އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެޕާޓީ އިން ބޭރު ކުރުމަށް ޕާޓީގެ ކުރީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު ގޮވާލައްވައިފިއެވެ.
މޫސަ ވިދާޅުވީ އެމްޑީޕީ މެމްބަރުންގެ ބޮލަށް އެރިގެން ކުރިންވެސް ރައީސް ނަޝީދު ވަނީ މުސާރަ ލިބޭނެ މަގާމެއް މީގެ ކުރިން ހޯދާފަ ކަމަށެވެ.
ރައީސް ނަޝީދު މިވަގުތު ކުރަމުންދާ މަސައްކަތުގެ ބޭނުމަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުން ބާލަފާނެތީ އެމަނިކުފާނުގެ ފަހަތުގައި ޕާޓީގެ މެމްބަރުން ތިބިކަން ރައީސް އިބްރާހިމް މުހައްމަދު ސާލިހް އަށް ދެއްކުން ކަމަށްވެސް މޫސަ ވަނީ ވިދާޅުވެފައެވެ.
MDP ގެ ރައީސަކަށް ހުރެގެންޕާޓީ ގެމެމްބަރުންތަކެއްގެ ބޮލަށްއެރިގެން ކުރިންވެސްއޮތީ މުޅިއުމުރަށްމުސާރަ ލިބޭނެ މަޤާމެއް ހޯދާފަ މިހާރުނަޝީ ދުގެބޭނުމަކީ މަޖްލިސްގެރައީސްކަމުން ބާލަފާނެތީ ތިމަންނަފަހަތުގަ ޕާޓީ މެމްބަރުންތިބިކަންދެއްކުން؟ މީނަ ޕާޓީން ބޭރުކުރޭ@ibusolih
— Moosa Maniku (Reeko) (@ReekoMoosa) February 2, 2023
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސާލިހް ވަނީ ރައީސް ނަޝީދު ބަލިކޮށް އިންތިހާބު ކާމިޔާބު ކުރައްވާފައެވެ. އެހެންކަމުން ރައީސް ސާލިހް އަކީ އެމްޑީޕީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޕާޓީގެ ރިޔާސީ ކެންޑިޑޭޓެވެ.
އެމްޑިޕީ ރިޔާސީ ޕްރައިމަރީން ބަލިވުމުން ޕާޓީތެރެއިން ”ފިކުރެއްގެ ދިރުން“ ގޮތްޕެއް ހެދުމުގެ މަސައްކަތް ރައީސް ނަޝީދު ފެށުމާ ގުޅިގެން މޫސަ ވިދާޅުވީ ކޮންމެ އަހަރަކުވެސް ފެބްރުއަރީ މަސް ތެރޭގައި ހަނދު ބޮޑުވަނީބާއޭ ހިތަށް އަރާ ކަމަށެވެ. މޫސަ އެ އިޝާރާތް ކުރެއްވީ ފެބްރުއަރީ 7، 2012 ގައި އެމްޑީޕީ އާއި ނަޝީދުގެ ފުރަތަމަ ވެރިކަން ވެއްޓުނު ހާދިސާއަށެވެ.
މޫސަގެ އިތުރުން މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވެސް މީގެ ކުރިން ވިދާޅުވެފައިވަނީ ރައީސް ނަޝީދު ކަންތައް ކުރައްވަމުން ގެންދަވަނީ ޑީއާރުޕީ ދެބައިކުރުމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ޒެޑް ޑީއާރުޕީގެ ނަމުގައި ވަކި ފެކްޝަނެއް އުފައްދައިގެން މަސައްކަތް ކުރެއްވި ކަމަށެވެ. އަދި ރައީސް މައުމޫނު ޑީއާރުޕީ ދޫކޮށް ޕީޕީއެމް އުފައްދަވައި އަދި ޕީޕީއެމް ދޫކުރައްވައި އެމްއާރުއެމް އުފެއްދެވުމުންވެސް ޕީޕީއެމް ދެބައިނުވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.
އެމްޑީޕީ ވެރިކަމުގައި އޮވެ ޕާޓީ ބައިބައިވުމަކީ ފަސޭހަ ކަމެއް ނޫން ކަމަށްވެސް ޝަރީފް ވަނީ ވިދާޅުވެފައެވެ.
ރައީސް ނަޝީދު އެމްޑީޕީގެ ތެރެއިން ފިކުރެއްގެ ދިރުމުގެ ނަމުގައި ގޮތްޕެއް ހަދައިގެން ސިޔާސީ މަސައްކަތް ކުރުމަށް ގޮވާލާ އަމަލީ ގޮތުން މަސައްކަތް ކުރައްވަމުން ދާ މިދަނޑިވަޅުގައި ގިނަ ބައެއްގެ ފާޑުކިޔުން އެމަނިކުފާނަށް ވަނީ އަމާޒުވެފައެވެ.
ޕާޓީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލްވެސް މީގެ ކުރިން ވިދާޅުވެފައިވަނީ އެމްޑީޕީގެ އަސާސީ ގަވައިދާއި، ޕާޓީގެ އުސޫލު ބަދަލުކޮށް”ފިކުރެއްގެ ދިރުން ގެ ނަމުގައި އިތުރު ހަރަކާތެއް ހިންގައި 2023 ގެ ކެނޑިޑޭޓާއި ގުޅޭގޮތުން ގޮތެއް ނިންމަން ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް އިތުރު ހަރަކާތެއް ހިންގުމުގެ ފުރުސަތު ނުދެވޭނެ ކަމަށް ވިދާޅުވެ އެކަމާ މެދު އަލުން ވިސްނާލުމަށް ރައީސް ނަޝީދަށް ފައްޔާޒް ވަނީ ގޮވާލައްވާފައެވެ.


One Response
ފިކުރެއްގެ ދިރުމެކޭ ކިޔައިގެން އިބިލީސް އުޅެނީ ބަގާވާތްކުރަން.