރިހާ މަހެއް މިހާރު ކިރޭނެ ކަމަށާއި މަސް ކިރަން ފަށައިފި ކަމުގައި މިފްކޯއިން ބުނެފިއެވެ.
މިފްކޯ އިން އާންމު ކުރި ނޫސް ބަޔާނުގައިވާ ވާ ގޮތުން މަސްނުކިރުވޭ މައްސަލަ އަށް ހައްލު ހޯދައި ދިނުމަށް މިއަދު ވަނީ މަސް ކިރަން ފަށާފައި ކަމަށެވެ.
އެގޮތުން މަސްވެރިންނަށް އެއްބަސްވެވޭ ފަދަ ގޮތަކަށް ސަރުކާރުން ވަނީ އިމްޕްލިމެންޓޭޝަން ޕްލޭން އެއް ހަދާފަކަމަށާއި މަސްވެރިންނަށް ކިއު އޯޑަރެއް ހަމަޖައްސައި އެ އޯޑަރާއި އެއް ގޮތަށް މަސްކިރޭނެ އިންތިޒާމްތައް ކޫއްޑޫގައި ސަރުކާރުން މިހާރު ވަނީ ހަމަޖައްސާފައެވެ.
އެ ޕްލޭންގެ ދަށުން މަސްކިރޭނެ ތަޖުރިބާ އާއި ދުވަސް އެ މަސްވެރިންނަށް ވަނީ އަންގާފައެވެ. މިވަގުތު ކޫއްޑޫ ފަޅުގައި އޮތް ހުރިހާ މަސް ދޯންޏެއްގެ ހުރިހާ މަސް ކިރޭނެ ކަމަށް ވެސް މިފްކޯއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
މިފްކޯއިން މީގެ ކުރިން ވަނީ މަސްވެރިން ބާނާ މަސް ކިރުން ލިމިޓްކޮށްފައެވެ. އެގޮތުން މިފްކޯއިން ކަނޑައެޅީ ކޮންމެ ދޯންޏަކަށް ދުވާލެއްގެ މައްޗަށް ކިރޭނީ ފަސްޓަނު މަސް ކަމުގައެވެ.
އެ ނިންމުމާއި އެކު މަސްވެރިންގެ ޝަކުވާ ތަކާއި ކަންބޮޑު ވުންތައް ކޮޅުން ލައިގެންދިޔައެވެ.
މި ދުވަސްވަރަކީ ރާއްޖޭގެ ދެކުނުގެ މަސްވެރިކަން ރަނގަޅުވެފައި މަސް ތިޔާގި ދުވަސް ވަރަކަށް ވުމުން މަސްވެރިން ބާނާ މަސް އެވްރެޖް ގޮތެއްގައި އުޅެނީ 25 ޓަނުން މަތީގައެވެ. ވުމާ އެކު މިފްކޯ އިން މަސް ކިރުމަށް ގެނައި ބަދަލާއެކު މަސްވެރިން ކިރުވާ ފަސް ޓަނުގެ މަހަށް ފަހު ބާކީވާ މަސްކޮޅު ކަނޑަށް އުކާލުމަކީ އެމީހުން ހިތަށް ކެތްވާނެ ވަރުގެ ކަމަކަށް ނުވެއެވެ.
އެހިސާބުން މަސްވެރިންގެ އިހުސާސްތައް ހޫނުވެ، ޝުއޫރު ތައް އުތުރި އަރާ ރުޅިވެރިކަން ބަންޑުން ލައިގެން ނިކުތީ މުޒާހަރާ ކުރުމަށެވެ. އެގޮތުން ކޫއްޑޫ އަށް މަސް ދޯނި ތައް މަޑުމަޑުން ޖަމާ ވަމުން ގޮސް މިއަދު މަސް ނުކިރޭޭނަމަ ގެއްލުން ލިބޭނެ ކަމަށް ބުނެ މުޒާހަރާ ކުރަންފެށިއެވެ. މުޒާހަރާ ކުރާތާ 48 ގަޑި އިރު ނުވަނީސް ސަރުކާރުން މިވަނީ އެކަމަށް ހައްލު ހޯދައިދީފައެވެ.

