ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންސާފު ހޯދައިދޭ ވާހަކަދައްކަނީ ސިޔާސީ މަންފާއަށް!

މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަން.
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖެއަކީ ދުނިޔޭގެ އެެހެން ގައުމުތަކާއި އަޅާބަލާއިރު ނިސްބަތުން މީހުން މަދު ގައުމެކެވެ. އަދި އެހެން ގައުމުތަކާއި ހިލާފަށް ރާއްޖޭގެ ރަށްތައް ވަކި ވަކިން އޮންނައިރު، މިއީ އަމާންކަމާއި ސުލްހަ މަސަލަސް ގާއިމްކުރަން ހުޅޫވޭ އިތުރު ދޮރެކެވެ. ރާއްޖޭގެ ރަށްތައް ކުޑަވެފައި އާބާދީ މަދު ނަމަވެސް ކުށްކުރާ މިންވަރު އާބާދީ އާއި އަޅާބަލާއިރު، އިންތިހާއަށް ގިނައެވެ. މުޖުތަމައުގެ ތެރޭގައި އޮންނަން ޖެހޭ ހަމަޖެހުމާއި އަމާންކަމާއި، ރައްކާތެރިކަމެއް މިއަދު ނެތެވެ.

އެންމެ މީސްކޮޅު މަދު ރަށުންވެސް އިވެނީ ބިރުން ސިހިގެންދާފަދަ ވާހަކަތަކެވެ. ދާދި ފަހުން ދިވެހިން ސަމާލުކަމަށް އައި އެއް ވާހަކައަކީ ނ މަނަދޫގައި 21 ތަނަށް ވަޅިން ހަމަލާ ދިނުމަށްފަހު މަރާލާފައިވާ އުމުރުން 62 އަހަރުގެ ނައީމާ މޫސާގެ ވާހަކައެވެ. މިފަދައިން އަނިޔާވެރި ގޮތަކަށް އަދި ވީނުވީއެއް ނޭނގި މަރާލާފައިވާ މީހުންގެ މައްލަތައް އިންތިހާއަށް ގިނަވެގެންދާއިިރު، މިކަންކަމަށް ހައްލު ހޯދައިދިނުމަށް އަދި މިފަދަ އާއިލާތައް އިންސާފު ހޯދައިދިނުމަށް ސަރުކާރުތަކުން ވާ ވައުދު ފުއްދޭ މަންޒަރެއް ނުފެނެއެވެ. އަދި މިފަދަ މައްސަލަތަކުގައި އެންމެ އެކަށީގެންވާ ތަހުގީގެއް ހިންގޭ މަންޒަރެއްވެސް ނުފެނެއެވެ.

ފާއިތުވެ ދިޔަ އަހަރުގެ ތެރޭގައިވެސް އަނިޔާވެރި ގޮތަކަށް އެތައް ބަޔަކު މަރާލާފައިވާއިރު، ފުލުހުންގެ އިހުމާލު އޮތް މައްސަލަތައްވެސް ފެނިގެން ދިޔައެވެ. ހުޅުމާލެއިން ގެއްލިގެން ހޯދަމުން ދަނިކޮށް، އޭގެ ދެ ހަފްތާ ފަހުން އޭނާ އެންމެ ފަހުން ފެނުނުކަމަށް ފުލުހުން ބުނާ ރެޑްބުލް ދަނޑާއި ޖެހިގެން އޮތް ބޯ ގަސްތަކުގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނު ޒުވާނާގެ މައްސަލަ ހިނގައި ދިޔަ ގޮތަށް ބެލުމުންވެސް ސަރުކާރާއި، ކަމާއި ބެހޭ ފަރާތްތަކުން މިފަދަ ބޮޑެތި މައްސަލަތަކަށް ސަމާލުކަން ނުދޭކަން ފާހަގަކުރެވޭނެއެވެ. ފުލުހުންގެ ބެލުމުގެ ދަށުގައި ތިއްބާވެސް މީހުން ދުނިޔެ ދޫކޮށްފައިވާއިރު، މިކަންކަމުގެ ޒިންމާ ފުލުހުން ނަގާ މަންޒަރެއް ނުފެނެއެވެ. އަދި ޖަވާބުދާރީވާ މަންޒަރުވެސް ނުފެންނައިރު، ފެންނަނީ ކަމުން ރެކެން އެހެން މީހަކާއި ޒިންމާ މަތިކުރަން މަސައްކަތްކުރާ ތަނެވެ. އަދި އެންމެ މަތީ ވެރިންގެ ގޮތުގައި ކަނޑައަޅާފައިވާ ފަރާތްތަކުންވެސް ކަން ހިނގައި ދިޔަ ގޮތް ދެނެގަތުމުގެ ބަދަލުގައި މަސައްކަތްކުރަނީ މަގާމު ދިފާއުކުރާށެވެ.

ގިނަ ބަޔެއްގެ ހަދާނުގައި އަދިވެސް ހުންނަ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާން ރަހީނުކޮށް ވަގަށް ނެގި މައްސަލައަށްވެސް 8 އަހަރަށްވުރެ ގިނަ ދުވަސްވެގެންދާއިރު، އަދިވެސް ރިޟްވާން އާއި އޭނާގެ އާއިލާއަކަށް އިންސާފެއް ނުލިބެއެވެ. ގެއްލުވާލާފައިވާ މީހުންނާއި، މަރާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އުފެއްދި މަރު ކޮމިޝަނުން ރިޟްވާނު ގެއްލުވާލި ހާދިސާއާއި، ރިޟްވާންގެ މަރު ތަހުގީގު ކުރުމަށް ފަހު ވެރިކަމުގެ ފުރަތަމަ 100 ދުވަހު ހާމަކުރާނެކަމަށް މިހާރު ވެރިކަމުގައި ހުންނެވި ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވަނީ ވައުދުވެފައެވެ. ސަރުކާރުން ކޮމިޝަން އުފައްދަވާފައި ވަނީ މިފަދަ މައްސަލަތައް އެކަށީގެންވާ ގޮތެއްގައި ކަމާއި ބެހޭ މުވައްސަސާތަކަށް ތަހުގީގު ނުކުރެވޭކަމަށް ގަބޫލު ކުރެވޭތީއެވެ. ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސްއަށް ލިބިދޭ އިހްތިޔާރުގެ ދަށުން، ރައީސްގެ ގަރާރަކުން މި ކޮމިޝަން އުފެއްދެވީ، 1 ޖަނަވަރީ 2012 އިން ފެށިގެން 17 ނޮވެންބަރު 2018 ގެ ނިޔަލަށް ހިނގާފައިވާ މަރުތަކުގެ ހަގީގަތް ހޯދުމަށެވެ.

މި މުއްދަތުގެ ތެރޭގައި އެތަކެއް މަރެއް ހިނގައިގެން ގޮސްފައިވާއިރު، ރައީސް ސާލިހަށް ތާއީދު އޮތް ފަރާތްތަކުގެ ހިތްހަމަނުޖެހުން ރައްދުވުމުން މަޝްރަހު ފިނިކޮށްލަން ހެދި ރިޔާސީ ކޮމިޝަންތަކުންވެސް އެއްވެސް ނަތީޖާއެއް ނުނިކުމެ އިސްރާފްވީ ފައިސާއެވެ. މިއީ މިއަދު އެންމެ ގިނަ ބަޔަކު ދައްކާ ވާހަކައެވެ. މިހާރު މިއޮތް ސަރުކާރަކީ އަދި މިހާތަނަށް ދިވެހި ދިގު ތާރީހުގައިވެސް އެންމެ ގިނަ ރިޔާސީ ކޮމިޝަންތައް ނުވަތަ ކޮމެޓީތައް އުފެއްދެވި އެއް ސަރުކާރެވެ. ނަމަވެސް ނިކުތް ނަތީޖާއެއް ނެރެވުން ނަތީޖާއެއް، އިންސާފު ލިބުނު މައްސަލައެއް ނެތެވެ. ކޮމިޝަންތަކެއް އުފައްދައިގެން ކޮމިޝަނުގެ ރައީސްކަމާއި އޭގެ ދަށުންވެސް އެތައް ބަޔަކަށް ވަޒީފާ ދީ ރައްޔިތުންގެ އަތުން ނަގާ ޓެކްސް ފައިސާއިން އެމީހުންނަށް މުސާރަ ދީ ދައުލަތުގެ ބައިތުލްމާލު ހުސްކުރުން ނޫންކަމެއް އަދި މިވީހާތަނަށް ވެފައެއް ނެތެވެ.

އުފެއްދެވި ކޮމިޝަންތައް ދިރެނީ ކޮންމެސް އިންތިހާބަކާއި ގާތްވުމުންނޭ ބުނުމުން ދޮގަކަށް ނުވާނެއެވެ. ރިޟްވާންގެ މައްސަލައިގައިވެސް ފެނިގެން ދިޔައީ އިންސާފު ހޯދައި ނުދެވޭތީ ރައްޔިތުންގެ ފާޑުކިއުންތައް އަމާޒުވުމުން ކުއްލިއަކަށް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި ކޮންމެސް އިދިކޮޅު ނުވަތަ ވާދަވެރި ފަރާތަކާއި މައްސަލަ ގުޅުވަން އުޅުން މަންޒަރޭ ބުނުމުންވެސް ދޮގަކަށްނުވާނެއެވެ. އެއީވެސް އިންތިހާބަކާއި ކައިރިވެފައިވަނިކޮށެވެ. މިހެން ކަން ހިނގުމުން، އިއްތިފާގެކޭ ބުނުމުން ގަބޫލުކުރަން ހަމަ ދަތިވާނެއެވެ.

ދިވެހި މުޖުތަމައުގެ ތެރެއިން ކޮންމެ ދިމާލަކަށް ބަލާލި ނަމަވެސް ފަހުން ނިކުމެދާނެ ނަތީޖާއަކަށް ބަލައި، ދުރާލާ ފިޔަވަޅުތަކެއް އަޅާފައި ހުންނަ މަންޒަރެއް ނުފެނެއެވެ. މުޅި ގައުމުގެ މަސްލަހަތައް ބުރޫ އަރައި ހަމަޖެހުން ގެއްލޭ ކަންތައްތައް ހިނގުމުގެ މައިގަނޑު ސަބަބަކީ އެއީކަމުގައި ބުނެވިދާނެއެވެ. ހިތާމަވެރި ހާދިސާއެއް ހިނގައި، ބަޔަކަށް ބޮޑެތި ގެއްލުންތަކެއް ލިބުމަށްފަހު ނޫނީ ކަމާއި ބެހޭ ފަރާތްތަކުގެ ސަމާލުކަމަކަށްވެސް މިފަދަ ކަންކަމެއް ނާދެއެވެ. “ވާނެ އެއްޗެއްވެ ނިމުނީމައި” ފިޔަވަޅު އަޅައިގެން އެކަންތައް ތަހައްމަލުކުރި ފަރާތްތަކަށް ވާނެ ފައިދާއެއް ނޯންނާނެއެވެ.

މަރުތަކުގެ މައްސަލައާއި ދިވެހި މުޖުތަމައުގެ ތެރޭގައި ހުރި އެހެންވެސް މައްސަލަތަކާއި ކުށްތައް އިތުރުވެގެން ދިއުމުގެ ސަބަބަކީ ފިޔަވަޅު ނޭޅުމެވެ. ކުށް ކުރާ މީހާއަށް ފިޔަވަޅު ނޭޅޭނަމަ، އެއީ އެކުށަށް އަރައިގަންނަން ބޭނުންވެފައި ތިބޭ މީހުންނަށް ލިބޭ އިތުރު ހިތްވަރެކެވެ. އިންސާފު ހޯދައިދޭ ވާހަކައަކީ ސިޔާސީ ބޭނުމެއްގައި ދައްކާ ވާހަކަތަކެއްގެ ބަދަލުގައި ގައުމަށާއި ރައްޔިތުންގެ ފައިދާ އާއި މަސްލަހަތަށް ދައްކާވާ ވާހަަކައަކަށް ހެދުމުން ނޫނީ ދިވެހިރާއްޖޭގައި ހުރި ގިނަ މައްސަލަތަކަކަށް ހައްލެއް ނުލިބޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: