ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2023 ވަނަ އަހަރުގެ 1 ވަނަ ކުއާޓަރގައިވެސް އެސްޓީއޯއިން ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހާސިލްކޮށްފި

އެސްޓީއޯ ހެޑް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެސްޓީއޯއިން ވަނީ އެ ކުންފުނީގެ 2023 ވަނަ އަހަރުގެ 1 ވަނަ ކުއާޓަރގެ ރިޕޯޓް، އެ ކުންފުނީގެ ވެބްސައިޓުގައި މިއަދު ޕަބްލިޝްކޮށްފައެވެ.

ފާއިތުވި ކުއާޓަރއަކީ އަނެއްކާވެސް އެސްޓީއޯއަށް ކާމިޔާބު ކުއާޓަރއެއް ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

ހިސާބުތައް

އެސްޓީއޯގެ 2023 ވަނަ އަހަރުގެ އެއް ވަނަ ކުއާޓަރގެ ހިސާބުތައް ވަނީ 30 އޭޕްރިލް 2023 ވަނަ ދުވަހު މި ކުންފުނީގެ ވެބްސައިޓްގައި ޢާއްމުކުރެވިފައެވެ.

އެސްޓީއޯގެ ފުރަތަމަ ކުއާޓަރގެ ޖުމްލަ އާމްދަނީގެ ގޮތުގައި ވަނީ 4.4 ބިލިއަން ރުފިޔާ ލިބިފައެވެ.  މިއީ އޭގެ ކުރީ އަހަރުގެ ފުރަތަމަ ކުއާޓާރއާ އަޅާ ބަލައިއިރު 10 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެ މައިގަނޑު ސަބަބަކީ ކުންފުނިން ކުރަމުން ގެންދާ އެހެނިހެން ވިޔަފާރިތަށް ކުރިއަރާ މި ވިޔަފާރިތަކުން ލިބުނު އާމްދަނީ އިތުރުވެފައިވުމެވެެ. ނަމަވެސް ކުންފުނީގެ މައިގަނޑު ވިޔަފާރި ކަމަށްވާ ތެލުގެ އަގަށްއާއި ބަދަލާއިއެކު، މިދިޔަ އަހަރުގެ ހަތަރު ވަނަ ކުއާޓާރއާއި އަޅާބަލައިރު އާމްދަނީ ވަނީ 3 އިންސައްތައިން ދަށްވެފައެވެ.

ކުންފުނީގެ ޖުމްލަ އާމްދަނީ އިތުރުކުރެވުމާއިއެކު ޖުމްލަ ފައިދާގެ ގޮތުގައި ވަނީ 809 މިލިއަން ރުފިޔާ ލިބިފައެވެ. މިއީ އޭގެ ކުރީ ކުއާޓާރއާ އަޅާ ބަލައިއިރު 19 އިންސައްތައިގެ ކުރިއެރުމެކެވެ. ޖުމްލަ ފައިދާ އިތުރުވުމާއިއެކު ހިންގުމުގެ ފައިދާގެ ގޮތުގައި ވަނީ 503 މިލިއަން ރުފިޔާ ލިބިފައެވެ.

ޓެކްސްއަށް ކެނޑުމުގެ ކުރިން މިކުއާޓާރގެ ސާފު ފައިދާއަކީ 436 މިލިއަން ރުފިޔާއެވެ. ޓެކުހަށް ކެނޑުމަށްފަހު، މި ކުއާޓާރގެ ސާފުފައިދާގެ ގޮތުގައި ވަނީ 368 މިލިއަން ރުފިޔާ ލިބިފައެވެ. މިއީ އޭގެ ކުރީ ކުއާޓާރއާއި އަޅާބަލައިއިރު 37 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެ މައިގަނޑު ސަބަބަކީ، މަތީގައި ބަޔާންކުރެވުނު ފަދައިން،  ކުންފުނިން ކުރަމުން ގެންދާ ވިޔަފާރީތައް ރަގަޅުކުރެވި ޖުމްލަ ފައިދާ އިތުރުކުރެވިފައިވުމާއި އަދި ހިންގުމުގެ ހަރަދު އޭގެ ކުރީ ކުއާޓާރއާއި އަޅާބަލައިއިރު ދަށްކުރެވިފައިވުމެވެ..

މުހިއްމު އިވެންޓްތައް

  • ފާއިތުވި ކުއާޓަރގައި ހިންގާފައިވާ ބައެއް މުހިއްމު ހަރަކާތްތަކުގެ ތެރޭގައި ކުންފުނީގެ ޕްރޮކިއުމަންޓް ޕްރޮސެސް ވީހާވެސް ދެފުށް ފެންނަ، ހަރުދަނާ އުސޫލަކުން ކުރިޔަށް ގެންދިއުމުގެ ގޮތުން، ބައިނަލްއަޤްވާމީ އީ.އާރ.ޕީ މޮޑިއުލް، އެސް.އޭ.ޕީ އަރީބާ ވަނީ ޤާއިމްކުރެވިފައެވެ.
  • 2022 ވަނަ އަހަރުގެ 4 ވަނަ ކުއާޓަރގެ ހިސާބުތައް، ސީ.އެމް.ޑީ.އޭ ކޯޑުގައި ބަޔާންކޮށްފައިވާ ސުންގަޑިއަށް އެސްޓީއޯއިން ވަނީ ޕަބްލިޝްކޮށްފައެވެ.
  • ދުނިޔާގެ ކުންފުނިތަކާއި އެހެނިހެން މުއައްސަސާތަކުން އެންމެ ބޮޑަށް މިހާރު ދެކެވެމުން އަންނަ “ސަސްޓޭނަބިލިޓީ” އިޝޫތަކާބެހޭގޮތުން އެސް.އޭ.ޕީއާއެކު ހާއްސަ ފޯރަމްތަކެއް ވަނީ ބާއްވާފައެވެ. މި ފޯރަމްތަކުގެ މައިގަނޑު ބޭނުމަކީ އެސްޓީއޯއަށް މި ދާއިރާގައި އެޅެންހުރި ފިޔަވަޅުތައް ބަލާ، އެންމެ މެޓީރިއަލް ޓޮޕިކްތައް ފާހަގަކުރުމެވެ.
  • އެސްޓީއޯގެ މުވައްޒަފުންނަށް ހާއްސަކޮށްގެން، އެސްޓީއޯ “ލިޓަލް ވޮންޑަރސް” ޕްރޮގްރާމް ފަށާފައިވަނީވެސް މިދިޔަ ކުއާޓަރގައެވެ. އެގޮތުން މި ޕްރޮގްރާމްގެ ދަށުން އެސްޓީއޯ ސްޓާފުންގެ ދަރީންނަށް ރާއްޖޭގެ ޑޭ-ކެއަރ ފެސިލީޓީތަކުގެ ޚިދުމަތް ހޯދުމުގައި އެސްޓީއޯއިން މާލީ އެހީތެރިކަން ދިނުމަށް ވަނީ ހަމަޖެހިފައެވެ.
  • އެސްޓީއޯއިން ގަލްފު ފުޑް އެކްސްޕޯގައި އެސްޓީއޯގެ ބައެއް މުދާ، ބައިނަލްއަޤްވާމީ މާކެޓަށް ވިއްކުމަށްޓަކައި ބައިވެރިވެފައިވެއެވެ. މިއީ މިފަދަ ފެއާ އެއްގައި އެގްޒިބިޓަރއެއްގެ ގޮތުގައި އެސްޓީއޯއިން ބައިވެރިވެފައިވާ ފުރަތަމަ ފަހަރެެެވެ.
  • ހަމަމިއާއެކު، ދުނިޔާގެ ކެންސަރ ދުވަހު، އެސްޓީއޯއިން ވަނީ ކެންސަރ ސްކްރީންކުރުމުގެ ފުރުސަތުތަކެއް މުވައްޒަފުންނަށް ފަހިކޮށްދީފައެވެ.
  • އެސް.އޭ.ޕީ އެސް ފޯ ހަނާ – އެސްޓީއޯގެ އޮޑިހަނު ޕްރޮގްރާމް – ފަށާފައިވަނީވެސް މިދިޔަ ކުއާޓަރގައެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަޤްސަދަކީ ކުންފުނީގެ އީ.އާރ.ޕީ ޕްލެޓްފޯމް އަޕްގްރޭޑްކުރުމެވެ. މުވައްޒަފުންގެ “ޕްރިވިލެޖް ޕްރޮގްރާމްގައި” ފާއިތުވި ކުއާޓަރގެ ތެރޭގައި އޭސް ހާޑްވެއަރ، ލެ ޕަރފިއުމް، މޫވް އެންޑް ޕިކް އަދި ވައިޓަލްކެއަރއިން ބައިވެރިވެފައިވެއެވެ. މި ޕްރޮގްރާމްގެ ދަށުން އެސްޓީއޯއާއެކު ޕާޓްނަރވާ ފަރާތްތަކުން އެސްޓީއޯގެ މުވައްޒަފުންނަށް ޑިސްކައުންޓްފަދަ ކަންކަން ފަހިވެގެންދެއެވެ.
  • އަންހެނުންގެ ދުވަހަށް ހާއްސަކޮށްގެން އެސްޓީއޯއިން ވަނީ ޓެކްނިކަލް ދާއިރާތަކުން އަންހެނުން ތަމްރީންކޮށް، ޖޮބް-ގެރަންޓީ 11 ޖާގަ ހުޅުވާލާފައެވެ.
  • ހުޅުމާލޭގެ ރައްޔިތުންނަށް ފަސޭހަވާނެހެން، ދެވަނަ ފޭސްގައި އެސްޓީއޯ ރޯދަ މާޓްވެސް ހުޅުވުނީ 2023 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގައެވެ.
  • އެސްޓީއޯ ގްރޫޕް ކުންފުނިތަކުގެ ދެވަނަ ގެދަރިންއާއެކު މާހެފުންވެސް ބާއްވާފައިވެއެވެ.
  • އަދި ބައެއް ޕޮލިސީތައް ތަޢާރަފްކޮށް، އިސްލާޙްވެސް ކުރެވިފައިވެއެވެ. އެގޮތުން އަލަށް ތަޢާރަފްކުރެވުނީ ޕަރފޯމަންސް މެނޭޖްމަންޓް ޕްރޮސީޖަރއާއި ޓެލަންޓް މެނޭޖްމަންޓް ޕްރޮސީޖަރއެވެ.

މާކެޓިންގ ހަރަކާތްތައް

މިކަންކަމުގެ އިތުރުން، ފާއިތުވި ކުއާޓަރގައި އެސްޓީއޯގެ ކަސްޓަމަރުންނަށް ހާއްސަކޮށްގެން، ބޮޑެތި އިނާމްތަކާ ޑިސްކައުންޓްތަކާއެކު، އެސްޓީއޯ ރަމަޟާން ބާޒާރު ފަށާ، ހިޓާޗީގެ މުޅިން އައު ބައެއް މުދާ ރާއްޖޭގެ މާކެޓަށް ތަޢާރަފްކޮށްފައިވެއެވެ. ހަމަމިއާއެކު ހައިޕަރމާކެޓް ކޮންސެޕްޓަށް އެސްޓީއޯ ޕީޕަލްސް ޗޮއިސް ބަދަލުކުރެވުނުތާ 1 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކޮށްފައިވެސްވެއެވެ. މީގެ އިތުރުން އެސްޓީއޯގެ މާކެޓިން ކޮންސެޕްޓް ރީ-ސްޓްރެޓަޖައިޒްކޮށް ޒުވާން އޯޑިއެންސްއަކަށް ޓާގެޓެޑްކޮށް އެންގޭޖްމެންޓް އުފެއްދުމަށް ޕްރޮގްރާމްތަކެއް ހިންގުނެވެ.

ސީއެސްއާރ އަދި ސްޕޮންސަރ

ސީއެސްއާރ އަދި ސްޕޮންސަރގެ ދަށުން އެސްޓީއޯއަކީ އަބަދުވެސް ގިނަ އެހީތެރިކަމެއް، ފޯރުކޮށްދެމުން އަންނަ، މުޖްތަމަޢުއަށް މުހިއްމު ބައިވެރިއެކެވެ. އެސްޓީއޯގެ ސީއެސްއާރ އަދި ސްޕޮންސަރ ބެހިފައިވަނީ މައިގަނޑު 4 ބަޔަކަށެވެ.

އެގޮތުން، ކުޅިވަރާ، ޒުވާނުން އަދި މުނިފޫހިފިލުވުމުގެ ބައިން، އެސްޓީއޯއިން ވަނީ މޯލްޑިވްސް ޔޫސް ސަރފް ޑިވަލޮޕްމަންޓް ޕްރޮގްރާމް، ނެޝަނަލް ބިލިއަރޑް ޗެމްޕިއަންޝިޕް، މޯލްޑިވްސް ރޭސިންގ އެސޯސިއޭޝަންގެ 2023 ވަނަ އަހަރުގެ އިވެންޓްތައް، އެހް ކާފް އިން އޯގަނައިޒްކޮށްގެން ބާއްވާފައިވާ “ނޮއިސް” މިއުޒިކް ފެސްޓިވަލް އަދި މީގެ އިތުރުންވެސް އެކިއެކި ކުޅިވަރު މުބާރާތްތަކާއި ކޮމްޕެޓިޝަންތައް ސްޕޮންސަރކޮށްފައެވެ.

ތަޢުލީމާއި ސްކިލް ޑިވަލޮޕްމަންޓްގެ ދަށުން، ލާމު ގަން ރީޖަނަލް ހޮސްޕިޓަލުން އިންތިޒާމްކޮށް ބޭއްވި ހޭހަލް ކޮންފަރެންސް، މީޑިޔާ ކައުންސިލުން ހިންގަވާ ސްޓޫޑަންޓް ޖަރނަލިޒަމް ޕްރޮގްރާމް އަދި ޕޮލިސް ރިޒަރޗް އެންޑް އިނޮވޭޝަން ކޮންފަރެންސް ސްޕޮންސަރކޮށްފައިވެއެވެ.

މުޖުތަމަޢު ބިނާކުރުމުގެ ދަށުން، އެސްޓީއޯއިން ވަނީ ސްކޫލްތަކާއި، ހެލްތު ސެންޓަރތައް އަދި ކައުންސިލްތަކާއި، މިސްކިތްތަކާއި އެފަދަ އެހެންވެސް ފަރާތްތަކަށް ކުލަ، ކޮންސްޓްރަކްޝަން ސާމާނު، ކޮމްޕިއުޓަރ، ޓީވީ، އޭސީ އަދި ފަރުނީޗަރ ފަދަ ތަކެތި ފޯރުކޮށްދީފައެވެ. އެގޮތުން މަމްްސް އެންޖީއޯއާ ގުޅިގެން، ބައެއް އާއިލާތަކަށް ހަދިޔާ ފޯރުކޮށްދީފައިވެއެވެ. ޔޫ.އެން.ޑީ.ޕީއާއި ގުޅިގެން ކައުންސިލް އިނޮވޭޝަން ޗެލަންޖް ސްޕޮންސަރކޮށްދީފައެވެ. އަދި ނީލަން ފިހާރައިގައި ރޯވި އަލިފާނުގައި އަސަރުކުރި ފަރާތްތަކަށް ބޭނުންވާ މުދާ، ނެޝަނަލް ޑިޒާސްޓަރ މެނެޖްމަންޓާއި ގުޅިގެން، އެސްޓީއޯގެ ސްޕޮންސަރޝިޕްގެ ދަށުން ވަނީ ހަމަޖައްސައިދީފައެވެ. ހަމަމިއާއެކު އިސްލާމީ މަރުކަޒުގެ މިހުރާބްގެއަށް ބޭނުންވާ ކާޕެޓް ހަދިޔާކޮށްފައެވެ.

ސިއްހަތާއި ދުޅަހެޔޮކަން، މި ބައިގެ ދަށުން، އެސްޓީއޯއިން ވަނީ އެކި މެޑިކަލް އިކުއިޕްމަންޓް، ހެލްތު ސެންޓަރތަކަށް ހަދިޔާކޮށްފައެވެ.

އެ ކުންފުނިން ބުނާގޮތުގައި އެ ކުންފުނީގެ އަމާޒަކީ ހަމައެކަނި ވިޔަފާރިތައް އިތުރުކުރުން ނޫންކަމަށާއި ޖުމްލަކޮށް، ފުދިގެންވާ މުޖުތަމަޢުއެއް އުފެއްދުމަށް އެހީތެރިވެދިނުމެވެ.

ހިއްސާ

ފާއިތުވި ކުއާޓަރގައި އެސްޓީއޯގެ ހިއްސާ ވަނީ އެންމެ މަތިން 1450ރ. އަދި އެންމެ ދަށުން 1200ރ. ގައި ޓްރޭޑްކުރެވިފައެވެ. ފާއިތުވި ކުއާޓަރގައި ޖުމްލަ 56 ހިއްސާ މުއާމަލާތުކުރެވިފައިވާއިރު އެސްޓީއޯގެ މާކެޓް ކެޕިޓަލައިޒޭޝަން އުޅެނީ 1735 މިލިއަން ރުފިޔާގައެވެ. އަދި ކުންފުނީގެ ހިއްސާއަކަށް ޖެހުނު ފައިދާ ހުރީ 327ރ. ގައެވެ.

ބޯޑުގެ މުހިއްމު ނިންމުންތައް

މި ކުއާޓަރގައި އެސްޓީއޯގެ ބޯޑުން ނިންމަވާފައިވާ މުހިއްމު ކަންކަމުގެ ތެރެއިން ފާހަގަކޮށްލެވެނީ، ފެނަކައިން އެސްޓީއޯއަން ލިބެންހުރި ފައިސާއާމެދު ގިނަ މަޝްވަރާތަކެއް ކުރެވި، އެކަންކަމާބެހޭގޮތުން ކަމާބެހޭ ފަރާތްތަކަށް މަޢުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން، ބައެއް މުހިއްމު ފިޔަވަޅުތައްވެސް އަޅާފައިވުމެވެ.

މި ކުއާޓަރގެ ކާމިޔާބީއަށްޓަކައި އެސްޓީއޯ އިން ވަނީ ކުންފުނީގެ މުވައްޒަފުންނަށް އެ ފަރާތްތަކުން ކޮށްފައިވާ ބުރަ މަސައްކަތަށް އައްސަރިބަހާ ސާބަސް ދަންނަވާ، ޝުކުރު އަދާކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: