ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދަށްވީ، ދެ މީދާ ފެހި ބުޅަލަށްވީވަރު: މަލީހު

ރައީސް މުހައްމަދު ނަޝީދާއި، މަލީހު
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަން ކުރާ ޕާޓީ، އެމްޑީޕީގެ ތެރޭގައި ބޮޑެތި ބައިބައިވުންތައް އުފެދިފައިވާ ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ޖެހިފައި ވަނީ ދެ މީދާ ފެހި ބުޅަލަށް ޖެހުނު ހާލަތުކަމަށް ކުރީގެ ކޮމިއުނިކޭޝަންސް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެ އެވެ.

އަންނަ ހުކުރު ދުވަހު ފަށާ އެމްޑީޕީގެ ކޮންގްރެސްއަށް ނަޝީދުގެ ފަރާތުން ހުށަހަޅާފައިވާ، ހުށަހެޅުންތަކަށް ތާއީދު ހޯއްދެވުމަށް އެމަނިކުފާނު ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. ވެރިކަމުގެ ނިޒާމު ބަދަލުކޮށް، ބޮޑުވަޒީރެއްގެ މަގާމަށް އައުމަށާއި ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބުތަކުން 35 އިންސައްތައިން މަތީން ވޯޓު ހޯދައިގެން ކާމިޔާބު ކުރެވޭ ގޮތަށް ގާނޫނު އިސްލާހު ކުރުމަށް ރައީސް ނަޝީދު ބޭނުންފުޅުވެ އެވެ. އަދި އެމްޑީޕީގެ ހަރުގޭގައި އެކަމުގެ ބައްދަލުވުންތައް ބާއްވައި، ނޫސްވެރިންނަށް ވެސް އެ ތަފްސީލު ދެއްވި އެވެ. ނަމަވެސް ރައީސް ނަޝީދުގެ އެއްވެސް ހުށަހެޅުމަކަށް އެމްޑީޕީގެ މެމްބަރުންނާއި، ލީޑާޝިޕްގެ ތާއީދެއް ނެތެވެ.

އިއްޔެ ނޫސްވެރިންގެ ސުވާލުތަކަށް ވެސް ވިދާޅުވީ، ހުށަހެޅުންތަކާއި އެކު ކުރިޔަށް ދިއުމަށް ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލްގެ އެހީ ބޭނުންވާކަމަށެވެ. އަދި ފައްޔާޒަށް ކުރި ތުހުމަތުތަކާއި، ފާޑުކިއުންތައް ނަފީ ވީތޯ ނޫސްވެރިން ތަކުރާރުކޮށް ކުރި އެއްވެސް ސުވާލަކަށް ޖަވާބެއް ނުދެއްވި އެވެ. ވިދާޅުވީ ކެނެރީގެ އާއި، ބޯގަންވިލާ އަކީ ގާތް ދެ އެކުވެރި އާއިލާކަމަށާއި ފައްޔާޒަކީ ސިޔާސީ ގޮތުން މޮޅު ބޭފުޅެއްކަމަށެވެ.

ރައީސް ނަޝީދަށް އެމްޑީޕީގެ އެތެރެއިން ފާޑުކިއުންތައް އަމާޒު ކުރާތީ އެކަން ފާހަގަކޮށް މަލީހު ވިދާޅުވީ މީގެ ކުރިން ބަރުލާމާނީ ނިޒާމަކަށް ތާއީދު ކުރަމުންދިޔަ މީހުން ވެސް މިހާރު އެ ނިޒާމަށް ތާއީދު ނުކުރާކަމަށެވެ. އެގޮތުން ”ކެނެރީ“ ފެކްޝަނަށް ނިސްބަތްވާ ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވެސް އެ ނިޒާމާއި މެދު ހިޔާލު ތަފާތުކަމަށް އެނާ ފާހަގަކުރެއްވި އެވެ.

ރައީސް ނަޝީދުގެ ސަބަބުން އެމްޑީޕީ ތެރޭގައި ބައިބައިވުންތައް އުފެދިފައިވާކަން ފާހަގަކުރައްވާ މަލީހު ވިދާޅުވީ، ބަރުލަމާނީ ނިޒާމަކަށް ތާއީދު ކުރާ ފެކްޝަނުތަކަށް ވުރެ، އެމްޑީޕީގައި މިވަގުތު ގިނައީ ރިޔާސީ ނިޒާމުގެ ފެކްޝަންތައް ކަމަށެވެ. އެގޮތުން އެމްޑީޕީގެ ތެރޭގައި ޑީއާރްޕީ ފެކްޝަނަކާއި، ސޯޝަލް ލިބަރަލް ފެކްޝަނެއްގެ އިތުރުން ނިއު އެމްޑީޕީ ފެކްޝަނެއްވެސް ވާކަމަށް މަލީހު ވިދާޅުވި އެވެ.

ރައީސް ނަޝީދަށް ޖެހިފައިވާ ހާލަތަކީ، ދެ މީދާ ފެހި ބުޅަލަށް ޖެހިފައިވާ ހާލަތުކަމަށް ވިދާޅުވުމުގެ އިތުރުން މަލީހު ވަނީ، އެމްޑީޕީގެ ވެރިކަމުގައި މަޖިލީހުގެ އިމްތިޔާޒާއި ސުލޫކީ ކޮމެޓީވެސް ފެއިލްވެފައިވާކަމަށް ވިދާޅުވެފައިއެވެ. އަދި ރައީސް ނަޝީދުގެ ފޯނު ގެއްލުނުކަމަށް ވިދާޅުވެ އެ މަނިކުފާނު ހެއްދެވީ އިތުރުފުޅެއްކަމަށް ބުރަވާކަމަަށާއި، ހުވާގެ މަތީ ހުންނަވާ ފަރާތެއް ރައްޔިތުންނަށް އޮޅުވާލުމަކީ ކުށެއްކަމަށްވުމުން އެ މަސައްލަ ބަލަން ގޮވާލި އެވެ.

ޕްރެސްއަށް ފަހު ރައީސް ނަޝީދަށް އަނެއްކާވެސް ފާޑުކިއުންތައް އަމާޒުވީ އެއް ސަބަބަކީ، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި އެކު މަސައްކަތް ކުރުމަށް ބޭނުންވާކަމަށް ވިދާޅުވުމުންނެވެ. ނަމަވެސް އޭގެ ކުރިން ބޭއްވި ޕްރެސްގައި ރައީސް ޔާމީން ވަނީ ރައީސް ނަޝީދާއި އެކު އެއްވެސް ސިޔާސީ މަސައްކަތެއް ނުކުރައްވާނެކަމަށް ވިދާޅުވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: