އެއް ޕާޓީއަކަށް ނިސްބަތްވާނަމަ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކަށް، ވަޒީރުންގެ މަޖިލީހުގެ މެމްބަރުންނެއް ޖަވާބުދާރީއެއް ނުކުރެވޭނެކަމަށް، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ހަރުގޭގައި ރޭ ބޭއްވި ބަރުލަމާނީ ނިޒާމުގެ މަޝްވަރާ ބައްދަލުވުމުމުގައި ރައީސް ނަޝީދު ވިދާޅުވީ، ދިވެހިރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަކީ، އެމްޑީޕީގެ އިސް ލީޑަރުކަމަށެވެ. އަދި ވަޒީރުންގެ މަޖިލީހުގައި ތިއްބެވީވެސް އެމްޑީޕީގެ މެމްބަރުންކަމަށާއި، މަޖިލީހުގެ އަގުލަބިއްޔަތުވެސް އޮތީ އެމްޑީޕީގެ ކަމަށް ފާހަގަކުރައްވާ އެ މަނިކުފާނު ވިދާޅުވީ، އެ ހުރިހާ މެމްބަރުންނަކީ، އެއް ސުފުރާއެއްގެ މަތިން ކައި އުޅޭ، އިންތިހާއަށް ރަހުމަތްތެރި ބައެއް ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ، ދިވެހިރާއްޖޭގައި ވެރިކަމުގެ ނިޒާމެއް ކަނޑައަޅަމުންދިޔަ އިރު، ފެނުނު ގޮތަކީ، ތިން ބާރު ވަކި ކުރުމުން، ރައްޔިތުންގެ މަޖިލީހަށް ވަޒީރުން ޖަވާބު ދާރީ ކުރުވޭނެކަން މަންޒަރު ކަމަށެވެ. އެހެން ނަމަވެސް އެންމެހާ ދިވެހި ރައްޔިތުންނަށްވެސް ހަގީގަތުގައި ކަން ހިނގާ ގޮތް ސާފުވާނެކަމަށް ފާހަގަކުރައްވާ އެ މަނިކުފާނު ވިދާޅުވީ، އަމިއްލަ ޕާޓީގެ މެމްބަރުން ޖަވާބު ދާރީ ކުރުވާނަމޭ ބުނެވިދާނެކަމަށެވެ. އަދި ރައީސް ނަޝީދުވަނީ އެކަން ކުރާނެ ގޮތަކާއިމެދު ސުވާލު އުފައްދަވާ،ީ އެކަމަކީ ދަތިކަމެއް ކަމަށް ސިފަ ކުރައްވާފައެވެ.
ރައީސް ނަޝީދު، ދިވެހިރާއްޖޭގެ ވެރިކަން ކުރާ ނިޒާމު ބަރުލަމާނި ނިޒާމަކަށް ބަދަލުކުރުމަށް، އެމްޑީޕީގެ ކޮންގްރެސްއަށް ގަރާރެއް ހުށައެޅުމާއި އެކު، އެ ޕާޓީގެ ތެރޭގައިވަނީ ހިޔާލު ތަފާތުވުންތައް އުފެދިފައެވެ. ރައީސް ނަޝީދު ވިދާޅުވާ ގޮތުން، ގިނަ އަދަދެއްގެ ރައްޔިތުންނާއި، އެމްޑީޕީގެ މެމްބަރުން ބަރުލަމާނީ ނިޒާމަށް ތާއީދު ކުރެއެވެ. އެހެން ނަމަވެސް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލް އަންދާޒާ ކުރާ ގޮތުން، އެމްޑީޕީގެ ތެރެއިން ބަރުލަމާނީއަށް ތާއީދު ކުރަނީ މެމްބަރުންގެ ތެރެއިން 10 އިންސައްތައަށްވުރެ ދަށް އަދަދެކެވެ. އަދި ރާއްޖޭގެ ނިސްބަތަށް ބަލާ ނަމަ، އެ އަދަދު 10 އިންސައްތައަށްވުރެވެސް ދަށްވާނެކަމަށް އެނާ ވަނީ ވިދާޅުވެފައެވެ.

