މާލޭގެ ގަރާޖެއްގައި ރޯވެ ހިންގައިދިޔަ ނުރައްކާތެރި އަލިފާނުގެ ހާދިސާ ހިނގައިދިޔަ ގޮތް އަވަހަށް އަދި ރަނގަޅަށް ތަހުގީގު ކުރަންޖެހޭކަމަށް ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އިސްކަންދަރު މަގާއި ކޯރުކެނޑި މަގު ގުޅޭ ސަރަހައްދުގައި ހުންނަ އޭސްއެމް ކޫލް ސޮލިއުޝަންސް ކިޔާ ގަރާޖެއްގައި ރޯވެއް ހިނގައިދިޔަ ހާދިސާއާއި ގުޅިގެން ކުރެއްވި ޓްވީޓްގައި ރައީސް ނަޝީދު ވަނީ 10 ބިދޭސީ މަސައްކަތްތެރިން ނިޔާވެފައިވާ ކަމާއިމެދު އިންތިހާއަށް ކަންބޮޑުވެލައްވާކަމަށް އިޝާރާތްކުރައްވާފައެވެ.
ނިޔާވި ބިދޭސީންގެ އާއިލާތަކަށް ތައުޒިޔާ ދަންނަވައި ރައީސް ނަޝީދު ވިދާޅުވީ، އެ ހާދިސާ ހިންގައިދިޔަ ގޮތުގެ ތަހުގީގުތަކެއް އަވަހަށް އަދި ފުރިހަމައަށް ކުރަންޖެހޭކަމަށެވެ. އަދި ދިވެހިރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީ މަސައްކަތްތެރިން ދިރިއުޅެމުންދާ ހާލަތްތައް ދެނެގަތުން މުހިންމުކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
Appalled to hear the news that 10 expat workers have died in a fire in Male. My deepest condolences to the family and friends of those who perished. There must be a swift and thorough investigation into what happened, & the living conditions of expat labour in Maldives.
— Mohamed Nasheed (@MohamedNasheed) November 10, 2022
މާލޭގައި ހުންނަ އޭއެސްއެމް ކޫލް ސޮލިއުޝަންސް ގަރާޖު ރޯވި އިރު، އެ ގަރާޖުގައި ސާޅީހާއި ގާތް ކުރާ އަދަދަކަށް ބިދޭސީން ދިރިއުޅެމުންގޮސްފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އަދި 14 މީހަކު ސަލާމަތް ކުރެވިފައިވާކަމަށް ފުލުހުންގެ މުއައްސަސާއިން މައުލޫމާތު ދޭއިރު، 10 މީހަކު ނިޔާވެފައިވާކަންވެސް ކަށަވަރުކޮށްދީފައިވެއެވެ.

