މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް ފޮނުއްވި ސިޓީފުޅުގައި ދިވެހި ދައުލަތުގެ އެންމެ މަތީ މަސްލަހަތު ހިމާޔަތްކޮށްފައިވާނަމަ އެ ސިޓީ ހާމަ ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް އެދިވަޑައިގެންފިއެވެ.
ޗާގޮސްގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރަށް ވާހަކަފުޅު ދައްކަވަމުން އަފީފް ވިދާޅުވީ ދިވެހިރާއްޖޭގެ އިގްތިސާދީ ސަރަހައްދުން އެއްވެސް ބައެއް އުނިވާފަދަ އެއްވެސް ނިންމުމެއް ނިންމޭނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެން ކަމަށެވެ. އެނޫން ގޮތަކަށް ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ގެއްލޭފަދަ ނިންމުމެއް ނިންމުމުގެ ބާރު އެއްވެސް މީހަކަށް ލިބިގެން ނުވާ ކަމަށް އަފީފް ވިދާޅުވިއެވެ.
އަފީފް ވިދާޅުވީ ޗާގޮސްއަކީ ދިވެހިންގެ ތަނެއް ކަމަށް ދިވެހިން ދައުވާ ކުރަން ބޭނުންވިނަމަވެސް އެކަން ކުރެވޭނީ މޮރިޝަސްއަށް ޗާގޮސްގެ ސިޔާދަތީ ބާރު ދިނުމަށް ނިންމާފައިވާ ނިންމުމާއި ދެކޮޅަށް ވަކާލާތު ކޮށްގެން ކަމަށެވެ. އަދި މިހާރު މޮރިޝަސްއިން ރާއްޖެއާއި ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައިގައި ވެސް ރާއްޖެއިން ބޭނުންވާ މިންވަރަށް ކަނޑުގެ ސަރަހައްދު ލިބުމުގެ ފުރުސަތު ބޮޑުވެގެންދާނީ ވެސް ޗާގޮސްއަކީ މޮރިޝަސްގެ ސިޔާދަތީ ބާތު ނެތްތަނެއް ކަމަށް ރާއްޖެއިން ގަބޫލުކޮށްގެންކަން އަފީފް ފާހަގަ ކުރެއްވިއެވެ.
އަފީފް ވިދާޅުވި ގޮތުގައި ޗާގޮސްގެ މައްސަލައިގައި ސަރުކާރުން ކުރިން ނަގާފައިވާ ސްޓޭންޑް ބަދަލުކޮށް މޮރިޝަސްއަށް ތާއިދުލުރަން ނިންމިއިރު މަޖިލީހާއި އެއްވެސް ވަރަކަސް ހިއްސާކޮށްފައި ނުވާތީ ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށެވެ. އަދި ޗާގޮސްގެ މައްސަލައިގައި ގޯހެއް ނެތްނަމަ އެ ނިންމުން މަޖިލީހާއި ހިއްސާނުކޮށް ނިންމަން ނުޖެހުނީސް ކަމަށް އަފީފް ވިދާޅުވިއެވެ. އަދި ވިދާޅުވީ ރައީސް ސާލިޙްގެ ސިޓީފުޅުގައި ދިވެހި ދައުލަތުގެ އެންމެ މަތީ މަސްލަހަތު ހިމާޔަތްކޮށްފައިވާނަމަ އެ ސިޓީ މަޖިލީހަށް ހާމަކޮށް ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އަފީފް ވިދާޅުވި ގޮތުގައި ޗާގޮސްގެ މައްސަލައިގައި މިހާރު ސަރުކާރުން ނިންމާފައިވާ ނިންމުމުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ހާއްސަ އިގްތިސާދީ ސަރަހައްދުން ބައެއް ގެއްލިގެން ދިއުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ. އެއީ އެއްވެސް ގޮތަކަސް ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށް އަފީފް ވިދާޅުވިއެވެ.
ޗާގޮސްގެ މައްސަލައިގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިޙް ވިދާޅުވީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދާއި ޗާގޯސްގެ ކަނޑުގެ ސަރަޙައްދު ކަނޑައެޅުމުގައި އޮތް، ފުށުއަރާ ސަރަޙައްދުގެ މައްސަލަ އަކީ ޙައްލެއް ނުހޯދި އޮންނަތާ ގިނަ އަހަރުތަކެއް ވެފައިވާ މައްސައެއްކަން ފާހަގަކުރައްވާފައެވެ.
އެ މައްސަލަ ޙައްލުކުރުމަށް މީގެ 30 އަހަރު ކުރިން 1992 ވަނަ އަހަރު އޭރުގެ ދިވެހި ސަރުކާރުން އިނގިރޭސި ސަރުކާރާ އެކުގައި މަސައްކަތްކޮށް އޭރު އެއްބަސްވެފައި ވަނީ ފުށުއަރާ ސަރަޙައްދު ދެ ޤައުމަށް ހަމަހަމަވާ ގޮތަށް ބަހައިލުމަށްކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި އޭގެ ފަހުން، 2011 ވަނަ އަހަރު، އޭރުގެ ދިވެހި ސަރުކާރުން މޮރިޝަސް ސަރުކާރާ އެކުގައި މި މައްސަލަ ޙައްލުކުރުމަށް މަޝްވަރާ ކޮށް، އޭރު އެއްބަސްވެފައިވަނީ ދެ ޤައުމުގެ ދެމެދުގައި ވާހަކަ ދައްކައިގެން، ފުށުއަރާ ސަރަޙައްދުގެ މައްސަލަ ހައްލުކުރުމަށްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިކަންކަން ފާހަގަކުރައްވަމުން، މި މައްސަލައިގައި އެކި ސަރުކާރުތަކުގައި ވާހަކަދައްކާފައި އޮތީ، އެކި ސަރުކާރުތަކާ އެކުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ މި ސަރުކާރުން މިމައްސަލައިގައި މަސައްކަތް ކުރަމުން އަންނަނީ، ބައިނަލްއަޤުވާމީ ޓްރައިބިއުނަލެއްގައިކަމާއި ވަކި ސަރުކާރާކާއެކު ނޫންކަން ކަމަށެވެ. އަދި ހަމައެހެންމެ، މޮރިޝަސް ސަރުކާރުން އިޓްލޮސްއަށް ހުށަހަޅާފައި އޮތް މައްސަލައިގައިވެސް، ސަރުކާރުން މިހާރުވެސް ދަމަހައްޓަމުން އަންނަނީ، ދިވެހިރާއްޖޭގެ އެންމެ މަތީ މަޞްލަޙަތު ދިފާޢުކުރުމުގެ ސިޔާސަތުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މި މައްސަލައިގައިވެސް އަދި ޚާރިޖީ ދާއިރާއާ ގުޅޭ އެހެން ކަމެއްގައިވެސް، ރާއްޖޭގެ ސިޔާދަތީ މިނިވަންކަމަށް ގެއްލުމެއް ލިބޭ ފަދަ ނިންމުމެއް ނިންމައި، އަދި އެފަދަ ކަމަކަށް ޖާގަވެސް ނުދޭނެކަމުގެ ރައީސް ސާލިޙް ވިދާޅުވިއެވެ.
ރައީސް ވަނީ ރާއްޖޭގެ ސަރަޙައްދަކީ ކޮބައިކަން، ޤާނޫނުއަސާސީގައި ސާފުކޮށް އޮންނަކަމާއި އަދި ރާއްޖޭގެ ކަނޑުގެ ސަރަޙައްދާއި އެހެން ގައުމެއްގެ ކަނޑުގެ ސަރަޙައްދާ ފުށުއަރާ ނަމަ ޢަމަލުކުރާނެ ގޮތް، ރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކާ ބެހޭ ޤާނޫނުގައި ސާފުކޮށް ބަޔާންކޮށްފައިވާކަން ފާހަގަކުރައްވާފައެވެ.
އެހެންނަމަވެސް މި މައްސަލައިގައިވެސް ވަކި މީހެއް ނުވަތަ ވަކިބައެއްގެ އަމިއްލަ ބޭނުމަކަށް، ނުވަތަ ސިޔާސީ މަޤްޞަދެއް ޙާޞިލުކުރުމަށް، އަދި ކަމުގެ ޙަޤީޤަތް އެނގި ތިބެ، ކަނޑައެޅިގެން ދޮގު ވާހަކަތައް ފަތުރައިގެން ރައްޔިތުންގެ މެދުގައި ބައިބައިވުމާއި ބިރުވެރިކަން އުފައްދަން މަސައްކަތް ކުރާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ދިވެހިރާއްޖެއިން ޗާގޯސް ނުވަތަ ފޯޅަވަހިގެ މައްސަލައިގައި މީގެކުރިން ނަގާފައިވާ “ސްޓޭންޑް” ބަދަލުކޮށްފައިވާ ކަމަށް ބުނެ ސަރުކާރަށް އަމާޒުވަމުންދާ ފާޑިކިއުންތަކަށް ޖަވާބްދާރީވުމުގެ ގޮތުން ބަންޑާރަނައިބުގެ އޮފީހުން ވަނީ ބަޔާނެއް ނެރެފައެވެ.
ޗާގޮސްގެ ސިޔާދަތާ ގުޅޭ މައްސަލައަކީ މީގެ އެތައް އަހަރުތަކެއް ކުރިން އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު އެފެދިފައިވާ، އެހެންނަމަވެސް ޙައްލުކުރެވިފައިނުވާ މައްސަލައެކެވެ. 23 އޮގަސްޓު 2019 ގައި މޮރިޝަސްގެ ފަރާތުން، ދިވެހިރާއްޖެ އާއި ޗާގޮސްއާ ދެމެދު އޮތް ކަނޑުގެ ސަރަޙައްދުގެ ތެރެއިން ފުށުއަރާ ސަރަޙައްދާ ގުޅޭގޮތުން އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޮރ ދަ ލޯ އޮފް ދަ ސީ (ޓްރައިބިއުނަލް) އަށް ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ (މުޢާހަދާ) ގެ ދަށުން މައްސަލައެއްވަނީ ހުށަހަޅާފައެވެ.
މިދެންނެވި މައްސަލައިގައި، މޮރިޝަސް އިން ހުށަހެޅި މައްސަލަ ބަލައި ކަނޑުގެ ސަރަޙައްދުގެ ބައުންޑަރީ ކަނޑައެޅުމުގެ އިޙްތިޞާޞް ޓްރައިބިއުނަލަށް ލިބިގެންނުވާކަމަށް އިޖުރާއީ ގޮތުން ދިވެހިރާއްޖެއިން ފާހަގަކުރިއެވެ. އެހެން ނަމަވެސް ޓްރައިބިއުނަލުން 28 ޖަނަވަރީ 2021 ގައި ނިންމާފައި ވަނީ މައްސަލަ ބެލުމަށެވެ.
ބަންޑާރަ ނައިބު ނެރުއްވި ބަޔާނުގައި ބުނެފައިވާ ގޮތުގައި ޓްރައިބިއުނަލްގެ އެ ނިންމެވުމާ ގުޅިގެން ދެން ކުރިއަށް ދިޔައީ ދެ ޤައުމުން ލިޔުމުން ޖަވާބުދާރީވުމުގެ މަރުޙަލާއެވެ. މި މައްސަލައިގައި ދިވެހިރާއްޖޭގެ ފަރާތުން ލިޔުމުން ޖަވާބު ހުށަހަޅާފައިވަނީ ކަމާގުޅޭ ސަރުކާރުގެ އިދާރާތަކުން މަޢުލޫމާތު ހޯދައި ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކޮށް، ދިވެހި ދައުލަތުގެ އެންމެ މަތީ މަޞްލަޙަތުތައް ޙިމާޔަތްކުރުމަށް އިސްކަންދީގެންކަން ބަންޑާރަނައިބު ފާހަގަ ކުރެއްވިއެވެ.
މި މައްސަލައަކީ ދިވެހިރާއްޖެ ފަދަ މަސްވެރިކަމަށް ބަރޯސާވާ ޤައުމަކަށް މުހިންމު މައްސަލައަކަށްވުމުން ދިވެހިރާއްޖެ ތަމްސީލުކުރުމަށްޓަކައި މި ދާއިރާއިން ފާހަގަކޮށްލެވޭ ތަޢުލީމާއި ތަޖުރިބާހުރި ބައިނަލްއަޤްވާމީ ވަކީލުންނާއި ހައިޑްރޯގްރަފީ އަދި ޖިއޮލޮޖީ ދާއިރާގެ ޚަބީރުންގެ މައްޗަށް އެކުލެވޭ ޓީމެއް ޢައްޔަނުކުރެއްވި ކަމަށް ބަންޑާރަނައުބު ވިދާޅުވެފައިވެއެވެ.
މި މައްސަލައިގައި ކަމާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާތަކާއި ޤާނޫނީ އުޞޫލުތަކާއި ނިންމުންތަކުގައިވާ ގޮތުގެ މަތިން ޓްރައިބިއުނަލްގައި ދިވެހިރާއްޖޭގެ މަޞްލަޙަތުތައް އެންމެ ފުރިހަމައަށް ދިފާޢުކޮށްފައިވާނެ ކަމަށް ބަންޑާރަނައިބުގެ ބަޔާނުގައި ބުނެފައިވެއެވެ.

