ބައި އިލެކްޝަންތައް ބޭއްވުމަށް ބަޖެޓުގައި ކަނޑައެޅިފައި ނެތްކަމަށާއި އެހެންކަމުން މި އިންިހާބުތައް ބާއްވަނީ ފިނޭންސްގައި އެދިގެންކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީގެ ”ނިއުސްރޫމް“ އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ފުއާދު ވިދާޅުވީ މިހާރު ބާއްވާ ބައި އިލެކްޝަންސްތަކަށް ހަރަދު ވާނެ ފައިސާ އިލެކްޝަންސް ކޮމިޝަނުގެ ބަޖެޓުގައި ހިމަނާފައި ނެތްކަމަށެވެ. އެހެންކަމުން މި އިންތިހާބުތައް ބާއްވަނީ ފިނޭންސް މިނިސްޓްރީގައި އެދިގެން އިތުރަށް ފައިސާ ހޯދައިގެންކަމަށް ވިދާޅުވިއެވެ.
ފުއާދު ވިދާޅުވީ އާދައިގެ ގޮތެއްގައި ބާއްވާ ބައި އިލެކްޝަންތަކަށް އެކަނި ދޮޅު ލައްކައެއްހާ ރުފިޔާ ހަރަދުވާކަމަށާއި އާބާދީ ބޮޑު ރަށްރަށުގެ ބައި އިލެކްޝަންތައް އާދަޔާ ހިލާފަށް ހަރަދު ބޮޑުކަމަށެވެ.
”މިސާލަކަށް އައްޑޫ ހިތަދޫ ދާއިރާގަ. އެ ދާއިރާ ބެހިފަ އޮންނަ ގޮތުން ވާ ގޮތަކީ ހުރިހާ މެންބަރުންނަކީވެސް ހަމަ މުޅި ހިތަދޫ ވޯޓު ލައިގެން ނެގިފަ ހުންނަ ގޮތަށް، ހިތަދޫގަ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އެންމެ ގޮޑިއެއް ހުސްވި ނަމަވެސް ގާތްގަނޑަކަށް 10 ވަރަކަށް ހާސް މީހުން ވޯޓު ލާނެ“
އެތައް ހާސް މީހުންނެއްގެ ތެރެއިން ކިތައްމެ މަދު ބަޔަކު ވޯޓުލާން ނިކުތް ނަމަވެސް ވޯޓު ލާ މީހުންގެ އަދަދަށް ވޯޓު ކަރުދާސް ޗާޕު ކުރަންޖެހޭކަމަށް ފުއާދު ވިދާޅުވިއެވެ.
މީގެ ކުރީގައި ވޯޓު ކަރުދާހެއް ޗާޕު ކުރެވެނީ 39 ރުފިޔާއަށްކަން ފާހަގަކޮށް ފުއާދު ވިދާޅުވީ ވޯޓު ކަރުދާސް ޗާޕުކުރާ ފަރާތްތަކާއިއެކު އެތަކެއް މަޝްވަރާތަކެއްކޮށް މި އަދަދު މިހާރު 19 ރުފިޔާއަށް ދަށްކުރެވިފައިވާކަމަށެވެ. ހަރަދުތަކަށް ބަލައި، މިވެސް ބޮޑު އަދެއްކަމަށް ފުއާދު ވިދާޅުވި އެވެ.
އެގޮތުން 10،000 މީހުންގެ އާބާދީއަކަށް ބަލާއިރު އެއީ 190،000 ރުފިޔާކަމަށް ފާހަގަކުރައްވާ ފުއާދު ކަންބޮޑުވުން ފާޅުކުރެއްވީ މިހާ ބޮޑެތި ހަރަދުތައް ކޮށްގެން އިންތިހާބު ބާއްވާ ހޮވުމަށްފަހު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގޮޑި ދޫ ކުރައްވާ ވަޑައިގަންނަވާތީއެވެ.
އެވްރެޖުގޮތެއްގައި މަހަކު 2 ގޮޑި 3 ގޮޑި ހުސްވަމުންދާތީ ފުއާދު ސުވާލު އުފެއްދެވީ މިއީ ހަމަ މިގޮތުގައި ކޮންމެހެންވެސް ކުރަންޖެހޭކަމެއްކަމާއިމެދުގައެވެ. ބައެއް އިލެކްޝަންތައް އެކީގައި ބޭއްވޭނަމަ ހަރަދު ކުޑަވާނެކަމަށް ފާހަގަކޯށް ފުއާދު ވިދާލުވީ އެހެން ނަމަވެސް ގާނޫނު ތަން ނުދޭކަމަށެވެ.
ގާނޫނުގައިވާ ގޮތުގެ މަތިން ގޮނޑިއެއް ހުސްވާތާ 60 ދުވަހުގެ ތެރޭގައި އެ ގޮނޑިއަށް މީހަކު އިންތިހާބުކުރުން އިލެކްޝަންސް ކޮމިޝަންގެ މައްޗަށް މަތިކުރާކަމަށާއި އަދި ކެމްޕެއިންކުރުމަށް 45 ދުވަސް ކެޑިޑޭޓުންނަށް ދޭންޖެހޭކަމަށް ފުއާދު ފާހަގަކުރެއްވިއެވެ. އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ހަރަދު ކުޑަ ކުރުމަށްޓަކައި މަސައކްަތްތަކެއް ކުރިކަމުގައިވީ ނަމަވެސް ގާނޫނު އޮންނަ ގޮތުން ކޮންމެ 15 ދުވަހަކުން ބައި އިލެކްޝަންއެއް ބާއްވަންޖެހޭކަމަށް ވިދާޅުވިއެވެ.
”ގޮނޑިތަކަށް ހޮވޭ މީހުން އެހާ ޔަގީންކަން ކުޑަ ގޮތެއްގައި ގޮނޑިތަަށް ހޮވޭތީވެ، މިއީ ހަމަ މި ދެންނެވީ ދައުލަތުންވެސް އަދި އަޅުގަނޑުމެންވެސް އަދި އެހެން މުއައްސަސާތަކުންވެސް ވަރަށް ބޮޑަށް ވިސްނަށް ޖެހޭކަމެއް. ދައުލަތުގެ މާލިއްޔަތު އެއީ ހަމަ ރައްޔިތުންގެ ފައިސާ. ރައްޔިތުންގެ އެކިއެކި ކަންކަން ކުރަން ހުރި ފައިސާ މި ގޮތަށް ބައި އިލެކްޝަންސްތައް ބާއްވަން އެތައް ލައްކަ ރުފިޔާއެއް ކޮންމެ މަހެއްގެ މައްޗަށް ހަރަދުވެގެން ދިޔުމަކީ ވަރަށް ބޮޑު އިސްރާފެއް“
ރައްޔިތުންގެ އެކިއެކި ކަންކަން ކުރުމަށްޓަކައި ދައުލަތުގައި ހުރި ފައިސާ މިފަދައިން ބައި އިލްކްޝަންސްތަކަށް ހަރަދުވުމަކީ ވަރަށް ބޮޑު އިސްރާފެއްކަމަށް ފުއާދު ވިދާޅުވިއެވެ.
މިއަހަރުގެ ފެބުރުއަރީ މަހުގެ 5 ވަނަ ދުވަހުން ފެށިގެން މިހާތަނަށް ވިހި ބައި އިލެކްޝަންސްތައް ބޭއްވިފައިވާކަމަށާއި އަދި ކުރިއަށް އޮތް އޮކްޓޫބަރު މަހުގެ ތެރޭގައި 4 ރަށެއްގައި ބައި އިލެކްޝަން ބާއްވާ ގޮތަށް ހަމަޖެހިފައިވާކަމަށް ފާހަގަކުރައްވާ ފުއާދު ވިދާޅުވީ، މިއީ ކަންބޮޑުވާންޖެހޭ ކަމެއްކަމަށެވެ.
ހަރަދުކުޑަ ކުރުމަށްޓަކައި އެޓާނީ ޖެނެރަލް އާއި މަޖިލީހުގެ މިނިވަން މުއައްސަސާއާއި ބެހޭ ކޮމިޓީ އާއިވެސް ވާނީ މަޝްވަރާތަކެއް ކުރެވިފައިކަމަށް ފާހަގަކުރައްވާ ފުއާދު ވިދާޅުވީ މަޝްވަރާ އާއި އެއްގޮތަށް ކަންކަން ބަދަލުވެއްޖެނަމަ އިދާރީ ހަރަދު ކުޑަކުރެވޭނެކަމަށެވެ.
ރައީސް އޮފީހުގައި ފިނޭންސް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު އިބްރާހިމް އަމީރު ވިދާޅުވީ ކުރިޔަށް އޮތް ދުވަސްތަކުގެ ތެރޭގައި އިންފްލޭޝަން މައްޗަށް ދާނެކަމަށް ލަފާ ކުރެވޭ ކަމަށާއި އެހެންކަމުން ހަރަދުތައް ހަމަޖައްސަން މިހާރު އަޅަން ނިންމި ފިޔަވަޅުތައް ނާޅައިފި ނަމަ، ސިވިލް ސާވެންޓުންގެ މުސާރަ ކުޑަކުރުން ކަހަލަ އާންމުންނަށް ގެއްލުންވާނެ ފިޔަވަޅުތައް އަޅަން ޖެހިދާނެކަމުގެ އިންޒާރު ސަރުކާރުން ދިން ނަމަވެސް ދައުލަތުގެ ތެރޭގައި އަދިވެސް މިފަދަ ބޮޑެތި ހަރަދުތައް ހިނގައެވެ.

