ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮއްކޮގެ ދިފާއުގައި ނިކުތުމުން ނަޝީދު ހޫނުފެނަށް!

ރައީސް ނަޝީދާއި، ނާޒިމް ސައްތާރު/ ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް ނަޝީދުގެ ކޮއްކޯފުޅު ނާޒިމް އަބްދުއްސައްތާރު ހައްޔަރުކުރުމުން އެކަމުގެ ދިފާއުގައި އެމަނިކުފާނު ނުކުތުމުން ގިނަ ބައެއްގެ ނުރުހުމާއި، ފާޑުކިޔުންތައް އެމަނިކުފާނަށް އަމާޒުވެއްޖެއެވެ.

ބަނގްލަދޭޝްގެ 25 އަހަރުގެ އަލަމްގިރިއާއެކު ގިނަ އަދަދެއްގެ ދިވެހިން އެއްޖިންސުން ގުޅުން ހިންގި މައްސަލައެއް ފެންމަތިވީއިރު އޭގެ ތެރޭގައި ސިޔާސީ އެކި މީހުންނާއި، އެ މީހުންގެ ދަރީންގެ މައްޗަށް ބޯޑެތި ތުހުމަތުތަކެއް ކުރެވެ އެވެ. ނަމަވެސް މިހާތަނަށް ލީކުވި ތިން ވީޑިއޯއިން ފެންނަނީ ނާޒިމް ސައްތާރާއި، މަޖިލީހުގެ ނޮޅިވަރަން ދާއިރާގެ ކުރީގެ މެމްބަރު ކާނަލް މުހައްމަދު ނަޝީދުގެ އިތުރުން ފުލުސް އޮފިސަރެކެވެ. އެ މައްސަލައިގައި ތިން މީހުންގެ ޕާސްޕޯޓު ހިފަހައްޓައި ތަހުގީގު ފެށުމަށް ފަހު ކޯޓު އަމުރެއްގެ ދަށުން ތިން މީހުން ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.

މ އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ނާޒިމްގެ ވީޑިއޯ އާއްމުވީއިރު އޭނާއަކީ ގާނޫނީ ވަކީލެކެވެ. އައިއީޑީއެއް ގޮއްވާލައި ރައީސް ނަޝީދު އަވަހާރަކޮށްލުމަށް މަސައްކަތް ކުރި މައްސަލައިގައި އެމަނިކުފާނުގެ ވަކީލެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވާ، ނާޒިމަކީ ސޯޝަލް މީޑިއާގައި ސިޔާސީ އެކި ފަރާތްތަކަށާއި ގާނޫނީ ދާއިރާގެ އިސް މަގާމުތަކުގައި ތިއްބަވާ އަދި ކޯޓުތަކުގެ ފަނޑިޔާރުންނާއި ގާނޫނީ ވަކީލުންނާއި ޒާތީ ގޮތުން ދިމާ ކުރައްވައި ހަޑި ހުތުރު ބަސްތައް ބޭނުންކޮށް ޓްވީޓު ކުރައްވާ ބޭފުޅެއްކަން ފާހަގަ ކުރެވެ އެވެ.

ވީޑިއޯ އާއްމުވުމުން ނާޒިމް ވަނީ، މިއީ އޭނާގެ އަގު ވައްޓާލުމަށް ބަޔަކު ކުރަމުންދާ މަސައްކަތެއްގެ ގޮތުގައި ވިދާޅުވެފަ އެވެ. އަދި ވީޑިއޯއެއް އެޑިޓު ކުރުމަށް ފަހު އާއްމު ކުރީ، އޭނާ ހަރުކަށި ފިކުރުގެ މީހުންނާއި ދެކޮޅަށް ވާހަކަ ދައްކައި މޭއި ހައެއްގެ ހަމަލާގެ ހަގީގަތް ހާމަ ކުރާތީކަމަށް ވިދާޅުވި އެވެ. އަދި އޭނާ ހައްޔަރު ކުރުމަށް ގޮވާލި މީހުންނަށް ވެސް ރައްދު ދިނެވެ.

މައްސަލައިގައި ތުހުމަތު ކުރެވޭ މީހުން ހައްޔަރު ކުރުމަށް ކޯޓު އަމުރެއްގެ ދަށުން ފުލުހުން އޮޕަރޭޝަނެއް ފެށުމާއި އެކު ނާޒިމް އެންމެ ފުރަތަމަ ފުރައިގެން ދިޔައީ ރިސޯޓަކަށެވެ. ފުލުހުން ރިސޯޓަށް އަރައި ނާޒިމް ހައްޔަރު ކުރުމުން، އޭނާގެ ދިފާއުގައި ޓުވީޓުކޮށް ރައީސް ނަޝީދު ވިދާޅުވީ އެއްޖިންސުން ގުޅުން ހިންގިކަމަށް ބުނެ އެމަނިކުފާނުގެ ކޮއްކޮ މި ސަރުކާރުން ހައްޔަރު ކުރީ ކޯލިޝަނުގައި ތިއްބެވި ހަރުކަށި ފިކުރުގެ މީހުން ހިތްރުއްސުމަށް ކަމަށެވެ. އަދި ނާޒިމް ހައްޔަރު ކުރީ ގާނޫނާއި ހިލާފަށްކަމަށް ވިދާޅުވި އެވެ.

ރައީސް ނަޝީދަކީ އާއްމުކޮށް ނުރުހުންވެ ކުރައްވާ ޓުވީޓުތައް ދިވެހި ބަހުން ނުވަތަ ލެޓިނުން ކުރައްވާ ބޭފުޅެކެވެ. ނަމަވެސް މި މައްސަލައިގައި ރައީސް ނަޝީދު އިނގިރޭސި ބަހުން ޓުވީޓު ކުރެއްވީ ބޭރުގެ މީޑިއާތަކަށް އެކަން ރަސްމީކޮށް އެންގުމަށާއި، ހުޅަނގު ގައުމުތަކުގެ ތާއީދު ހޯދުމަށްކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރެ އެވެ.

އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕިއެމްގެ ނައިބު ރައީސް ޝިޔާމް ވިދާޅުވީ، ރައީސް ނަޝީދުގެ އޮތީ ދެ މަގްސަދެއް ކަމަށެވެ. އެއީ އެއްޖިންސުން ގުޅުން ހިންގުމަކީ ލިބިގެންވާ ހައްގެއްކަމަށް ވަކާލާތު ކުރާ މީހުންގެ ތާއީދު ހޯދުމަށާއި، ދީނީ އިލްމުވެރިންނަކީ ހަރުކަށި ފިކުރުގެ ބައެއްގެ ގޮތުގައި ދެއްކުންކަމަށް ޝިޔާމް ވިދާޅުވި އެވެ.

މީގެ އިތުރުންވެސް އެމަނިކުފާނުގެ ޓުވީޓަށް ސިޔާސީ ގިނަ ބަޔަކު ވަނީ ރައްދު ދެއްވާފައެވެ. އެގޮތުން ނަޝީދުގެ ޓުވީޓަށް ރައްދުދެއްވަމުން ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ ރައްޔިތުންގެ ރުޅިވެރިކަން އިންތިހާއަށް ބޮޑުވިއިރު ވެސް ނާޒިމް ހުންނެވީ މިނިވަންކަންމަތީކަމަށާއި އޭނާ ހައްޔަރު ކުރުމަށް މާބޮޑަށްވެސް ލަސްވެއްޖެކަމަށެވެ.

މީގެ އިތުރުން ކުރީގެ ކޮމިއުނިކޭޝަންސް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ނަޝީދުގެ ޓުވީޓަށް ރައްދުދެއްވަމުން ވިދާޅުވީ ދިވެހިރާއްޖޭގައި މިހާރު ފެންނަމުންދާ މަންޒަރުތައް ފެނިގެންދާ ސަބަބަކީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، އިންސާފުގެ ދަތުރުގެ އޮޑި ކަންޑު ފައްތާލާފައިވުންކަމަށް ކަމުގައެވެ.

ރައީސް ނަޝީދުގެ ޓުވީޓަށް ތާއީދަށް ވުރެ ބޮޑަށް އަމާޒުވެފައި ހުރީ ފާޑުކިއުންތަކެވެ. އެގޮތުން ބައެއް ފަރާތްތަކުން ވަނީ ކޮއްކޮގެ ދިފާއުގައި ރައީސް ނަޝީދު ނިކުންނެވުމަކީ ހައިރާންވާ ކަމެއް ނޫންކަމަށް ބުނެފަ އެވެ. އަދި ރައީސް ނަޝީދު އެފަދަ ވާހަކަތައް ދައްކަވާނަމަ މަގާމުން އިސްތިއުފާ ދެއްވުމަށް ގޮވާލި އެވެ.

ރައްޔިތުންގެ ރުޅިވެރިކަން ރައީސް ނަޝީދަށް ލިބެމުންދާ މިދަނޑިވަޅުގައި ރައްޔިތުން ބުނަމުންދަނީ އިންސާފުގެ ކުރިމަތީގައި ކޮއްކޮއެއް އަދި ބޭބެއެއް ނޯންނާނެކަމަށާއި ކުށެއް ކޮށްފިނަމަ އެކަމުގެ ހައްޤު އަދަބު ކޮންމެ މީހަކަށްވެސް ލިބެންޖެހޭނެކަމަށެވެ.

އުފެދޭ ސުވާލަކީ ރައީސް ނަޝީދުގެ ކޮއްކޯފުޅުގެ ދިފާޢުގައި މި ތެދުވި ތެދުވުގެ ސަބަބުން އެމަނިކުފާނުގެ މަޤްބޫލުކަމާއި އެމަނިކުފާނަށް އޮތް ތާޢީދު މުޅިން ގެއްލިދާނެބާއެވެ؟ ކޮންމެ ގޮތަކަށް ކަންތައް ވިޔަސް ސައްތައިން ސައްތަ މުސްލިމުން އުޅޭ ޤައުމެއްގައި މިފަދަ ހަޑިމުޑުދާރު ޢަމަލުތަކަށް ފުރުޞަތު ދެވިގެންނުވާނެއެވެ.

 

ވަރަށް ގަދަ
89%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 11%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: