ށ ފޭދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ދާ ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.
މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ އެއްގަމު ތޮށިލާން ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވުމެވެ. އެއްގަމު ތޮށިލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުލް ޝިޕްމަންޓް މިހާރު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސް ނިންމާފައެވެ.
މި މަޝްރޫއުގެ ދަށުން 27،500 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމަށް ހަމަޖެހިފައިވެއެވެ. އަދި 276 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމާއި 90 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން 378 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުމާއި 1380 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބަރ ޕޭމަންޓް ހެދުން ހިމެނޭ ކަމަށް އެމްޓީސީސީއިން ވަނީ ބުނެފައެވެ.
މި މަޝްރޫއު ނިމޭއިރު ނެރުބައްތި އާއި މަގުބައްތި ހަރުކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫއަކީ 35.6 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

