އދ އޮމަދޫ ބަނދަރު އަޕްގްރޭޑް ކުރުމާއި އއ ރަސްދޫ ބަނދަރު ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލްކޮށްފިއެވެ.
އޮމަދޫ ބަނދަރު ހެދުމުގެ މަޝްރޫއުގައި ހިމެނެނީ 49،765 ކިއުބިކް މީޓަރު އައު ބަނދަރު ފުންކުރުމާއި، 12،105 ކިއުބިކް މީޓަރުގެ ނެރު ފުންކުރުމާއި، 398 މީޓަރު ބްރޭކްވޯޓަރ ޖެހުމާއި 208 މީޓަރު ރިވެޓްމެންޓް ޖެހުމާއި 346.10 މީޓަރު ސްކޯރިންގ އެޕްރޮން ޖެހުމާއި 87 މޫރިންގ ރިންގް ހަރުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި 11 މޫރިންގ ބޮއި ހަރުކުރުމާއި 90 އަކަ މީޓަރުގެ ރޭމްޕެއް ހެދުމާއި އެކްސެސް ޕްލެޓްފޯމެއް އެޅުމާއި 2 ނެވިގޭޝަން ލައިޓް ހަރުކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫއަކީ 86.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
އއ ރަސްދޫ ބަނދަރު ބޭރުތޮށިލުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ ތެރޭގައި 104،000 ކިއުބިކް މީޓަރުގެ ސޭންޑް ފިލްޑް ބްރޭކްވޯޓަރ ރިކްލެމޭޝަން އާއި 64 މީޓަރު ބްރޭކް ވޯޓަރ ޖެހުމާއި 42 މީޓަރު ސަބްމާޖް ބްރޭކްވޯޓަރ ޖެހުމާއި 1736 މީޓަރު ރިވެޓްމެންޓް ޖެހުމާއި 224 މީޓަރު ގްރޮއިން ޖެހުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން 97 މީޓަރު އެއްގަމު ތޮށި ލުމާއި 04 ނެވިގޭޝަން ލައިޓް ހަރުކުރުމާއި 10 މަގު ބައްތި ހަރުކުރުމާއި 450 އަކަ މީޓަރު ޕޭވްމަންޓް ހެދުމާއި 43×2 މީޓަރު ކޮންކްރީޓް ބްރިޖް ހެދުމަާއި 20×2 މީޓަރު ކޮންކްރީޓް ބްރިޖް ހެދުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫއަކީ 14.5 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

