ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީ ވެރިކަމަށް އައީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ 5 އަހަރުގެ ދައުރުގެ ތެރޭގައި ނުވެ ހުރި އެތައްކަމަކަށް ފާޑުކިޔާ އެކަންކަން ރަނގަޅުކުރުމަށްކަމަށް ބުނެއެވެ. ވެރިކަމަށް އައުމުގެ ކުރީގައި ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދީ، ޖަޒީރާ ވަންތަ ދިރިއުޅުމެއް ހޯދައިދީ، ފަހުރުވެރި ދިވެހި އާއިލާތަކެއްވެސް އުފެއްދިއެވެ. ވެރިކަން ލިބުމަށްފަހު ހާމަވީ މިކަން ކުރާނެ ގޮތުގެ ޕްލޭނެއްވެސް ނެތްކަމެވެ.
ވެރިކަމަށް އައުމުގެ ކުރިން ރައީސް ޔާމީންގެ ވެރިކަމުގައި އެމްޑީޕީން ކުރިހާވެސް ކަމަކީ މަގުތައް މައްޗަށް ނިކުމެ އަޑުގަދަކޮށް މުޒާހަރާ ކުރުމެވެ. ކުރާ މަސައްކަތައް ހަމައަގު ހޯދައިދީ، ގޭބިސީގެ ހަރަދުބަރަދު ހަމަޖައްސައި ބާކީ ރައްކާކުރާ ޢާއިލާތަކެއް އުފެއްދުމަށް ވަޑައިގެން ސަރުކާރުން މިއަދު މި ކުރައްވަނީ ކީއްކަމެއް ނޭނގެއެވެ. މަސްވެރިން ބާނާ މަހަށް ހޯދައިދޭނެކަމަށް ބުނި ހަމަ އަގަކީ ކޮބައިކަމެއްވެސް ނޭނގެއެވެ. އިދިކޮޅުގައި ފަސް އަހަރު، ވެރިކަމުގައި 4 އަހަރު، ޖުމްލަ 9 އަހަރު ދުވަހުން މަހަށްވާ ހަމަ އަގަކީ ކޮބައިކަން ނުބުނެވުން މިއީ ދެރަވަރު ދެރަފެންވަރުގެ ކަންކަމެވެ.
މިއަދު ގޯސް ވަނީ ހޯދައިދޭނެކަމަށް ބުނި ހައްގު މިންވަރާއި، ހޯދައިދޭން ބުނި ހަމައަގުގެ ވާހަކަދައްކާ މީހުންނެވެ. މަސްވެރިން ބާނާ މަހަށް ހަމައަގު ހޯދާ، މަސްވެރިން މަސް ކަނޑުތަކަށް ނިކުންނަން ބޭނުންވާ ޑީސަލް އާއި އައިސް ލިބޭނެ އެންމެ ފަސޭހަ ގޮތް ފަހި ކޮށްދިނުމަކީ ސަރުކާރުގެ ވައުދެކެވެ. ނަމަވެސް މަސްވެރިކަން ރަނގަޅުވާ ކޮންމެ ވަގުތެއްގައި ދިވެހިންގެ ލޭ ނާރުކަމުގައި ސިފަކުރާ މަސްވެރިކަމުގެ ނާރު ކަނޑައިގެންދެއެވެ. މީގެ 15 އަހަރު ކުރިން އޮތް ކަންބޮޑުވުން މިއަދުވެސް އޮތީ ހަމަ އެ ގޮތުގައެވެ. ދިމާވި އެންމެ ބޮޑު ގޮންޖެހުމެވެ. އަދިވެސް އަރައެއް ނުގަނެވެއެވެ. މަސްވެރިކަން ރަނގަޅުވާ ދުވަސްތަކުގައި އޭގެއިން މަންފާއެއް ނެގޭނެ ގޮތެއް ހަމަ އެއްގޮތަކައްވެސް ނުވިއެވެ. މަސްވެރިކަން ރަނގަޅުވާ ކޮންމެ ދުވަސްވަރަކީ، މަސްވެރިންނަށް ބޮޑެތި ގޮންކެހުންތަކާއި ކުރިމަތިލާން ޖެހޭ ދުވަސްވަރެކެވެ.
ވަކި ވެރިއެއް، ވަކި ސަރުކާރެއް، ވަކި ވަޒީރެއް ނެތި އެންމެން ވެސް ޒިންމާ ނަގަން ޖެހޭ މި މައްސަލައިގެ ފެށުންކަމުގައި ބުނަނީ ކެޕޭސިޓީ ނެތުމެވެ. މިއީ އަޅުގަނޑުމެންނަށް އިވޭތާ އެތައް ދުވަހެއްވެފައިވާ ވާހަކަތަކެކެވެ. ހައްލުކުރާނެހާވެސް ދުވަސްވެއްޖެއެވެ. އަދިވެސް އަޑު އިވެނީ ކުރަން ހުރި ކަންތައްތަކުގެ ވާހަކައެވެ. ކުރިކަމެއްގެ ވާހަކައެއް ނެތެވެ.
ދުވަސްވެ ހާލުގައި ޖެހިފައި އޮތް މިފްކޯގެ ކުރިއެރުމަށް އަދި ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި ހުރި މަސް ފެކްޓްރީތައް އަޕްގްރޭޓު ކުރުމަށް ފާއިތުވި 30 ވަރަކަށް އަހަރުގެ ތެރޭގައި މައްސަލަ ހައްލު ކުރުމަށް އެދެވޭ މަސައްކަތެއް ކުރެވިފައި ނެތެވެ.
އެތައް އަހަރެއްވީއިރު ވެސް ކެޕޭސިޓީ އިތުރު ކުރުމަށް މަސައްކަތް ކުރެވިފައި ނެތްކަމުގެ އެންމެ ބޮޑު މިސާލެއް ފެންނާނީ ފެލިވަރުއިންނެވެ. 1986 ވަނަ އަހަރު ހަދާފައިވާ އެ ކޭނަރީއަށް ބަދަލުތަކެއް ބޭނުންވާކަން ސަރުކާރުން ވެސް ގަބޫލު ކުރެ އެވެ. ތަން އުފެދި މިއަދާއި ހަމައަށް އެތައް އަހަރެއް ވެގެން އައިއިރުވެސް ޕްރޮސެސްކުރަނީ 50 ޓަނުގެ މަހެވެ. އަދި އޭގެ 30 އަހަރު ފަހުން ވެސް ކެޕޭސިޓީއަށް ބަދަލު ގެނެވިފައި ނެތެވެ. ތަނުގައި މީގެ ކުރިން، މަސް ފިނި ކުރުމަށް ބޭނުން ކުރި ސްޓޯރޭޖް ބޭނުން ނުކުރެވި، އެންމެ ފަހުން އައިސް އުފައްދާ ތަނަށް ވަނީ ބަދަލުކޮށްފައެވެ.
މަސްވެރިކަން ރަނގަޅުވެ ފްރީޒިން ކެޕޭސިޓީއަށްވުރެ އިތުރަށް މަސް ބާނަމުން ދާ ކޮންމެ ދަނޑިވަޅެއްގައި ފެންނަނީ މަސްވެރިން ބާނާ މަސް ކިރުން ލިމިޓްކުރާ މަންޒަރެވެ. މީގެ އިތުރުން ޑީސަލް ނުލިބުމުގެ ސަބަބުން މަސްވެރިން މަހަށް ނުފުރިފައި ތިބޭއިރު، ބާނާ މަސް ކިރޭނެ ގޮތެއްވެސް ނެތްކަމުގައި މަސްވެރިން އަންނަނީ ފާހަގަ ކުރަމުންނެވެ. އަދި ބާނާ މަސް ނުކިރި ގިނަ ދުވަސްތަކެއް ވެގެންދާއިރު އެ މަސްތައް ރައްކާތެރިކަމާއިއެކު ބެހެއްޓުމަށް ބޭނުންވާ އައިސް ލިބުމުގައިވެސް ވަނީ ދަތިތަކާއި ކުރިމަތިފައެވެ.
މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދުމަކީ މިއަހަރުގެ ފުރަތަމަ 3 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ކަނޑައަޅާފައިވާ ވައުދެއް ނަމަވެސ،ް މިއަދު ފެންނަނީ އެވާހަކަދައްކަން ނިކުންނަ މީހުން ގޯސްވާ މަންޒަރެވެ. ވެރިންގެ ވެރިއެއްގެ މަސްލަހަތު އޮތްކަމަކަށްވާތީ ޯޮސްވީ ބައެއްގެ ހައްގަށް އެރިގަތް މީހުންނެއްނޫނެވެ. ވަރު ވަރުގެ އަނިޔާތައް ކުރީ ހައްގުތައް ގެއްލުނު މީހުންނަށެވެ. ބާރުގެ ބޭނުންކޮށް ޕެޕާ ސްޕްރޭ ޖެހީ ނިކަމެތި މަސްވެރިންގެ ލޮލަށެވެ. މިއީ މަސްވެރިންނަށް ހޯދައިދޭނެކަމަށް ބުނި ހަމައަގުތޯއެވެ؟ މަސްވެރިންނަށް ހައްގު މިންވަރަކީ މިއީތޯއެވެ.
މި ވާހަކަތަކުގެ ރައްދަކީ ”ބެޔަސް ނުބެޔަސް“ ރައީސް ޔާމީން މަސްވެރިންނަށް ދޭނަންކަމަށް ބުނި 10،000 ރުފިޔާ ނުދެވުންކަމުގެ ވާހަކައެވެ. ނަމަވެސް މިއީ އެކަން ރަނގަޅުކުރަން ވަޑައިގެންނެވި ސަރުކާރެވެ.

