ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަހުގެ ހިދުމަތުގެ ސަބަބުން މާލޭގެ ޓްރެފިކަށް ލުއިތަކެއް ލިބިގެންދާނެ: އާދަމް އާޒިމް

ކުންފުނީގެ ސީއީއޯ އާދަމް އާޒިމް
ޝެއާރކޮށްލާ ކަހަލަދޯ؟

ބަސް ދުއްވާނެ ވަކި ލޭނެއް ނެތުމަކީ އެ ހިދުމަތައް ދިނުމުގައި އޮތް އެންމެ ބޮޑު އެއް ދަތިކަން ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ”ބޮލި“ ޕްރޮގްރާމްގައި ޓްރާންސްޕޯޓު ދާއިރާގެ ތެރެއިން ފާހަގަކުރެވިފައިވާ ދަތިތަކާއިމެދު ވާހަކަދައްކަވަމުން، އާދަމް ވިދާޅުވީ، ދުނިޔޭގެ ގައުމުތަކުގުގައި ބަސް ދުއްވަމުންދަނީ އެކަމަށް ހާއްސަ ކުރެވިފައިވާ ލޭނެއްގައިކަމަށެވެ. އެހެން ނަމަވެސް ރާއްޖޭގައި ހުރިހާ ޒާތެއްގެ އުޅަނދެއްވެސް ދުއްވަމުންދަނީ އެއް ލޭނެއްގައިކަމަށް އެނާ ފާހަގަކުރެއްވިއެވެ.

ބައެއް ފަރާތްތަކުން ބަސް ހިދުމަތުގެ ސަބަބުން ޓްރެފިކް ބާރު ބޮޑުވާކަަމަށް އިޝާރާތްކޮށް ފާޑުކިޔުންތައް އަމާޒުކުރާ ކަމަށް ފާހަގަކުރައްވާ އާދަމް ވިދާޅުވީ ވޭތުވެ ދިޔަ ދިހަ އަހަރުގެ ތެރޭގައިވެސް ވަކި ގަޑިތަކެއްގައި މާލޭގެ މަގުތައްމަތީގައި ޓްރެފިކު ބާރު ބޮޑު ނުވާ ދުވަހެއް އެނާއަށް ހަނދާން ނުވާކަމަށެވެ.

އާދަމް ވިދާޅުވީ، އެނާ ގަބޫލު ކުރައްވާ ގޮތުން، ބަހުގެ ހިދުމަތުގެ ސަބަބުން މަގުތައް މަތީގައި ޓްރެފިކް މަދުވެގެންދާނެއެވެ. އެނާ ވިދާޅުވީ އެވަރެޖުކޮށް ކޮންމެ ދުވަހަކުވެސް ބަހުގައި ފަސް ހާސް ވަރަކަށް މީހުން ދަތުރު ކުރާކަމަށެވެ. އަދި އެ އެންމެނަކީވެސް ބަސް ނެތް ނަމަ ކޮންމެވެސް މީހެއްގެ ސައިކަލު ފަހަތުގައި ނުވަތަ ކާރެއްގައި ދަތުރު ކުރާނެ މީހުންކަމަށް އިޝާރާތްކުރައްވާ އެނާ ވިދާޅުވީ އެެހެންކަމުން އެ ފަރާތްތައް ބަހުގައި ދަތުރު ކުރަން ފެށުމުން، އެކަމުގެ ލުއިތައް މަގުތައް މަތިން ފެނިގެންދާނެކަމަށާއި، އެންމެ ބާރު ބޮޑު ގަޑިތަކުގައި ބަސް ދަތުރު ކުރަމުންދަނީ ފުލް ކެޕޭސިޓީގައިކަމަށް އާދަމް ވިދާޅުވިއެވެ.

އާދަމް ވަނީ މި ފުރުސަތުގައި މާލޭގައި ކުރިމަތިވެފައިވާ ޕާކިންގް މައްސަލައަށްވެސް އަލި އަޅުއްވާފައެވެ. އެނާ ވިދާޅުވީ، ބަސް ދަތުރުތައް ފެށުމާއި އެކު ޕާކު ކުރުމުގެ އަހުލާގީ މިންގަނޑުތައްވެސް ރަނގަޅުވަމުން އަންނަކަން އެނާ އަށް ފާހަގަކުރެއްވޭ ކަމަށެވެ. އަދި މަޖީދީ މަގުގައި ޕާކު ކުރުމުގެ ކަންކަންވެސް ހަމައަކަށް އެޅިފައިވާކަމަށް އެނާ ފާހަގަކުރެއްވިއެވެ.

އާދަމް ވިދާޅުވީ، އެކަން ހާސިލު ކުރެވުނީ އާންމުން އެކަންކަމަށް ހޭލުންތެރި ކުރުމަށް ކުރި ގިނަ މަސައްކަތްތަކަކުން ކަމަށެވެ. އަދި މިހާރު ކޮންމެ ދުވަހެއްގައިވެސް އެތައް ހާސް ރައްޔިތުންނެއް ދަތުރު ކުރަމުންދާކަމަށްވެސް އެނާ ވިދާޅުވިއެވެ.

އެނާ ވިދާޅުވީ، ބަސް ދަތުރުތައް ކުރިއަށް ގެންދިއުމުގެ މަސައްކަތަކީ ބުރަ މަސައްކަތެއްކަމަށެވެ. އެހެން ނަމަވެސް އެކަމުގައި ޝާމިލުވާ އެ ކުންފުނީގެ ހުރިހާ މުއައްޒިފުންގެ ބުރަ މަސައްކަތުން ރައްޔިތުން ހިތްހަމަޖެހޭ ވަރުގެ ހިދުމަތެއް ދެވެމުންދާކަމަށް އެނާ ވިދާޅުވިއެވެ.

އާދަމް ވިދާޅުވީ، ބަހުގެ ހިދުމަތާއި ގުޅޭގޮތުން ލިބެނީ މަދު ޝަކުވާއެއްކަމަށެވެ. އަދި އެމްޓީސީސީއިން ކޮންމެ މަސައްކަތެއްވެސް ކުރަނީ އެންމެ ރަނގަޅު ނިޔަތުގައި ކުރުމަށް ކަމަށާއި މި ހިދުމަތާއި އެކު ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުން ބޮޑެތި ލުއިތަކެއް ލިބިގެންދާނެކަމަށް ގަބޫލު ކުރައްވާކަމަށް އެނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: