ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި އަމިއްލަ ސަރުކާރާއި ދެކޮޅަށް އެމްޑީޕީގެ ބައެއް މެމްބަރުން ވާހަކަ ދައްކައި، ގެއްލުން ދޭން މަސައްކަތް ކުރަމުން ދަނީ އިދިކޮޅު ކޮންގްރެސް ކޯލިޝަނާއި ގުޅިގެންކަމަށް ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ރައީސް މުހައްމަދު ނަޝީދާއި ދެމެދު ސިޔާސީ ގޮތުން ހިޔާލު ތަފާތުވެ ދެބޭފުޅުންގެ ދެމެދު ބައެއް ބަސްތައް ރައްދު ކުރައްވާފައި ވެއެވެ. ހާއްސަކޮށް، ރައީސް ނަޝީދު ގެންދަވަނީ ސަރުކާރަށް ވައުދުތައް ނުފުއްދޭކަމަށް ބުނެ މަޖިލީހުގެ ރިޔާސަތުގައި ހުންވައި ވިދާޅުވެ، ބޭރުގެ ބައިނަލްއަޤުވާމީ މީޑިއާތަކާއި ވެސް އެ ވާހަކަތައް ހިއްސާ ކުރައްވަމުންނެވެ.
ފަހަކަށް އައިސް މަޖިލީހުގެ ތަޅުމުގައި، އިދިކޮޅުން ސަރުކާރަށް ކިޔާ ފާޑުކިއުންތަކަށް ވުރެ އެމްޑީޕީގެ ރައީސް ނަޝީދާއި އަރިސް މެމްބަރުންގެ ނުރުހުން ގިނަވުމުން އެކަމާއި މެދު ވެސް އެއް މެމްބަރަކު އަނެއް މެމްބަރަކަށް ބަހުގެ ހަމަލާތައް ރައްދުކޮށް ޒުވާބުކޮށްފައި ވެއެވެ.
ސަރުކާރަށް ރައްޔިތުން ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދީ، ވައުދުތައް ފުއްދައި އެޖެންޑާ-19 ތަންފީޒު ކުރުމަށް އެއްވެސް މަސައްކަތެއް ނުކުރެވޭކަމަށް ބުނެ ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދޭން ނުޖެހޭކަމަށް ބައެއް މެމްބަރުން ވިދާޅުވާ ވާހަކައިގެ ރައްދުގައި ސަންގުޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމުގައި ޣަފޫރު ވިދާޅުވީ މިއީ އެތައް އަހަރެއް ވަންދެން ކުރި މަސައްކަތެއްގެ ތެރެއިން ގެނައި ވެރިކަމެއް ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާއަށް އުނދަގޫ ވާ ކަހަލަ މަސައްކަތެއް ބަޔަކު ހިންގާނަމަ، އެމްޑީޕީގެ އެހެން މެމްބަރުން މަޑުން ނުތިބޭނެކަމަށް އޭނާ ވިދާޅުވި އެވެ.
މިއީ ސިޔާސީ މަސައްކަތްތަކެއްގެ ގޮތުގައި ސިފަ ކުރައްވައި، ޣަފޫރު ވިދާޅުވީ އެމްޑީޕީގައި ތިއްބެވި ރައީސް ނަޝީދަށް ތާއީދު ކުރާ މެމްބަރުންނަށް މިއަދު ޕީޕީއެމާއި އެކު މަސައްކަތް ކުރުމަށް ވެސް މައްސަލައެއް ނެތް ކަމަށެވެ. ނަމަވެސް އެމްޑީޕީގެ އެތެރޭގައި އޮތް އިދިކޮޅަށް ލިބޭނެ އެއްވެސް ކުރިއެރުމެއް ނޯންނާނެކަމަށް ޣަފޫރު ވިދާޅުވި އެވެ.
”އެހެންވީމަ ވާނެ އެއްޗެއް ވާންވީ.. އަޅުގަނޑުމެން ފަހަތަކަށް ނުޖެހޭނަން.. ވަރަށް ސާފުކޮށް މި ދަންނަވަނީ މިއަދު އެމްޑީޕީގައި ތިބެގެން ޕީޕީއެމާއި އެއްކޮށް އެމްޑީޕީއަށް އެއްޗެހި ކިޔާ ހާލަތަށް ދިޔައީމާ އެއީ ދެން ތަންކޮޅެއް ދެރަވަރު.. އަޅުގަނޑުމެންނަކީ ވެސް ނެތް ބައެއްގެ ގޮތުގައި ސިޔާސީ މައިދާނުގައި ބަލައިގެން އުޅެގެން ނުވާނެ..“
ޣަފޫރު ވިދާޅުވީ ސިޔާސީ ގޮތުން ރައީސަށް ފިއްތުންތަނެއް ކުރިމަތި ކުރަން މަސައްކަތް ކުރި ނަމަވެސް، އެމްޑީޕީގެ ޕާލިމަންޓު ގުރޫޕުގެ ތެރޭގައި އެކަނި ވެސް ރައީސާއި އެކު ތިބި 45 މެމްބަރުން އެބަތިބި ކަމަށެވެ. އެހެންކަމުން ސިޔާސީ ގޮތުން އެބަޔަކު ވަކި މީހެއްގެ ފިކުރަށް ތާއީދު ކުރާތީ، ރައީސް ސޯލިހަށް އެއްވެސް ގޮތަކަށް ގައުމު ނުހިންގޭކަމަށް ބުނެ އެ މަންޒަރު ރައްޔިތުންނަށް ދައްކަން މަސައްކަޔް ކުރުން ގޯސްކަމަށް އޭނާ ވިދާޅުވި އެވެ.
މި ސަރުކާރުން މީގެ ކުރީގެ އެއްވެސް ވެރިކަމެއްގައި ރައްޔިތުންނާއި ހަމައަށް ގެނެސް ނުދޭހާ ކުރިއެރުންތައް ގެނެވިފައިވާކަމަށް ފާހަގަކޮށް ޣަފޫރު ވިދާޅުވީ، ރައްޔިތުންނާއި ގާތުން މަސައްކަތްކޮށް، އެ ރަށަކަށް ތަރައްގީ ގެނެސް ދިނީ ކޮން ވެރިކަމެއްގައިކަން ރައްތިތުންނަށް އެނގޭނެ ކަމަށެވެ.
”ހަމަ އަޅުގަނޑުމެންގެ އިބްރާހިމް މުހައްމަދު ސޯލިހާއި އެއްކޮށް މިތިބި 45 މެމްބަރުންނަކީ ވެސް ހަމަ ސިޔާސ ބޭފުޅުން.. އެހެންވީމަ ވަކި ބައެއްގެ ސިޔާސީ މަގްސަދު ހާސިލު ކުރުމަށް.. ނޫނިއްޔާ ސަރުކާރުން ކަންތައް ކުރާތަން ފެނުނީމަ އެކަމާއި ދެކޮޅަށް ސަރުކާރުގެ އަގު ވައްޓާލަން ވަކިބޭފުޅަކަށް ނިސްބަތްކޮށް މިފަދަ ވާހަކަތައް ދެއްކީމާ އާހިރުގައި ނިމޭއިރު ޖެހޭނީ ކޮންތާކުތޯ..؟
ޣަފޫރު ވިދާޅުވީ ހަގީގަތަކީ ކޮވިޑުގެ ދަތި ހާލަތުގައި ވެސް، އެންމެ ރަނގަޅަށް ބަލިމަޑުކަން މެނޭޖުކޮށް އިގްތިސާދަށް ބޮޑު ލޮޅުމެއް ނައިސް ރާއްޖެއިން ހިފެހެއްޓުން ކަމަށެވެ. ނަމަވެސް ހެނދުނު މަޖިލީހަށް ވަދެވުމާއި އެކު، އަމިއްލަ ސަރުކާރާއި ދެކޮޅަށް އިދިކޮޅާއި ގުޅި އެމްޑީޕީ މެމްބަރުން ވާހަކަ ދައްކަން ވީ ކޮން ސަބަބަކާއި ހެދިތޯ އޭނާ ސުވާލު އުފެއްދި އެވެ.
ރައްޔިތުންގެ މަޖިލީހަށް އިދިކޮޅުން ހުށަހަޅާ ކުއްލި މައްސަލަތަކުގައި އެމްޑީޕީގެ ބައެއް މެމްބަރުންގެ ބައިވެރިވުން ހިމެނޭކަމަށް ތުހުމަތު ކުރައްވައި ޣަފޫރު ވިދާޅުވީ، މަޖިލީހުގެ ކޯރަމް ގަސްތުގައި ގެއްލުވާލާ ހާލަތަށް ވެސް މިއަދު ގޮސްފައިވާކަމަށެވެ.
ސަރުކާރުގެ ދިފާއުގައި ކުރަން ޖެހުނު ކޮންމެ މަސައްކަތެއް ކުރާނެކަމަށް ތަކުރާރު ކުރައްވައި ޣަފޫރު ވިދާޅުވީ، އެމްޑީޕީގެ އެތެރޭގައި އިދިކޮޅު ފެކްޝަނެއް އެބައޮތް ކަމަށެވެ.

