ހއ. މުރައިދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން އާ ހާބަރު ބޭސިން ފުންކުރުމުގެ 80 ޕަސެންޓް ނިމިއްޖެ ކަމަށް އެ މަޝްރޫއުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނެފިއެވެ.
ޑިޒައިން އެންޑް ބިލްޑް އުސޫލުން މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ފަރާތުން އެމްޓީސީސީއާ ހަވާލުކުރީ 2021 ވަނަ އަހަރުގެ އަގަސްޓް މަހުގެ 25 ވަނަ ދުވަހުއެވެ. މަސައްކަތް ނިންމުމަށް ދީފައިވަނީ 365 ދުވަހުގެ މުއްދަތެކެވެ.
އެ މަޝްރޫއުއާއި ބެހޭ ފަހުގެ މައުލޫމާތު ހިއްސާކުރަމުން އެމްޓީސީސީން ބުނެފައިވަނީ، މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ކޮންކްރީޓް ގަލުގެ އެންމެ ފުރަތަމަ ޝިޕްމަންޓް ސައިޓަށް ގެންގޮސްފައިވާ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން 212 މީޓަރުގެ އެއްގަމުތޮށި އާއި 407 މީޓަރުގެ ބޭރުތޮށި ލައި 107 މީޓަރުގެ ބޭރުތޮށި މަރާމާތުކުރެވިގެންދާނެކަމަށް ކުންފުނިން މައުލޫމާތުދެއެވެ. އަދި 105 މީޓަރުގެ ރިވެޓްމަންޓް ޖަހައި، 50 މީޓަރުގެ ގްރޮއިންސް ޖެހުމުގެ އިތުރުން ބަނދަރު އަދި ނެރު ފުންކުރުމާއި ރޭމްޕާއި ވޯކްވޭ ބްރިޖް ހެދުމުގެ މަސައްކަތުގެ އިތުރުން ނެވިގޭޝަން އަދި ބަނދަރު ބައްތިވެސް ހަރުކުރެވިގެންދާނެކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
ޖުމުލަ 33.7 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ ޖަނަވަރީ 16، 2022ގަ އެވެ.

